ޔެސްޓީވީގެ ވޯލްޑް ކަޕް ކަވަރޭޖް ޝޯ ގައި، ސްޕެއިނުގެ އަންސޫ ފާޓީ އާއި އަލެހަންދްރޯ ބާލްޑޭ އަށް ނިސްބަތްކޮށް ހަން ކަޅު ދެ ކުޅުންތެރިންނޭ މެޗު އެނަލިސްޓް އިސްމާއީލް ޒަރިޔަންދު ބުނުމުން، އެއީ ނަސްލީ ގޮތުން ފުރައްސާރަކުރުން ކަމަށް ބުނެ އާއްމުން އޭނާ އަށް ފާޑުކިޔަން ފަށައިފި އެވެ.
ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0 އިން މޮރޮކޯ މޮޅުވި މެޗަށް ފަހު އެނަލައިލިސް ދެމުން ކުރީގެ މަޝްހޫރު ގޯލްކީޕަރު ބުނީ ސްޕެއިނަށް މެދުތެރެއިން ޕާސް ޖަހައިގެން މޮރޮކޯގެ ޑިފެންސް ލައިން ފޫއަޅުވާނުލެވުނު ކަމަށެވެ. ދެން މަސައްކަތްކުރީ ފާޓޫ އާއި ބާލްޑޭ އަރުވައިގެން އަރިމަތިން މޮރޮކޯގެ ޑިފެންސް ތޮރުފާލަން ކަމަށާއި އެކަން ވެސް ކާމިޔާބުނުވި ކަމަށް އޭނާ ބުންޏެވެ.
އެ ވާހަކަ ދެއްކިއިރު ބާސެލޯނާގެ އެ ދެ ކުޅުންތެރިންގެ ނަން ކިޔުމުގެ ބަދަލުގައި ޒަރިޔަންދު، ބުނީ "ހަން ކަޅު ދެ ކުޅުންތެރިން އަރުވައިގެން ވެސް ފައިދާއެއް ނުކުރި" ކަމަށެވެ. ސްޕެއިން ސްކޮޑުން ކަޅު ނަސްލަށް ނިިސްބަތްވާ ހަމައެކަނި ދެ ކުޅުންތެރިންނާ ބެހޭގޮތުން ޒަރިޔަންދު ދެއްކި އެ ވާހަކަ ހޫނުވީ، ރޭ މެންދަމު އެ ވީޑިއޯ މީހަކު ޓްވިޓާއަށް ލުމުންނެވެ.
"ޒަރިޔަންދަށް ގޯހެއް ހެދިއްޖެ. އޭނާ މައާފަށް އެދެން ޖެހޭ،" މީހަކު ޓްވީޓްކުރި އެވެ.
"ދައުލަތުގެ ޓީވީން މީނާ ވަގުތުން ސަސްޕެންޑްކުރަން ޖެހޭ. މިފަދަ ނަސްލީ ބުނުންތައް ބަލައެއް ނުގަނެނެވޭނެ. ފުޓްބޯޅަ އަކީ އިހުތިރާމުން ފުރިފައިވާ ކުޅިވަރެއް،" އެހެން މީހަކު ޓްވީޓްކުރި އެވެ.
އެކަމަކު އެއް ބަޔަކު އަންނަނީ، ހަމުގެ ކުލައިން މީހުން ސިފަކުރުމަކީ ދިވެހިންގެ އާއްމު ބަސްމަގު ކަމަށާއި ޒަރިޔަންދު އެހެން ބުނީ ފުރައްސާރައިގެ ނިޔަތެއްގައި ނޫން ކަމަށް ބުނެ އޭނާގެ ދިފާއުގައި ވެސް ވާހަކަ ދައްކަމުންނެވެ.
ޒަރިޔަންދު ވެސް މިއަދު "މިހާރަ"ށް ބުނީ ހަމުގެ ކަޅު ދެ ކުޅުންތެރިންނޭ ބުނީ ފުރައްސާކުރަން ނުވަތަ ދެރަކޮށްލަން ނޫން ކަމަށެވެ.
"އަޅުގަނޑު ވާހަކަދައްކާ ސްޓައިލް އިނގޭތާ!،" ޒަރިޔަންދު ބުންޏެވެ.
"އަޅުގަނޑަކީ ކުޅުންތެރިން ކިޔައިދޭ އިރު ވަރަށް ބޮޑަށް ޑިސްކްރައިބް ކުރާ މީހެއް. އެހެންވެ އެ ވަގުތު އެ ދެ ކުޅުންތެރިންގެ ނަން ކިޔުމަށް ވުރެ ފަސޭހައިން ނަގައިގަނޭވީ ކަޅު ދެ ކުޅުންތެރިންނޭ ބުނުމުން ކަމަށްވާތީ އެހެން ބުނެލީ،"
ޒަރިޔަންދު ބުނީ އެ ދެ ކުޅުންތެރިންގެ ހަމުގެ ކުލައިން ސިފަކުރީ ނަން ނޭގިގެން ނޫން ކަމަށެވެ.
"އަޅުގަނޑު ކުރިމަތީގައި އޮތް ލިސްޓުގައި ވެސް ނަން އޮންނާނެތާ،" ޒަރިޔަންދު ބުންޏެވެ.
"އަޅުގަނޑު ވާހަކަދައްކާ ސްޓައިލް އެެއީ. ކުރީ މެޗުގައި ހޮލެންޑުގެ ގޯލްކީޕަރު އިސްކޮޅުން ދިގު ވީމަ އަޅުގަނޑު ބުނީ އޭނާ ފެންނައިރު ހީވަނީ ރަސްމާދޫ އެންޓަނާ ފެންނަހެންނޭ."
މިވަގުތު އެމްޑީޕީގެ ދެ ފެކްޝަނުގެ މެދުގައި އުފެދިފައިވާ ދެބަސްވުމަށް އިޝާރާކޮށް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދުކުރައްވާ ޒަރިޔަންދު ބުނީ، މިއީ ސިޔާސީ ގޮތުން އޭނާ އަށް ފިލުވާލި ހަސަދައެއް ކަމަށެވެ.
އެ ވީޑިއޯ ޓްވިޓާއަށް ލީ ވެސް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށާއި، ސޯޝަލް މީޑިއާގައި އޭނާ އަށް ބަހުގެ ހަމަލާ ދޭން އެމްޑީޕީގެ ބައެއް ގްރޫޕްތަކުގައި މިއަދު އެކްޓިވިސްޓުންނަށް ބަޔަކު އޯޑަރުދިން ކަމަށް ޒަރިޔަންދު ބުންޏެވެ.
"މިކަމުގައި އަޅުގަނޑާ ސިޔާސީ ގޮތުން ޖައްސާލުން ނޫން ކަމެއް ނެތް،" ޒަރިޔަންދު ބުންޏެވެ.
"އަހަރެމެން ދިވެހިން އާއްމުކޮށް ވާހަކަަދައްކާއިރު ވެސް، ނަން ނުބުނެ ސިފަކުރަން ބުނާނީ ކަޅުކޮށް އެހެރަ ކުއްޖާއޭ، ނުވަތަ ދޮންކޮށް ހުރި ކުއްޖާއޭ. އެކަހަލަ ކަމެއް ރޭގައި ވެސް ވީ."
ޒަރިޔަންދަކީ ނޫސްވެރިންނާ ވާހަކަދައްކާއިރު ވެސް ޓީވީ ޝޯތަކުގައި ވެސް އަދި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާއިރު ވެސް ހިތުގައި އޮންނަ ގޮތަށް ސީދަލަށް ވާހަކަދައްކާ މީހެކެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ދުވަސްވަރު ވެސް އޭނާ ގަލޮޅު ދަނޑަށް މަޝްހޫރުވެފައި އޮންނަނީ އަޑުގަދަ، ރުންކުރު އަދި ޖެހިލުންކުޑަ ކީޕަރެއްގެ ގޮތުގަ އެވެ.
އޭނާގެ އެގްރެސިވް ކުޅުމުގެ ތެރެއިން ނިއު ރޭޑިއަންޓުގެ އަހުމަދު ނިޔާޒަށް ބޮޑު އަނިޔާއެއްވުމުން، ސަރުކާރުން އޭނާ ފުޓްބޯޅައިން ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. ފަހުން މައާފް ދިނުމުން، އޭގެ ބަދަލެއްގެ ގޮތުން ނިއު އަށް ކުޅެދިނެވެ.