ނެށުންތެރިޔާ ސުނީތާ އަލީ: "ސުނީސް ސްޕިޝަލް" ގެ ނަމުގައި އޭނާގެ އަމިއްލަ ބްރޭންޑެއް ވަނީ އުފައްދައިފައި.
11 ޑިސެމްބަރ 2021 - 07:55
ސުނީތާ އަލީގެ އިންޓަވިއުއެއް މީގެ ތިން އަހަރު ކުރިން ނެގިއިރު އޭނާ އަކީ އެވަރު ދެވަނައެއް ނެތް ކުޅަދާނަ ނެށުންތެރިއެކެވެ. މިއަދު ވެސް އޭނާ އެކަމެއް ނުހުއްޓަ އެވެ. އެކަމަކު މިހާރު އެއީ ހަމައެކަނި ކުޅަދާނަ ނެށުންތެރިއެކޭ ބުނެ ނިންމާލެވޭކަށް ނެތެވެ. ތަފާތު ނެށުންތަކުން މުނިފޫހިފިލުވައިދިން ސުނީ އަކީ މިހާރު ކުރިއަރަމުން އަންނަ ވިޔަފާރިވެރިއެކެވެ. އަމިއްލަ ބްރޭންޑެއް ތައާރަފުކޮށް، އަހަރެއްގެ ތެރޭގައި ކާމިޔާބު ގިނަ އުފެއްދުންތަކެއް ނެރެފި އެވެ.
މި ކުރު އިންޓަވިއުގައި ސުނީ ކިޔައިދިނީ އޭނާގެ ވިޔަފާރީގެ ވާހަކަތަކެވެ. ބައިނަލްއަގުވާމީ އެވޯޑެއްސް ވެސް މިހާރު ލިބިފައިވާ، "ސުނީސް ސްޕެޝަލް" އުފެދި، ކާމިޔާބު ބްރޭންޑަކަށް ވުމުގެ ފަހަތުގައިވާ ސިއްރުތަކެވެ.
އުފަން ރަށް އއ. އުކުޅަހަށް ދިޔަ ދަތުރެއްގައި ސުނީގެ މަންމަ ކާށިތެޔޮ ހަދައި، ރަށުގައި އެ ވިއްކާތަން އޭނާ އަށް ފެނުނެވެ. ބުރަ މަސައްކަތަކުން މަންމަ ތައްޔާރުކުރާ އެ ތެޔޮފުޅި، ކުޑަ އަގެއްގައި ވިއްކާކަން އެނގުނު ހިސާބުން އޭނާ ބޭނުންވީ އެއިން ރަނގަޅު އަގެއް މަންމަ އަށް ލިބޭނެ ގޮތަށް ހޯދައިދޭށެވެ. އެ ތެޔޮފުޅިތައް މާލެ ގެނެސް، ސޯޝަލް މީޑިއާގައި މާކެޓްކުރަން ފެށުމާ އެކު، ވިކި ހުސްވި އެވެ. އެކަމަކު އޭރު ވެސް ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރާނަމޭ ހިތަކަށް ނާރުވަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ލައްވާލީ ކޮވިޑެވެ.
ކޮވިޑާ އެކު އައި ބޮޑު ބަންދުގެ ހާސްކަމުގައި ފިތި، ތަފާތު ހިޔާލުތަކުގެ ތެރެއަށް ގެއްލުނެވެ. އުމުރު ދުވަހު އާމްދަނީ ހޯދަން ކުރަމުން އައި ނެށުމުގެ މަސައްކަތް މަޑުޖައްސާލަން ޖެހުނަސް، ގޮތް ހުސްވީ ކަމަށް ނުދެކި، އެހެން ކަމެއް ވިޔަސް ކުރަން ވިސްނި އެވެ. އެހެން ގިނަ ވަގުތު ގޭގައި އިނދެ، ފިކުރު ކުރަމުން ދަނިކޮށް، ޓަސްލާފައި ސިކުނޑި ތެރެއަށް ވަނީ މަންމަ ތައްޔާރުކުރާ ކާށިތެލެވެ. އެ ތެޔޮފުޅި ވީ ހާސްކަމުގެ ތެރެއިން ސުނީގެ ބޮލަށް ލިބުނު ފަރުވާއަކަށެވެ. އޭނާގެ މި ކުޑަކުޑަ ވިޔަފާރީގެ ފެށުމަށެވެ.
އެކަމަކު "ސުނީސް ސްޕެޝަލް" ބްރޭންޑް ފެށުނީ ލޮކްޑައުން ތެރޭގައި އޭނާ ހެދި ލޮނުމިރުހުންނެވެ. އެއަށް ލިބުނު ތަރުހީބު މާ ބޮޑުވުމުން، އެ ބްރޭންޑްގެ ދަށުން މަންމަގެ ކާށިތެޔޮފުޅި ވެސް ވިއްކަން ފެށީ އެވެ.
އޭގެ ފަހުން އެކި ވައްތަރުގެ ކާ އެއްޗެހި ހަދަން ފެށި އެވެ. ތެއްލި ރިހާކުރާއި ކުޅި މަހާއި ހަވާދާއި މުރުމުރާއި ރުކުރަލާއި ކުޅިރޮއްޓާއި ހެނދުނުގެ ނާސްތާ ވެސް ތައްޔާރުކޮށްގެން ވިއްކި އެވެ. މީގެ ތެރެއިން ބައެއް އެއްޗެއްސަކީ ސުނީ އަމިއްލަ އަށް ތައްޔާރުކުރި އެއްޗެއްސެވެ. އެހެން އެއްޗެހި ގެންނަނީ ރަށުން ތައްޔާރުކޮށްގެންނެވެ.
"އަމިއްލަ އަށް ކުރާ ކަންކަން ގިނަވިޔަސް، މިއީ މުޅިއަކުން އެކަނި ކުރާ މަސައްކަތެއް ނޫން. މަންމަމެން، ބައްޕަމެން އަދި އާއިލާގެ ތެރެއިން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ކުރާ ކަމެއް،" ސުނީ ބުންޏެވެ.
"ތެއްލި ރިހާކުރާއި ބްރެކްފާސްޓާއި ލޮނު މިރުސް މި ހަދަނީ އަމިއްލަ އަށް. ދެން މި ހުންނަ އެއްޗެހި އެއީ އާއިލާގެ މީހުން އަތުން ހަދައިގެން ގެންނަ އެއްޗެހި. އެ މީހުންނަށް ވެސް ފައިދާވާނެހެން އެ މީހުންގެ އަތުން ގަނެގެން ގެނެސް، އަމިއްލަ ބްރޭންޑްކޮށްގެން މި ވިއްކަނީ."
މިއީ ސުނީގެ އެންމެ ބޮޑު ސިއްރެވެ؛ އޭނާ ކަހަލަ، އެންމެން ދަންނަ މީހަކު ވިއްކާ ޕްރޮޑަކްޓެއް ހިފައިގެން އަމިއްލަ އަށް ކަސްޓަމަރުންގެ ގޭގެ އަށް ގޮސް ޑެލިވަރީކުރުންވީ އެއް ބަޔަކު ވަރަށް ހައިރާންކުރުވި ކަމަކަށެވެ. އެކަމަކު ސުނީ ދެކޭ ގޮތުގައި، އޭނާގެ މި ބްރޭންޑް އެންމެ ކާމިޔާބުވި އެއް ސަބަބަކީ ވެސް އެއީ އެވެ. އަމިއްލަ އަށް ގޮސް ޑެލިވަރީކުރުމުން، އޭނާގެ ވިޔަފާރީ އަށް މީހުން ކުރާ އިތުބާރު ބޮޑުވިކަމަށް އިހުސާސްކުރެވުނެވެ.
"މީގައި އޮންނަނީ ކެރުން، ހިތްވަރު، އެކަމަކަށް ޝައުގުވެރިކަމާ އެކު ވަގުތު ދިނުން،" ސުނީ ބުންޏެވެ.
ޕްރޮޑަކްޓް ހަދައި، އިޝްތިހާރުކޮށް، ވިއްކުމުގެ ހުރިހާ ކަމެއް ވެސް އޭނާ ކުރަނީ އަމިއްލަ އަށެވެ.
"މިދިޔަ ހަފުތާގައި އެ ލިބުނު އެވޯޑު. އެ އެވޯޑުގެ ޖަޖުން ވެސް އިންޓަވިއުގައި ތިބީ ގަބޫލުކުރަން ދަތިވެފައި މިހާ ބައިވަރު ކަންކަން އެކަންޏޭ ކުރަނީ ބުނީމަ. އެ މީހުން ހީކުރީ ބޮޑު ޓީމެއް ފަހަތުގައި އޮވެގެން ކުރާ މަސައްކަތެއް ކަމަށް. އެހާ ވެސް ވައިޑްއޭ މަސައްކަތް ފެންނައިރުގައި،" ސުނީ ބުންޏެވެ.
"ދެން ހުރިހާ ޖަޖުން ވެސް އެހީ ކިހިނެއްހޭ ޓައިމް ހޯދަނީ. އަދި ޕާފޯމް ވެސް ކުރަމުން."
ސުނީ އަށް ލިބުނީ ދުނިޔޭގެ އެކި ގައުމުތަކުގެ ވިޔަފާރިވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ދެމުން އަންނަ އޭޝިއާ އެވޯޑްސްގެ، މިއަހަރުގެ "އޭޝިއާސް އައުޓްސްޓޭންޑިން ވިމެން އެޗީވާ އެވޯޑް" އެވެ. ވިޔަފާރިއާ ގުޅޭ އެކި ދާއިރާތަކުން އެހެން ބައެއް ދިވެހިންނަށް ވެސް މިއަހަރު މި އެވޯޑު ލިބުނެވެ.
ޖަޖުންނަށް ސުނީ ދިން ޖަވާބަކީ، ވަގުތު ލިބެ އެވެ.
"އެއްޗެހި ހަދައި ޑެލިވަރީ ކުރަން ވަރަށް ޓައިމް ލިބޭ. އަހަންނަކީ އަނެއްހެން ބޭރު ތެރޭގައި ހުސްވެގެން އުޅޭ މީހެއް ނޫން، ކަމެއް ނެތިގެން. ބައެއް މީހުން ހިނގައިދާނެ ފޫހިވެގެން ކޮފީއަކަށް. އެހެން ޓައިމް ސްޕެންޑްކުރާ މީހެއް ނޫން އެއް އިރަކު ވެސް."
ސުނީ ބުނީ އޭނާ އަބަދު ވެސް އުޅެނީ ކޮންމެވެސް މަސައްކަތެއްގައި ކަމަށެވެ. ކުރިއަށް އޮތީ ވެސް އޭނާ އެންމެ ބިޒީވާނެ ދުވަސްކޮޅެވެ. ސްކޫލް ބަންދާ އެކު ހިތާނީ ސީޒަން ފެށޭއިރު، އޭނާގެ ޝޯތައް މިހާރު ވެސް އެއް މަސް ދުވަހަށް ފުލްވެއްޖެ އެވެ.
މި ޝޯތައް ދިނުމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ، އެކަން ކޮށްދޭ ބައެއް ހިތްހަމަ ޖެހޭ ވަރު ކުރަން ކަމަށް އޭނާ ބުންޏެވެ. މި ވިޔަފާރީގައި ވެސް ކަސްޓަރަމުންގެ ލޯބި ހޯދާށެވެ. ދެން އެންމެ މުހިންމީ ވިއްކާ އެއްޗެއްގެ ކޮލިޓީ ހިފެއްޓުމެވެ.
"އެމީހުން ލާރި ދީފައި ގަންނަ އަގާ އެއްވަރަށް، އެ މީހުންގެ ހިތް ވެސް އެބަ ޖެހޭ ހޯދަން،" ސުނީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެރީޒް
11 December 2021
ސުނީއަށް އެއް އިރެއްގަ ބަގަކު ފާޑު ކީ ނަމަވެސް އޭނައަކީ ހިތްވަރުގަދަ އަހުލާގު ރަނގަޅު މީހެއްކަމް އަބަދުވެސް ސާބިތިކޮށްދުން ދަނީ! ސުނީއޭ ކިޔައިގެން ގޯސް އަޑެއް ނާހަން! ތިގޮތުގަ ހިފަހައްޓާލާ
ލަވްލީ
11 December 2021
ރާއްޖޭގެ އެކި ކަންކޮޅުތަކުގަ އެއްނަމެއްގައި އެކަމު އެކި ރަހައިގަ ހަދާ ތަކެތި ވަރަށް ރަހަބަލާހިތްވޭ. އެކަމު އެފަދަ ތަކެތި އެއް ދިމާލަކުން ލިބޭނެ ގޮތެއް ނޭނގޭ. އެކި ރަށްރަށުން ޒަމާންވީ އިހުގެ ރަހަތަށް އާއިލާތެރެއިން ވާރުތަވަމުން އަންނަ ޚާއްސަ ރެސިޕީސް ހުންނާނެ. އެފަދަ ތަކެތި އެންމެންނަށް ރަހަ ބެލޭނެ ގޮތް ހެދުމުން އަސްލު ދިވެހި ރަހަތައް އެނގޭނީ. ހުރިހާ އަތޮޅެއްގަވެސް އެއަތޮޅަކަށް ޚާއްސަ ތަކެތި ހުންނާނެ. މިހާރު އޮންނަނީ ބިދޭސީންގެ ރަހަތައް އެކުވެފަ
ކޮބާއެބައި
11 December 2021
ތިޔަ ތަކެތި ހޯދަން ގުޅަންވީ ނަމްބަރެއް ނެތެއްނު ލިއެފައެއް..
ށަވިޔަނި
11 December 2021
އިތުރު ކާމިޔާބީއަށް އެދެން.