ފުޅިއެއް ތެރޭގައި ރައްކާކުރެވިފައިވާ މެސެޖެއް
22 ނޮވެމްބަރ 2022 - 06:59
ސްކޮޓްލެންޑްގެ ގެއެއްގެ ތެރެއިން މީގެ 135 އަހަރު ކުރިން ލިޔެފައިވާ މެސެޖެއް ފެނިއްޖެ އެވެ. ފުޅިއެއްގެ ތެރޭގައި އޮތް ކަރުދާސްކޮޅެއްގެ ތެރޭގައި ލިޔެފައިވާ އިބާރާތް ވަރަށް އިބުރަތްތެރި އެވެ.
އޭގައި ލިޔެފައި ވެ އެވެ: "މިފުޅި ފެނުނު މީހަކަށް އަހަރެމެން މިހާރު ހިރަފުހަށް ބަދަލުވެގެން މަގުމަތީގަ ކޮޅުކޮޅަށް ދައުރުވާހެން ހީވާނެ" އެވެ.
ފަންސާސް އަހަރުގެ ޕީޓާ އެލެން އަށް އެ މެސެޖް ފެނުނީ އެޑިންބާގްގައި ހުންނަ ގެއަކަށް ހީޓަރެއްގެ މަސައްކަތެއް ކުރުމަށް ގޮސް އުޅެނިކޮށެވެ. އެ ފުޅި އެ ގޭތެރޭގައި އޮތް ކަމެއް މީގެ ކުރިން އެކަކަށް ވެސް ނޭންގެ އެވެ.
އޭނާ ގޮތުގައި އެ ގޭގެ 150 އަކަފޫޓުގެ އެ ކޮޓަރީގައި ހުރި ހީޓަރާ ގުޅަން ނަރެއް ލިބޭތޯ ބަލަމުން ދަނިކޮށް އެ ފުޅި ފެނުނީ ފިލައެއްގެ ދަށުގައި އޮއްވަ އެވެ. އެއީ ރާ ހުސްކުރި ފުޅިއެއް ކަމަށް އޭނާ ބުންޏެވެ. ފުޅިއަށް އެއްވެސް ގެއްލުމެއް ނުލިބި އެ ފުޅި ނެގުނީތީ އެލަން ހުރީ ވަރަށް ހައިރާން ވެފަ އެވެ.
އެ ފުޅި ފެނުމާ އެކު އެލަން އެގޭ ވެރިމީހާ އަށް އެންގި އެވެ. އަދި ގޭގެ ވެރިންނާ އެކު އެ ފުޅި ހަލާކުކޮށްލައި އޭގައި އޮތް ލިޔުން ލިބޭތޯ މަސައްކަތް ކުރި އެވެ.
ފުޅި ތަޅާލުމުގެ ތެރޭގައި ކަރުދާސްކޮޅުން ބައެއް ކޮންމެވެސް ވަރަކަށް ވީދުނެވެ. އޮކްޓޫބަރު 6، 1887 ގައި ލިޔެފައިވާ އެ މެސެޖަކީ، އެ ގެ ރޭނުމުގެ މަސައްކަތުގައި އުޅުނު ޖޭމްސް ރިޗީ އާއި ޖޯންގްރީވް ނަމަކަށް ކިޔާ ދެ މީހަކު ލިޔެފައިވާ މެސެޖެކެވެ.
ފުޅި ފުރަތަމަ ފެނުނު ޕީޓާ އެލަން ލަފާކުރާ ގޮތުގައި އެ ކޮޓަރި އަކީ އެ ގޭގައި ގެންގުޅޭ މީހާ އަށް ތައްޔާރު ހެދި ކޮޓަރި އެކެވެ. އެ ނޯޓް ރައްކާ ކޮށްފައިވަނީ އިނގިރޭސިވިލާތުގައި ކުއީން ވިކްޓޯރިއާ ރަނިކަން ކުރި ދުވަސްވަރެވެ. އެއީ 1837-1901 އަށެވެ.
އެއީ ވަރަށް ޒަމާންވީ ލިޔުމެއް ކަމަށް ވާތީ، ސްކޮޓްލޭންޑްގެ ނެޝަނަލް ލައިބްރަރީގެ ތަޖުރިބާކާރުން ލަފާ ދެނީ އެސިޑްގެ އަސަރެއް ނުކުރާނެހެން އެ ރައްކާތެރި ކުރުމަށެވެ. އެހެންވެ، އާއިލާ އިން މިހާރު ގަސްތުކުރަނީ އެ މެސެޖް އާއި ތަޅައިގެން ގޮސްފައި އޮތް ފުޅި ހަމަ ކުރިން އޮތް ފިލާގެ ދަށުގައި ބޭއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
22 November 2022
އަމާނާތް އޭގެ އަހުލުންނާ ހަވާލުކުރުމަށް އެއުރެންގެ ބުއްދިޔަށް އެކަން ވިސްނުނީ މީ އިބުރަތެކެވެ. އަދި ފުޅީގައި އޮތް އިބާރާތުން އެނގެނީ އެބަޔަކަށް މަރު އަންނާނެކަމާއި މަރު ހަނދުމަ ކުރުމުގައި މުއުމިނު އަޅާއާއި އެއުރެންގެ ތަފާތެއް ނެތްކަމެވެ.
ދޭހަ
23 November 2022
ފުޅީގަ އޮތް އިބާރާތުން ބޮޑަށް ހީވީ އެ ފުޅީގަ ހުރި ރާކޮޅު ބޯލާ ހުސްކޮށްލައިގެން ކުޑަކޮށް ހަމައިން ނެއްޓިފަ ހުރެގެން މާޔޫސްކަމާއެކު ލިއެފަ އޮތް ލިއުންކޮޅެއްހެން.