އިސްލާމީ ޝަރީއާ ހުއްދަކުރާ ގޮތަށް ބައްޓަންކޮށްފައިވާ ގަނެވިއްކުމުގެ ފައިނޭންސް ސްކީމް "އެލިޔާ ބައިއުއްތަގްސީތު" (އޭބީޓީ)، އެލިޔާ އިންވެސްޓްމެންޓްސް އިން އިއްޔެ ތައާރަފްކޮށްފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ތައާރަފުކުރި މި ސްކީމުގެ ދަށުން އިންސްޓޯލްމަންޓަށް ނަގާ މުދަލަށް ފުރަތަމަ ޕޭމަންޓް ދައްކާ ހިސާބުން އެ މުދާ ކަސްޓަމަރަށް މިލްކުވާނެ އެވެ.

ސްކީމް ތައާރަފް ކުރައްވަމުން ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ އެލިޔާ އަކީ ވާދަވެރިންނަށް މިސާލެއް ކަމަށެވެ. ވިޔަފާރީގެ މުއާމަލާތްތައް އެންމެ ފުރިހަމަ ގޮތުގައި މުސްލިމުންނަށް ކުރެވޭނޭ މަގު އެލިޔާއިން ފަހިކޮށްދޭތީ އެކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އޭބީޓީ ތައާރަފް ކުރުމަށް ފަހު އެލިޔާ ޝަރީއާ ކޮމިޓީގެ މުގައްރިރު ޑރ. އައިޝަތު މުނީޒާ ވިދާޅުވީ މިހާރު އާންމު ވެފައިވާ އިންސްޓޯލްމަންޓް ސިޔާސަތުތަކުން ރިބާ އަށް މަގުފަހިވާ ކަމަށެވެ. އޭގެ އެއް މިސާލަކީ ގަވާއިދުން ފައިދާ ނުދެއްކޭ ނަމަ ވަކި ފީއެއް ދައްކަން ޖެހުން ކަމާއި އެއީ އިސްލާމީ ޝަރީއަތުގެ މިންގަނޑަށް ބަލާއިރު ނެގުން އެދެވިގެންވާ ޕޭމަންޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މުނީޒާ ވިދާޅުވި ގޮތުގައި އެލިޔާގެ މާލީ ސިޔާސަތަކީ ލޭޓް ޕޭމަންޓް ޖޫރިމަނާ ނުހިމެނޭ، ޝަރީއަތާ އަދި ބައިނަލްއަގްވާމީ ހަމަތަކާ ވެސް އެއްގޮތްވާ ގޮތަށް ބައްޓަން ކޮށްފައިވާ ސިޔާސަތެކެވެ.

މި ސްކީމްގެ ދަށުން ޔަމަހާ ބްރޭންޑްގެ މުދާ ވެސް އިންސްޓޯލްމަންޓަށް ނެގޭނެ އެވެ. އެލިޔާގެ ޔަމަހާ ޕްރޮޑަކްޓްސް ތެރޭ ސައިކަލާއި އައުޓްބޯޓް އިންޖީނާއި، މޫދު ސައިކަލު، އަދި ބަގީ ހިމެނެ އެވެ.

އެލިޔާ އިން ވަނީ 2013 ގައި "އިޖާރާ ސުންމަ އަލް ހިބާ" ގެ ނަމުގައި ވެސް މާލީ ސްކީމެއް ތައާރަފްކޮށްފަ އެވެ. އެއީ އެފަދަ ސްކީމެއް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތަށް ގަނެވިއްކުމުގެ ވިޔަފާރިކުރަން ވާދަވެރިންނަށް އިއްޔެގެ ރަސްމިއްޔާތުގައި އެލިޔާ އިން ގޮވާލި އެވެ.