އަމިއްލަ ބޭނުންތަކާއި ވިޔަފާރީގެ ބޭނުންތަކަށް އާދަޔާ ހިލާފަށް ހެޔޮ އަގުގައި އެމެރިކާއިން ދުނިޔޭގެ ހުރިހާ ތަނަކަށް މުދާ ފޯރުކޮށްދޭ ހިދުމަތެއް ކަމަށްވާ "ޝޮޕް ފޯވާޑިން"ގެ ފަސޭހަ ދިވެހިންނަށް ލިބެން ފަށައިފި އެވެ.

"ޝޮޕް ފޯވާޑިން"ގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެނީ ޕްރޯލެޕް އަދި ލެޕްޝޮޕް މެދުވެރިކޮށެވެ.

އެ ދެ ކުންފުނިން ބުނި ގޮތުގައި މި ހިދުމަތް ތައާރަފް ކޮށްފައި ވަނީ ދުވަހުން ދުވަހަށް އެމެރިކާއިން ރާއްޖެ އަށް މުދާ އެތެރެކުރަން ބޭނުންވާ ފަރާތްތައް އިތުރުވުމާއި ވިޔަފާރިއަށާއި އާންމުންނަށް ހެޔޮ އަގެއްގައި މުދާ އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

"ޝޮޕް ފޯވާޑިން" ވެބްސައިޓު (http://www.shopforwarding.com/) މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ޝިޕްކޮށްދޭ އަގުތަކަށް ވުރެ ހެޔޮ އަގުގައި މުދާ ގެނެސްދޭނެ އެވެ.

"މިހާރު ބައެއް ފަރާތްތަކުން ނުވަ ޑޮލަރު ޕައުންޑަކަށް ނަގާ. ޝޮޕް ފޯވާޑިންގުން ނަގާނީ 3.39 ޑޮލަރު. މިއަގުގައި އެމެރިކާ އިން ރާއްޖެ އަށް ޕޯސްޓުގެ ހިދުމަތް ދޭ އެއްވެސް އެހެން ތަނެއް ނުހުންނާނެ،" އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝޮޕް ފޯވާޑިންގް އިން ވިއްކާ މުދާ ރާއްޖެއަށް ހިލޭ ޝިޕްކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން މި ހިދުމަތް ދޭ ރާއްޖޭގެ އެޖެންޓުންގެ ގޮތުގައި ޕްރޯލެޕް އަދި ލެޕްޝޮޕް ހަމަޖެއްސުމުން އިތުބާރާ އެކީ މި ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ދެ ކުންފުނިން ދެ އެވެ. އެގޮތުން، ކްރެޑިޓް ކާޑެއް ނެތި އެމެރިކާގެ ކޮންމެ ފިހާރައަކުން ވެސް ތަކެތި ގަތުމާއި، ގަންނަ ތަކެއްޗަށް ދިވެހި ރުފިޔާ އިން އަގު ދެއްކޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މި ވެބްސައިޓުގެ ހިދުމަތް ހޯދަން ޕްރޯލެޕާއި ލެޕްޝޮޕުން އެހީތެރިވެދޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.