އައްމާން (ޖެނުއަރީ 10) - ޖޯޑޭނިއަން އާމްޑް ފޯސްގެ ފުރަތަމަ އަންހެން ޕައިލެޓުގެ ބެޖް ރަސްގެފާން އަބްދުﷲގެ ދަރިކަނބަލުން ޕްރިންސަސް ސަލްމާ ބިންތު އަބްދުﷲ ހާސިލް ކުރައްވައިފި އެވެ.
އުމުރުން 19 އަހަރުގެ ޕައިލެޓް ކުރިން ވަނީ އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސެންޑްހާސްޓް އިން ނޮވެމްބަރު 2018 ގައި ޕައިލެޓް ކޯހެއް ފުރިހަމަކުރައްވައިފަ އެވެ. ވެރިރަށް އައްމާނުގެ ހުސައިނިއްޔާ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަލްމާ އަށް ބެޖް ހަވާލުކޮށްދެއްވީ ބައްޕާފުޅު އަދި ރަސްގެފާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ސަލްމާގެ މަންމާފުޅު ކްއީން ރާނިއާ އާއި ބޭބޭފުޅު ވަލީ އަހުދު ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ބޭބޭފުޅު ޕްރިންސް ހުސައިން އަކީ ޖޯޑަން ސިފައިންގެ ފަސްޓް ލެފްޓިނެންޓެކެވެ.
ޖޯޑަންގެ ޝާހީ އާއިލާގެ ވަރަށް ގިނަ މެންބަރުން ވަނީ އިނގިރޭސި ވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީން ގްރެޖުއޭޓްވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރަސްގެފާން، ކިންގް ހުސައިން، މިހާރުގެ ރަސްގެފާން އަބްދުﷲ އަދި ޕްރިންސް ހުސައިން ހިމެނިވަޑައިގަންނަވަ އެވެ. ޕްރިންސަސް ސަލްމާގެ ބައްޕަފަރާތު ބޮޑުދައިތާފުޅު ޕްރިންސަސް އައިޝާ ބިންތު ހުސައިން ވެސް ވަނީ ރޯޔަލް ސޭންޑްހާސްޓް އިން 1987 ވަނަ އަހަރު ގްރެޖުއޭޓްވެފަ އެވެ. އެކަމަނާ އަކީ ސޭންޑްހާސްޓްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ އަރަބި އަންހެނާ އެވެ. އެކަމަނާ ފަހުން ވަނީ ޖޯޑަންގެ ސްޕެޝަލް ފޯސަސްގައި ޚިދުމަތް ކުރައްވައިފަ އެވެ. ސަލްމާގެ އެހެން ބޮޑުދައިތާފުޅެއް ކަމަށްވާ ޕްރިންސަސް އީމާން ވަނީ 2003 ވަނަ އަހަރު ސޭންޑްހާސްޓް އިން ގްރެޖުއޭޓްވެފަ އެވެ.