މާލޭ ކުޅިވަރު އެކުވެނި އިންޑޯ ކޯޓުގައި މި މަހުގެ 5-10 އަށް ކުރިއަށް ދިޔަ ލި-ނިންގް މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން އިންޑިއާ ކުޅުންތެރިން ހޯދައިފި އެވެ.
އިއްޔެ ނިމުނު މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ރަވީ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މެލޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސޫންގް ޖޫ ވެން އާ ވާދަކޮށް 21-19، 21-18 އިން ކުރި ހޯދައިގެންނެވެ.
އަންހެން ސިންގަލްސްގެ ފައިނަލްގައި ވާދަކުރީ އިންޑިއާގެ ތަސްނީމް މިރް އާއި އަޝްމިތާ ޗަލީހާ އެވެ. ޗެމްޕިއަންކަން ހޯދީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދި އަޝްމިތާ އެވެ. މިދިޔަ އަހަރު އިންޑިއާގެ ޗައްތިޝްގަރު ސްޓޭޓް ޗެމްޕިއަން މިރް މެޗުގެ ފުރަތަމަ ސެޓުް 21-19 އިން ގެންގޮސްފައި ވަނިކޮށް އަޝްމިތާ ޖެހިގެން އައި ދެ ސެޓް ގެންދިޔައީ 21-17، 21-11 އިންނެވެ.
ސިންގަލްސް އަންހެން އަދި ފިރިހެން އިވެންޓުގެ އިތުރުން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލް ވެސް އިއްޔެ ކުޅުނެވެ. އެގޮތުން އަންހެން އަދި ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދީ ތައިލެންޑްގެ ޕެއާ އެކެވެ.
މެލޭޝިއާގެ ލޯ ހަންގް ޔީ އާއި އެންޖީ އެންގް ޗިއޮން އާ ވާދަކޮށް 21-19، 21-16 އިން މެޗު ކާމިޔާބުކޮށް ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ ޕަރަންޔޫ ކައޯސަމާންގް އާއި ވޮރާޕޮލް ތޮންގްސާ-އެންގާ އެވެ. ޗެމްޕިއަންކަން ހޯދި ޕެއާ ވަނީ މި އިވެންޓްގައި ރާއްޖޭގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް މުހައްމަދުގެ ޕެއާ ބަލިކޮށްފަ އެވެ.
ލަކްސިކާ ކަންލަހާ އާއި ޕަތައިމަސް މުއެންވޮންގް އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އަޝްވަނީ ބަޓް އާއި ޝިކާ ގޯތަމްގެ ޕެއާއާ ވާދަކޮށް 21-19، 21-16 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދީ މެލޭޝިއާގެ ޓެއޯ މެއި ޒިންގް އާއި ހޫ ޕަންގް ރޮންގެ ޕެއާ އެވެ. މި ޕެއާ ވަނީ ފައިނަލްގައި 21-13، 21-18 އިން އެމެރިކާގެ ވިޝަން ޗިއު އާއި ޖެނީ ގައި ބަލިކޮށްފަ އެވެ.
ޖުމްލަ 33 ގައުމަކުން 304 ކުޅުންތެރިން ބައިވެރިވި މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ ދެ އިވެންޓަކުން ގަދަ 16 އާ ހަމައަށް ދަތުރު ކޮށްފަ އެވެ. އެއީ މިކްސްޑް ޑަބަލްސް އާއި އަންހެން ޑަބަލްސް އިވެންޓުންނެވެ.
މި މުބާރާތާ އެކު މި އަހަރު ތިން މުބާރާތެއް ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން މަސައްކަތް ކުރި އެވެ. ނަމަވެސް އަހަރުގެ ކުރީކޮޅު ބާއްވަން އުޅުނު މޯލްޑިވްސް އިންވިޓޭޝަނަލް ޗެލެންޖު ބޭއްވޭ ގޮތެއް ނުވި އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އޮގަސްޓް މަހު މޯލްޑިވްސް އިންޓަނޭޝަނަލް ސީރީޒްގެ ނަމުގައި މުބާރާތެއް ބާއްވަން ތާވަލް ކޮށްފަ އެވެ.