މިހާރު ލައިޓް

ހުސެއިން މުނައްވަރުގެ ހަޔާތަކީ އަދި މާ ބޮޑު ފިލްމެއް

ހުސެއިން މުނައްވަރަކީ ކާކު ހެއްޔެވެ؟ އޭނާ އަށް ހެދޭނީ ކޮން ފިލްމެއް ހެއްޔެވެ؟ އޭނާ އަށް ކުރެވޭނީ ކޮން ކެމެރާއެއް ހެއްޔެވެ؟ އޭރު، އެންމެން ވެސް އުފެއްދީ މި ސުވާލުތަކެވެ.

ހުސެއިން މުނައްވަރުގެ ފޯނަށް އެ ދުވަހު ގުޅަނީ ފަރިވާ ފިލްމްސްގެ ވެރިއެކެވެ. އެ ފޯނު ކޯލުގައި ދެއްކެވުނީ އަޑިއަޅާލާފައި އޮތް ފަރިވާ ފިލްމްސް ރީބްރޭންޑް ކޮށްގެން ދިވެހި ފިލްމީ ދާއިރާ ގުޑައިގެންދާވަރުގެ މަސައްކަތްތަކެއް އުފައްދަން ތައްޔާރު ވާންވީ ގޮތެވެ. އެ ކޯލު ނިންމާލީ އެ މީހުންގެ މި އިންގިލާބަށް ބައިއަތު ހިފައިފި ނަމަ ބަދަލެއްގެ ގޮތުގައި ހުސެއިން އަށް ސްޓޫޑިއޯގެ 50 ޕަސެންޓުން ބައި އަޅާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

ފޯނު ކޯލަށް ފަހު ޒުވާން ހުސެން އަށް ހީވީ އޭނާ އަށް ހުވަފެނަކުން ހޭލެވުނު ހެންނެވެ. ފީޗާ ފިލްމެއް ޑައިރެކްޓްކުރުމުގެ ތަޖުރިބާއެއް ނެތް އުމުރުން 22 އަހަރުގެ ޒުވާނަކަށް ގުޅާފައި މާލޭގެ އެންމެ ބޮޑު އެއް ފިލްމު ސްޓޫޑިއޯގެ 50 ޕަސެންޓް ހުށަހެޅުމުން އެކަން ގަބޫލުކުރަން ދަތިވީ ހުސެއިން އަކަށް އެކަންޏެއް ވެސް ނޫނެވެ. އަރައިގެން އައި އިރާއެކު މި ވާހަކައެއް ރަށު ތެރެއަށް ފެތުރި ފިލްމީ ދާއިރާގެ ބުއްދިވެރިންނާއި ތަޖުރިބާކާރުން ވެސް ޗަކަޗަކަލާފައި ހޭން ފަށައިގަތެވެ.

ފަރިވާ ފިލްމްސްގެ ވެރިންގެ ސިކުނޑީގައިވީ ތެތްކަމަށް މަލާމާތްކޮށެވެ. ވަކިން ހާއްސަކޮށް މި މާސްޓަޕްލޭނު ކޮމެޑީ ޕްލޭނެއްގެ ގޮތުގައި ސިފަކޮށް ފިލްމީ ދާއިރާގެ ފުންނާބު އުސް ތަޖުރިބާކާރުން ހެމުންހެމުން ގޮސް އުޑުގައި ޖެހިފައި ބިމުގައި ޖެހެމުން ދިޔައީ ފަރިވާ އިން އުފައްދާ އިންގިލާބީ ފިލްމު ޑައިރެކްޓް ކުރާނީ ވެސް ހުސެންއިކަން އެނގުނު ހިސާބުންނެވެ.

"ދެން ރާއްޖޭގެ ފުންނާބު އުސް ޑައިރެކްޓަރުން ފަރިވާގެ ވެރިންނަށް ގުޅާފައި ބުނަން ފަށައިފި ތިޔަ ހަދަނީ ގޯހެކޭ، ތިހާ ބޮޑު ފިލްމެއް ކުޑަކުއްޖެއްގެ އަތަށް ދީގެން ފޫނުބެދޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެއޭ،" ހުސެއިން ކިޔައިދިނީ އޭނާ އަބަދުވެސް ވާހަކަ ކިޔައިދޭ ފޯރި އާއި ޖޯޝުގަ އެވެ.

"އެކަމަކު ދެން ވެސް ފަރިވާ އިން ބޭނުންވީ އަހަރެން ލައްވައި އެ ފިލްމު ޑައިރެކްޓް ކުރުވަން. އެ ތަނުގެ ވެރިން ބުނެފި ފިލްމު ފްލޮޕް ވިޔަސް، ފަރިވާ ބަނގުރޫޓްވިޔަސް ހުސެން މުނައްވަރޭ މި ފިލްމު ޑައިރެކްޓް ކުރާނީ."

ހުސެން މުނައްވަރަކީ އޭނާގެ ފިލްމީ ހަޔާތުގައި އޭނާ އަށް އައި ކޮންމެ ކޯލަކަށް ވެސް ޖެހިލުމެއް ނެތި ޖަވާބު ދިން ހުނަރުވެރިއެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ހުރިހާ ޕްރެޝަރަކާއި ފާޑުކިޔުމަކާއި ޝައްކުތަކެއްގެ ތެރެއިން ފޫގަޅާލައިގެން ގޮސް ހުސެން މި ފިލްމެއްގެ މަސައްކަތަށް ނުކުމެއްޖެ އެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި ފިލްމު ޝޫޓްކޮށް ނިންމައިފި އެވެ. އެކަމަކު ދެން އައި މަސް ނިމި، ނުވަ މަސް ފާއިތުވެގެން ދިޔައިރު ވެސް ހުސެންގެ މި ފިލްމެއް ނިމޭ ގޮތެއް ނުވި އެވެ. މި ފިލްމެއް އޭގެ އޭގެ ޕޯސްޓް ޕްރޮޑަކްޝަނުގެ ނަރަކައިގައި ތާށިވެފައި އޮތް ކޮންމެ ދުވަހެއް ވެގެން ދިޔައީ ތަޖުރިބާކާރުން އުފެއްދި ޝައްކާއި ފަރިވާގެ ވެރިންގެ ކަންފަތްދޮށުގައި ދިން ހާ ވަސްވާހެއް ހަގީގަތާ އަރައި ހަމަކުރަމުން ދިޔަ ދުވަސްތަކަކަށެވެ.

ނަމަވެސް ޒުވާން ހުސެއިން އަށް ފާޑުކިޔުމާއި އެފަދަ ގޮންޖެހުންތަކަކީ އެއްވެސް އިރެއްގައި ބިރެއް ނޫނެވެ. އަހަރެއްހާ ދުވަހުގެ އެ ގަނަތެޅުމަކަށް ފަހު، އެންމެ ފަހުން އޭނާގެ ފިލްމުގެ މަސައްކަތް ނިންމައި އޮލިމްޕަހުގެ ރެޑް ކާޕެޓުގައި ފިލްމު ޕްރިމިއާކޮށްފި އެވެ.

"އެ ހިސާބުން ދެން އަނެއްކާވެސް އަޅުގަނޑު އަރަން ޖެހުނީ މުޅި އެހެން ބޫޓަކަށް. މުޅިން އައު ޗެލެންޖަކަށް ތައްޔާރުވީ. ދެން ސާބިތުކޮށްދިނީ ފިލްމެއް ވެސް ޑައިރެކްޓް ކުރެވިދާނެކަން،" ހުސެއިން މިހެން ބުނެލާފައި ހަމަޖެހިލި އެވެ.

ދެން އެ ފެށުނީ އޭނާ ޑައިރެކްޓްކުރި ފިލްމެވެ.

އެކަމަކު ދެން ވެސް ފަރިވާ އިން ބޭނުންވީ އަހަރެން ލައްވައި އެ ފިލްމު ޑައިރެކްޓް ކުރުވަން. އެ ތަނުގެ ވެރިން ބުނެފި ފިލްމު ފްލޮޕް ވިޔަސް، ފަރިވާ ބަނގުރޫޓްވިޔަސް ހުސެން މުނައްވަރޭ މި ފިލްމު ޑައިރެކްޓް ކުރާނީ،"--- ހުސެއިން

އޭނާގެ އަލަތު އެ ޑައިރެޝަނަކީ މާޗު 2011 ގައި ޕްރިމިއާކުރި ދިވެހި ފިލްމު 'ސަޒާ' އެވެ. ނިއުމާ މުހައްމަދާއި ކޮޕީ އިސްމާއިލް ރަޝީދު ލީޑު ރޯލު ކުޅެފައިވާ އެ ފިލްމު ވެގެން ދިޔައީ އެންމެން ހީކުރި ގޮތާ ހިލާފަށް އަހަރުގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ފިލްމަށެވެ. ޓިކެޓް ވިއްކައިގެން 1.2 މިލިއަން ރުފިޔާ ހޯދިއިރު ހަތް ވަނަ ގައުމީ ފިލްމު އެވޯޑްސްގައި ޖުމްލަ 14 ކެޓަގަރީއަކުން އެވޯޑަށް ނޮމިނޭޓްވި އެވެ. އޭގެ ތެރެއިން ތިން އެވޯޑް ކާމިޔާބުކުރިއިރު ހުސެން ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަކޮށް އެންމެ މޮޅު ސިނަމަޓޯގްރަފާގެ އެވޯޑް ހާސިލުކޮށްފަ އެވެ.

އޭނާގެ މި ކާމިޔާބީ އަކީ ހަމަ ހަގީގަތުގައި ވެސް ފިލްމެއް ކަހަލަ ހުވަފެނީ އިހުސާސެކެވެ. ފާޑުކިޔުންތެރިންގެ އަނގަމަތީގައި އިނގިލި އަޅައި ބާރުކޮށްލި ކާމިޔާބީ އެކެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، އޭނާ ޑައިރެކްޓް ކޮށްފައިވާ އައު ފިލްމެއް އޮލިމްޕަހުގެ ރިހި ސްކްރީނުގައި ޕްރިމިއާކު ރަން ތައްޔާރުވަމުން އަންނައިރު އޭނާގެ މި ވާހަކަ މިވަރަށް ހާއްސަވާ ސަބަބަކީ ވެސް އޭނާގެ ޒުވާން ފިލްމީ ހަޔާތް ކޮންމެ ދުވަހަކުވެސް ނަގައިދިން އިބްރަތްތެރި މި ފިލާވަޅެވެ.

މަންމަ ހައްޖަށް ފުރަމުން އެ ދުވަހު އެހެން އެހީމަ އަޅުގަނޑު ބުނީ ކެމެރާއެކޭ. ބުނީމަ މަންމަ އެނބުރި އައީ އަޅުގަނޑަށް ދޭން ކެމެރާއެއް ގަނެގެން. ދެން ގޭގައި ކުޅުނީ ފަތިސްހަނދުވަރު."--- ހުސެން

ހުސެން މުނައްވަރުގެ ހުނަރާ މެދު އުފެއްދި ހުރިހާ ސުވާލަކަށް އޭނާ ދިނީ ކުލަ ޖަވާބުތަކެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހުސެއިން މުނައްވަރަކީ ކާކު ހެއްޔެވެ؟ އޭނާ އަށް ހެދޭނީ ކޮން ފިލްމެއް ހެއްޔެވެ؟ އޭނާ އަށް ކުރެވޭނީ ކޮން ކެމެރާއެއް ހެއްޔެވެ؟،" އޭނާގެ ހުނަރާ މެދު އަބަދުވެސް އެންމެން އުފެއްދީ ސުވާލެވެ.

"ތިޔަ ފިލްމެއް ނުވެސް ނިމޭނެ އެވެ. ތިޔަ ފިލްމެއް ވާނީ ފްލޮޕުން ބޮޑު ފްލޮޕެވެ."

ނުވަތަ ކީ މި ފާޑުކިޔުމެވެ. އެކަމަކު ހިސާބުން ޖަހާ ނަމަ މިހާރު 36 އަހަރުގެ މި ޒުވާނާ އަކީ ފިލްމީ ދާއިރާއިން މިވަގުތު ނެގޭނެ އެންމެ ކާމިޔާބު އެއް ޓެލެންޓެވެ.

ހަތަރު ވަނަ ޑައިރެކްޝަނާ އެކު އެނބުރި އަންނައިރު އޭނާގެ ހުނަރުވެރިކަން އޮތީ ގާދޫކޮލުން ބޭރަށް ގޮސް މި ސާކް ސަރަހައްދުގައި ވެސް މެޑަލް ޖަހައިފައެވެ. އެއީ ހަތަރު ވަނަ ސާކް ފިލްމު ފެސްޓިވަލްގައި ތިން ވަނަ ހޯދައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ދިވެހި ފިލްމު 'އނގިލި' އިންނެވެ. އެއީ ހުސެއިން ޕްރޮޑިއުސްކޮށް ކެމެރާކޮށްފައިވާ ފިލްމެކެވެ.

ސުމަކުން ފެށި މި ޒުވާން ޑައިރެކްޓަރު އެންމެ ފަހުން ދިވެހި ސިނަމާ ފަހަތަކޮށް، ފޫހިކޮށްފިއޭ ބުނާ ކަހަލަ އެވެ. މިދިޔަ 8 އަހަރު ފިލްމެއް ނަހަދައި ހުރި ހުސެއިން ބުނަނީ ވެސް މިހެންނެވެ.

"އާންމު ދިރިއުޅުމުގައި ވެސް އާދޭތާ ފޫހިވާނެ ހާލާތްތަކެއް. ކަންކަމުގައި ފޫހިވެ މޯޓިވޭޝަން ގެއްލޭ ހާލާތްތަކެއް. ހަމަ އެ ގޮތަށް ފިލްމީ މަސައްކަތުގައި ވެސް ތަފާތު އެކި މަސައްކަތް ކުރަމުން އައިސް އެންމެ ފަހުން ފޫހިވީ. އަނެއްކޮޅުން އަޅުގަނޑުމެންގެ ފެންވަރުން ނުވަތަ ހުރި ރިސޯސަސްތަކާ އެކު އޭރު ދެވޭނެ އެންމެ މައްޗަކަށް ދެވިއްޖެ،" ހުސެއިން ބުނެލި އެވެ.

އެހެންވީމާ ހުސެއިން އައު ފިލްމެއް ޑައިރެކްޓްކުރާ ހިތް ޖެހުނީ ކުއްލިއަކަށް ކިހިނެތް ވެގެން ހެއްޔެވެ؟

މި ސުވާލާ އެކު އޭނާ އެނބުރި ދިޔައީ އަނެއްކާވެސް މާ ކުރީގެ ހަނދާން ތަކަކަށެވެ.

ހުސެން މުނައްވަރަކީ އޭނާގެ ކިބައިގައިވީ ވާހަކަ ކިޔައިދިނުމުގެ ހުނަރު ބޮޑު ސްކްރީނުގައި ވެސް ސާބިތުކޮށްދެމުން އަންނަ ފަންނުވެރިއެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުސެއިންގެ މަންމަ އެ ދުވަހު ހުރީ ހައްޖަށް ފުރަން ތައްޔާރުވެގެންނެވެ. އުމުރުފުރައިގެ އެހެން ކުދިންތަކާ އެކު ގޭތެރޭގައި ސަކަރާތް ޖަހަން އުޅުނު ހުސެއިން އަށް ގޮވާލާފައި ގެންގޮސް މަންމަ އަހާލީ، ހަދިޔާއަކަށް ދަރިފުޅު ބޭނުންވަނީ ކޯއްޗެއް ތޯއެވެ.

އެ ސުވާލާއި ހަނދާންތަކާ އެކު މި އައު ފެށުން އަނެއްކާވެސް ފެށިގެން މި އަންނަނީ އޭނާގެ ހިތުގައި ފިލްމީ މަސައްކަތަށް އެންމެ ކުޑައިރުވެސް އުފެދިފައި އޮތް ޝައުގުވެރިކަމާއި ލޯތްބާ ހިސާބުންނެވެ. ތަފާތު ދައްކާނެ މަސައްކަތެއް ކުރުމަށް އަބަދުވެސް އޭނާ ވަމުން ދިޔަ ތައްޔާރީ އަށާއި ބަލަމުން ދިޔަ ފުރުސަތުތަކުގެ ތެރެއިންނެވެ.

"މަންމަ ހައްޖަށް ފުރަމުން އެ ދުވަހު އެހެން އެހީމާ އަޅުގަނޑު ބުނީ ކެމެރާއެކޭ. ބުނީމަ މަންމަ އެނބުރި އައީ އަޅުގަނޑަށް ދޭން ކެމެރާއެއް ގަނެގެން،" ވަރަށް އުފާވި ކުޑައިރުގެ ހަނދާނަކުން ހުސެއިން ފަށައިގަތެވެ.

"ދެން ގޭގައި އުޅޭ އަހަރެމެން އުމުރުފުރައިގެ އެހެން ކުދިންތައް އެއްކޮށްލައިގެން ކަމަކަށް އޭރު އޮންނާނީ މަޝްހޫރު ދިވެހި ފިލްމު ފަތިސްހަނދުވަރު ކަހަލަ ފިލްމުތަކުގެ މަންޒަރުތައް ގޭތެރޭގައި ކުޅެމުން ޝޫޓްކުރުން."

މަންމަ ގެނެސްދިން ކެމްކޯޑަރު ހިފައިގެން ޝޫޓްކުރަން އުޅުނީ ހުސެން އެވެ. އަދި ކުޑައިރު އޭނާ އެންމެ ބޭނުންވީ އަސްލު ފިލްމެއް ޝޫޓްކުރާށެވެ.

އެ ފުރުސަތު އޭނާ އަށް ލިބުނީ ފިލްމީ ދާއިރާގައި ގޭނި ހަނާވުމަށް ފަހު އެވެ.

"އެންމެ ފަރަތަމަ އުޅުނީ ޝޫޓިންތަކުގައި ކްރޫ އަށް އަތްގާތްކޮށްދޭން. ދެން ލިބުނީ އީއެމްއޭއިން އުފެއްދި ގިނިހިލަގެ މޭކިން ނަގަން،" ފުރުސަތަކަށް ފެންބޮވައިގެންފައި ހުއްޓައި ޑައިރެކްޓަރު އީސަ ޝަރީފު ދިން އެ ފުރުސަތުގައި 50-60 ޓޭޕު އޭނާ ފުރާލި އެވެ.

އޭގެ ފަހުން ދެން ވެސް އޭނާ އަށް ޝޫޓްކުރަން ލިބުނީ އެހެން މީހުން ޑައިރެކްޓްކޮށް ކެމެރާކުރަމުން ގެންދިޔަ ފީޗާ ފިލްމުތަކެވެ. އެކަމަކު އުމުރުން 16 އަހަރުން ފަށައިގެން ހުސެއިން އަބަދުވެސް ފިލްމީ ދާއިރާގެ މީހުންނާ އެކު 'ބޯއިއަކަށް' އުޅުނީ އޭނާގެ ދުވަސް އަންނާނެ ކަމަށް ގަބޫލުކޮށްގެންނެވެ.

އޭނާ ފެންބޮވައިގެންފައި ހުރި އެ ފުރުސަތު ދިނީ ރާއްޖޭގެ އޭރުގެ އެންމެ ކާމިޔާބު ފިލްމު ޑައިރެކްޓަރު އީސަ ޝަރީފެވެ.

ދެން އެ ހުރިހާ އެންޒައިޓީއަކާ އެކު މި ދެ ފިލްމުގެ ޝޫޓިން އަށް ތައްޔާރުވާން ފަށައިފިން. އެކަމަކު އަނެއްކާވެސް ގޮސް އީސަ ޝަރީފު ކައިރީގައި ވެސް އަހާލެވުނީ، މަށަށް ހަމަ ވާނެ ހެއްޔޭ؟"--- ހުސެއިން

އެންމެ މުހިންމީ ހުސެން އައި ފޯނު ކޯލުތައް އަދި އޭނާ ދިން ޖަވާބުތައް: އުމުރުން 36 އަހަރުގައި އޭނާ އެހެރީ ހަތަރު ވަނަ ޑައިރެކްޝަން ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެގެން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އީސަ އަޅުގަނޑު ލައްވާ އެންމެ ފުރަތަމަ ނެގުވީ އިޝްތިހާރެއް. އޭގެ ފަސް ދުވަސް ފަހުން އައިސް ބުނެފި ހުސޭނާ ކަލޭ އެބަޖެހެއޭ ފީޗާ ފިލްމެއް ޝޫޓްކުރަން. އެންމެ ފިލްމެއް ވެސް ނޫނޭ. ދެ ފީޗާ ފިލްމު އެބައޮތޭ ކަލޭ ކެމެރާކުރަން ޖެހޭ،" ހުސެއިން ކިޔައިދިނެވެ.

ނުލިބިގެން އުޅުނު ފުރުސަތު އެންމެ ފަހުން ލިބުނުއިރު ދެ ފުރުސަތެއްގެ ގޮތުގައި އައިސް ބައްދަލުކުރުމުން ހުސެއިން އަށް ހީވީ އަނެއްކާވެސް ހުވަފެނަކުން އޭނާ އަށް ހޭލެވުނު ހެންނެވެ. ފުންމައިގެން ތެދުވެ އޭނާ ދުއްވައިގަތީ ބޭބެ އިބްރާހިމް 'ކަނޑި' ވިސާން ގާތަށެވެ. އޭނާގެ ބޭބެ ވިސާނަކީ އޭރު ވެސް ތަޖުރިބާކާރު ކެމެރާމަނެކެވެ. ހުސެއިންގެ އެންމެ ބޮޑު މެންޓޯ ވެސްމެއެވެ.

"ދެން ބޭބެ ކައިރީގައި އަހަރެން ބުނެފިން ހެލްޕު ބޭނުންވާނެއޭ. ބުނީމަ ބުނެފި ކުރިއަށް ގެންދާށޭ. ދެން މަ ބުނެފިން މަށަށް ވާނެ ހެއްޔޭ މިކަން؟ ބުނީމަ ބުނެފި ވާނެއޭ. އެއްވެސް ކަމެއް ނޭގިއްޖެއްޔާމު ތިމަންނަ އަށް ގުޅާށޭ،" ހުސެއިންގެ މި ވާހަކައާ އެކު އެ ދުވަހުގެ ހާސްކަން އައިސް ބައްދައިގަތެވެ.

"ދެން ކަނޑިއާ އެކު ޕްރެކްޓިސްކޮށްގެން އެ ހުރިހާ އެންޒައިޓީއަކާ އެކު މި ދެ ފިލްމުގެ ޝޫޓިން އަށް ތައްޔާރުވާން ފަށައިފިން. އެކަމަކު އަނެއްކާވެސް ގޮސް އީސަ ޝަރީފު ކައިރީގައި ވެސް އަހާލެވުނީ، މަށަށް ހަމަ ވާނެ ހެއްޔޭ؟"

"ވަގުތުން އީސަ ބުނެފި ޔަގީނޭ ކަލެއަށް ވާނެކަން މިކަން."

އެއީ ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ ދެ ފިލްމެވެ. އެއް ފިލްމު ޑައިރެކްޓްކުރަމުން ދިޔައީ އީސަ ޝަރީފެވެ. އަނެއް ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ނިމާލެވެ. އެއް ފަހަރާ މަސައްކަތް ފަށައިގެން މި ދެ ފިލްމު ވެސް ޝޫޓްކުރަމުން ގެންދިޔައީ ހުސެއިން އެވެ. ނަމަވެސް މި ދެ ފިލްމު ޝޫޓްކުރަނީ ހުސެއިންކަން އެނގުނު ދުވަހު އޭނާގެ އަތަށް ކެމެރާތައް ދޭން ވެސް ސްލޭމް ސްޓޫޑިއޯ އިން ބޭނުމެއް ނުވި އެވެ.

"ދެން އީސަ ވަގުތުން އަސްލަމަށް އަންގައިފި ކެމެރާމަނަކަށް ހުސެއިން މުނައްވަރު ކަމުނުދާ ނަމަ ތިމަންނަ ބޭނުމެއް ނޫނޭ މިއިން އެއްވެސް ފިލްމެއް ނަގާކަށް. އެ ދުވަހަކީ އަޅުގަނޑަށް ވަރަށް މުހިންމު ދުވަހެއް. އެ ދުވަހަކީ އަޅުގަނޑުގެ މި ކެރިއަރު އުފަންވި ދުވަސް،" ހުސެއިން ބުނެލި އެވެ.

ނަމަވެސް ފީޗާ ފިލްމެއްގެ ކެމެރާމަނެއްގެ ގޮތުގައި ހުސެއިން ކުރި އަލަތު އެ ދެ މަސައްކަތް އަދިއަދަށް ވެސް ބެލުންތެރިންނާ ހަމައަކަށް ނާދެ އެވެ. އެކަމަކު އޭނާ ބުނަނީ މިހެންނެވެ.

ހުސެން މުނައްވަރު މިހާރު ދަނީ އޭނާގެ އާ ފިލްމު ކަމަނާގެ ރެޑް ކާޕެޓަށް ތައްޔާރުވަމުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ފުރުސަތު އެ ދުވަހު އެ ދެ ޑައިރެކްޓަރުން އަޅުގަނޑަށް ދިނުމުންނޭ މިއަދުވެސް އަޅުގަނޑު މި މަސައްކަތުގައި ދެމިހުރީ. ފުރުސަތު ދީފި ނަމަ ތަފާތެއް ސާބިތުކޮށްދެވިދާނެ ކަމުގެ އަލި ގަދަ ހެއްކެކޭ އަޅުގަނޑު މިއީ."

އެ ފަޅި ފުރުސަތުތަކުން ދެމިގަނެގެން ގޮސް ފިލްމީ ދާއިރާގެ އެއް ނަމްބަރު ކެމެރާމަނަކަށް ހުސެއިން ބަދަލުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ޑައިރެކްޓަރު މޫމިން ފުއާދު ގެނެސްދިން ފިލްމު 'ލޫދިފާ' ގައި ސިނަމަޓޯގްރާފަރެއްގެ ގޮތުގައި ހުސެން ކޮށްފައިވީ މަސައްކަތްތަކާ އެކު އޭނާގެ ފޯނަށް އެންމެން ވެސް ގުޅަން ފަށައިފި އެވެ. އެ ދުވަހުގެ އެންމެ މުހިންމު އެއް ކޯލަކީ ފަރިވާ ފިލްމްސްގެ 50 ޕަސެންޓް އޭނާ އަށް ހުށަހެޅި ކޯލެވެ.

ހުސެއިން މުނައްވަރުގެ ފިލްމީ މަސައްކަތް ގޮސް ވަށައިޖެހޭ ހިސާބަކީ މި އެވެ. އެހެންވީމާ ދެން ބުނެބަލާށެވެ؛ އަނެއްކާވެސް ފިލްމެއް ޑައިރެކްޓްކުރާ ހިތްވީ ކިހިނެތް ވެގެން ހެއްޔެވެ؟

މިހައި ހިސާބުން ހުސެއިން ކިޔައިދޭން ފެށީ އޮލިމްޕަސް ސިނަމާގެ ވާހަކައެކެވެ.

"ރާއްޖެއިން ބޭރުގެ ސިނަމާތަކުގައި ފިލްމު ބަލާއިރު އެ ކުރެވޭ ސިނަމާ އެކްސްޕީރިއަންސް އަޅުގަނޑު ބޭނުންވަނީ ދިވެހި ފިލްމެއް ދިވެހި ސިނަމާގައި ބަލަން އިންނައިރު ވެސް ކުރެވެން. އޮލިމްޕަހުގައި މިހާރު ސައުންޑް އެ ވަރަށް އަޕްގްރޭޑް ކޮށްފައި ހުއްޓަސް ދިވެހި ފިލްމެއް ބަލާއިރު އަދިވެސް އެ ޓެކްނިކަލް ތަފާތެއް އިހުސާސެއް ނުކުރެވޭ،" އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، އައު ފިލްމެއް ޑައިރެކްޓްކުރަން ޝައުގު އުފެއްދި ސަބަބުން ހުސެއިން ކިޔައިދިނެވެ.

ހުސެން މުނައްވަރު ބުނަނީ އޭނާގެ ފިލްމު ވެގެން ދާނީ ދިވެހި ފިލްމު ބަލާ މީހުންނަށް އައު އިހުސާސްތަކެއް ކުރުވާނެ ފިލްމަކަށް ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދެން އަޅުގަނޑު ދިރާސާކުރަން ފެށީ އޮލިމްޕަހުގެ މި ސައުންޑް ސިސްޓަމުގެ ހުރިހާ އިހުސާސެއް ބެލުންތެރިންނަށް ކުރެވޭނެ ފެންވަރުގެ ފިލްމެއް ގެނެސްދޭން. ދެން ހިތަށް އެރީ އެ ވަރުގެ އިހުސާސްތަކެއް ގެނެސްދެވޭނީ ވަރަށް ރަނގަޅު ސްކްރީންޕްލޭއަކަށް ވަރަށް ޓެކްނިކަލް ކްރޫއަކާ އެކު ފިލްމެއް ހަދައިގެންނޭ"

"އެ ފިލްމަކީ ކަމަނާ. މިއީ ރާއްޖޭގެ ސިނަމާއެއްގައި މި ފެންވަރުގެ ސައުންޑެއް އިހުސާސް ކޮށްލަން ލިބޭނެ ފުރަތަމަ ދިވެހި ފިލްމަށް ވާނެ ފިލްމު. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. އަދި މި ފިލްމު ބަލާފައި، ހިތެއް އޮތް މީހަކު، ނުރޮއެއެއް ނުކުމެގެނެއް ނުދާނެ."

ހުސެން މުނައްވަރާ ދެކޮޅަށް ބާޖުމަރަން ލާހިކެއް ނޫނެވެ.

އޭނާގެ އާ ފިލްމު 'ކަމަނާ' އޮލިމްޕަހުގައި ޕްރިމިއާކުރާނީ މި މަހުގެ 27 ގަ އެވެ.

2 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމިއްޓޭ 2

20 August 2024

އުމުރުން އަަހަރުގައި ފަރިވާ ވިލްމުގެ 50 ޕަސެންޓް ލިބޭ ހުށަހެޅުން އެއީ ވަރަށް ޅައުމުރު. "އެ ފުރުސަތު އޭނާ އަށް ލިބުނީ ފިލްމީ ދާއިރާގައި ގޭނި ހަނާވުމަށް ފަހު އެވެ. " މި ޖުމުލައިން ދޭހަވަނީ ކީކޭބާ؟ ނުވިސްނުނު :)

The name is already taken The name is available. Register?

ބެޓިންގއިޒްބާޖުމެރުން

18 August 2024

"މިކަމާވެސް ބާޖުމަރަމާ؟" ޔަޢުނީ "ބެޓް" ކުރުން. ބާޖުމެރުމަކީ ބެޓްކުރުން. ކުދިންނަށް ނޭނގޭނެތީ ސާފުކޮށްލަދިނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454