"ފިލްމުގެ ރޯލު ހުށަހެޅުމުން އަހަރެން އެންމެ ފުރަތަމަ ވެސް ބުނީ ނޫނެކޭ،" އޮލިމްޕަހުގައި ދެއްކުމަށް ޓިކެޓް ވިއްކަމުން އަންނަ ދިވެހި ފިލްމު 'ކަމަނާ' ގައި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ކުޅެފައިވާ ރޯލާ ބެހޭ ގޮތުން ސުވާލުކޮށްލުމާ އެކު އޭނާ ބުނެލީ މިހެންނެވެ.

"އެއީ ޑައިރެކްޓަރު ހުސެން މުނައްވަރު އަޅުގަނޑަށް މި ފިލްމުގެ ލީޑް ރޯލު ހުށަހެޅީ ފިލްމެއް ނުކުޅެން ނިންމައިގެން، ފިލްމީ މަސައްކަތްތަކުން ޕާސަނަލް ސަބަބުތަކާ ހެދި ބްރޭކެއް ނަގައިގެން ހުރި ދުވަސްކޮޅެއްގައި. އަނެއްކޮޅުން އޭރު ވެސް ތަންކޮޅެއް ފަލަވެފައި ހުރީމަ އާންމުންގެ ތެރެއަށް ނުވެސް ނުކުންނަން އެހާ ބޮޑަކަށް އަޅުގަނޑެއް."

އައްޒަ އަކީ ހަށިގަނޑަށް ވަރަށް ބޮޑަށް ބަލައިގެން އުޅޭ އެކްޓަރެކެވެ. ވަކިން ހާއްސަކޮށް ފިލްމަކުން ނުވަތަ އޮންސްކްރީނުން ފެންނަ ކަހަލަ މުނާސަބަތެއްގައި ނަމަ އެންމެ ރީތިވެލައިގެން ހުންނަ އެކަކަކީ އަބަދުވެސް އޭނާ އެވެ. އެހެންކަމުން އަލީ ސީޒަންގެ ފިލްމު 'ލޯބިވެވިއްޖެ' އަށް ފަހު ނެގި 'ޕާސަނަލް ބްރޭކުގައި' އައްޒަގެ 'ފިލްމީ ލުކްސްތަކާ' ބީރައްޓެހި ހިސާބަކަށް ދެވުމުން އޭނާ ނިންމައިގެން ހުރީ އަވަހަކަށް ފިލްމެއް ނުކުޅޭށެވެ.

"ފިޒިކަލީ ވެސް މެންޓަލީ ވެސް އޭރު އަޅުގަނޑު ހުރީ ފިލްމެއް ކުޅެން ތައްޔާރަކަށް ނޫން. އެކަމަކު ވެސް ޑައިރެކްޓަރު ހުސެން މުނައްވަރު އެ ވާހަކަ ކުރެއް ނުކުރި،" ހުސެންގެ އެ ފިލްމު ޕްރޮމޯޓްކޮށް އޭގެ އެންމެ ފަހު މަންޒަރު ނެގުމަށް ތައްޔާރުވަމުން އަންނަ އައްޒަ ކިޔައިދިނެވެ.

ފިލްމު 'ކަމަނާ' ގެ ސެޓުގައި ބަތަލާ އައްޒަ. -- ފޮޓޯ: ސެޓާން ސްޓޫޑިއޯ
ފިލްމު 'ކަމަނާ' ގެ ސެޓުގައި ބަތަލާ އައްޒަ. -- ފޮޓޯ: ސެޓާން ސްޓޫޑިއޯ

"ދެން ޑައިރެކްޓަރު ބުނެފި ތިމަންނަ އަދި އައްޒަ ބޭނުންވަނީ ފިލްމުގެ ރޯލަށް އިތުރަށް ފަލަކޮށޭ. މިހާރު ތިހިރަ ވަރަށް ވުރެން ވެސް ފަލަވާށޭ ބޭނުންވަނީ. ބަނޑުބޮޑުވެގެން ގޮސް މީހަކު ދުޅަވެފައި ހުންނަ ވަރަށޯ ފަލަވާން ބޭނުންވަނީ."

އެންމެފަހުން މި ފިލްމެއްގެ ސްކްރިޕްޓް ކިޔަން އައްޒަ އެއްބަސްވެއްޖެ އެވެ. އަދި އައްޒަ މީގެ ކުރިން ބެލުންތެރިންނަށް ފެނިފައި ނުވާ ގޮތަކަށް ހުސެން މުނައްވަރުގެ މި ފިލްމުގައި އައްޒަ ދައްކުވައިދޭން އޭނާ އާދޭސްކުރަމުން ދިޔަ ސަބަބު އެ ހިސާބުން ސާފުވެއްޖެ އެވެ.

"ފިލްމުގެ ސްކްރިޕް ކިޔާލެވިއްޖެ ފެށި ގޮތަށް ގޮސް ވަން ސިޓިންގައި. އެގޮތަށް އެހާ ޝައުގުވެރިކަމާ އެކު ވަން ސިޓިންގައި ފިލްމުގެ ސްކްރިޕް ކިޔާލެވުނީމަ އަމިއްލަ އަށް ވެސް ގަބޫލުކުރެވިއްޖެ މިއީ ރަނގަޅު ފިލްމެއް ކަމަށް،" އައްޒަ ބުންޏެވެ.

"އާންމުކޮށް ފިލްމެއްގެ ސްކްރިޕްޓް ކިޔަން ދެ ތިން ދުވަސް ނަގާނެ އަޅުގަނޑަށް. އެކަމަކު މި ފިލްމުގެ ސްކްރިޕް ކިޔަން ފެށި ގޮތަށް ދޫކޮށްލާ ހިތެއް ނުވި. ތަންކޮޅެއް ކިޔާލާފައި ނިދަން ވެސް ފެށީ. އެކަމަކު އެރޭ ހަތަރުދަން ހޭދަވެގެން ދިޔައީ ފިލްމުގެ ސްކްރިޕްޓް ކިޔުމުގައި."

ހުސެން މުނައްވަރުގެ ފިލްމު 'ސަޒާ' ވެސް ލިޔުނު ސްކްރީން ރައިޓަރު، މަހުދީ އަހުމަދު ލިޔެފައިވާ 'ކަމަނާ' ގެ ސްކްރިޕްޓް ކިޔައި ނިންމާލި ގޮތަށް އެ ފިލްމުގެ ލީޑް ރޯލު ކުޅެން އައްޒަ ނިންމައިފި އެވެ. އަދި އެ ރޯލަށް 'ފިޓުވުމަށް' ޖެހުނު ކޮންމެ އެއްޗެއް، ކެވުނު ކޮން އިރަކު ކާން އައްޒަ ފަށައިފި އެވެ.

"އަހަރެންނަށް ފަލަވާން ވަރަށް ފަސޭހަވާނެ. އަހަރެން މިއީ ކާ އެއްޗަކާ ދިމާލަށް ބަލާލިޔަސް ތިން ކިލޯ ފަލަވާ މީހެއް."
ފިލްމު 'ކަމަނާ' ގެ ސެޓުގައި އައްޒަ: މި ފިލްމުގައި އޭނާ ކުޅެފައި ވަނީ އަސްލު ދިރިއުޅުމުގައި އަނިޔާ ލިބުނު އަންހެނެއްގެ ރޯލު. --ފޮޓޯ: ސެޓާން ސްޓޫޑިއޯ
ފިލްމު 'ކަމަނާ' ގެ ސެޓުގައި އައްޒަ: މި ފިލްމުގައި އޭނާ ކުޅެފައި ވަނީ އަސްލު ދިރިއުޅުމުގައި އަނިޔާ ލިބުނު އަންހެނެއްގެ ރޯލު. --ފޮޓޯ: ސެޓާން ސްޓޫޑިއޯ

"ފިލްމުގެ ޝޫޓިން އަށް ނުކުތްއިރު އަޅުގަނޑު 70 ކިލޯ އަށް ވުރެ ބަރުވާނެ. މިއީ އަދި މި ވަރަށް ފަލަކޮށް، މިވަރަށް ބަރުކޮށް ހުއްޓައި އައްޒަ ފިލްމަކުން ނުވަތަ ސްކްރީނަކުން ވެސް އާންމުންނަށް ފެންނަ ފުރަތަމަ ފަހަރު،" އައްޒަ ބުނެލި އެވެ.

"އެ ދުވަސްކޮޅު އަހަރެން ފަލަކަމުން އަޅުގަނޑު ޓިވީއެއްގެ އެއްވެސް ޕްރޮގްރާމަކަށް ވެސް ނާރަން. ވީޑިއޯ އިންޓަވިއުއެއް ވެސް ނުދެން. ސޯޝަލް މީޑިއާ އިން ވެސް ނުފެންނާނެ. އާންމުންނަށް ފެންނަ ފޮޓޯތަކެއް ވެސް ނުލަން. އަދި އާންމު ދިރިއުޅުމުގައި ކޮންމެހެން ދިމާވާ މީހުން ފިޔަވައި އިތުރު ބަޔަކާ ދިމާވެސް ނުވަން."

އައްޒަ ބުނީ ފިލްމު ކުޅެން އެއްބަސްވިއިރު އޭނާ 'ފަލަވެފައި ހުރި ވަރު' ފިލްމުގެ ރޯލަށް ކަމުނުގޮސްގެން އިތުރަށް ފަލަވުމަށް ޑައިރެކްޓަރު އެންގި ކަމަށެވެ.

"އަހަރެންނަށް ފަލަވާން ވަރަށް ފަސޭހަވާނެ. އަހަރެން މިއީ ކާ އެއްޗަކާ ދިމާލަށް ބަލައިލިޔަސް ތިން ކިލޯ ފަލަވާ މީހެއް. ދެން އެހެންވީމަ މި ފިލްމުގެ ލީޑް ރޯލު ކުޅެން އެއްބަސްވެގެން ކަމަކަށް އޮތީ ކެއުން. ޝޫޓިންތަކުގައި ވެސް މެގްނަމާއި ޗޮކްލެޓު ކެއުން އޮންނާނީ ކަމަކަށް،" އައްޒަ ކިޔައިދިނެވެ.

"ދަންވަރެއް މެންދުރެއް ނޯވޭ ކާކަށް. ކުޑަވަރެއްގެ އީދެއް އައިސްގެން އުޅުނުހެން ހީވީ ކެއުމުގެ. އެހެންވީމަ ވަރަށް ފަސޭހައިން ޑައިރެކްޓަރު ހިތްހަމަޖެހޭ ވަރަށް ފަލަވެއްޖެ،"

ދިވެހި އާއިލާގެ ތެރޭގައި ހިނގާފައިވާ ގެވެށި އަނިޔާގެ އަސްލު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހުސެން މުނައްވަރު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައި މޮޅަދޫގައި ނަގައި ނިންމީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއަށް ފަހު ފިލްމުގެ އެންމެ ފަހު މަންޒަރު ޝޫޓުކުރުމުގައި އައްޒަ މިއަދު އަވަދިނެތި އުޅޭއިރު އޭނާގެ ހަށިގަނޑަށް ވަނީ އަނެއްކާވެސް ގަބޫލުކުރަން ދަތި ބަދަލުތަކެއް ގެނެސްފަ އެވެ.

މި ފިލްމުގައި އައްޒަ ފެނިގެންދާނީ އޭނާ މީގެ ކުރިން އޮން ސްކްރީނުން ފެނިފައިނުވާ ފަދަ ލުކަކާއި ގޮތަކަށް. --ފޮޓޯ: ސެޓާން ސްޓޫޑިއޯ
މި ފިލްމުގައި އައްޒަ ފެނިގެންދާނީ އޭނާ މީގެ ކުރިން އޮން ސްކްރީނުން ފެނިފައިނުވާ ފަދަ ލުކަކާއި ގޮތަކަށް. --ފޮޓޯ: ސެޓާން ސްޓޫޑިއޯ

"މިހާރު މިހިރީ ފިލްމުގެ މި މަންޒަރު ނަގަން އެއްކޮށް ހިކިފައި. އޭގެ ފަހުން ވިއްސަކަށް ކިލޯ ހިކިއްޖެ،" ހީގެންފައި އައްޒަ ބުނެލި އެވެ.

"ކަމަނާގެ ޝޫޓިން ނެގީ މި އަހަރުގެ ފެބްރުއަރީ މަހުއޭ ބުނީމަ މީހުންނަށް ގަބޫލެއް ވެސް ނުކުރެވޭ އަހަރެން އެ ވަރަށް ފަލަވި ކަމަކަށް. އެކަމަކު ކަމަނާ ފިލްމު ބެލީމަ އަސްލު އެނގޭނީ އަޅުގަނޑު ފިލްމުގެ ރޯލަށް ފަލަވެލާފައި ހުރިވަރު. އަދި މިހާރު ހިކިފައި ހުރި ވަރު،" އައްޒަ ބުންޏެވެ.

"ޑައިރެކްޓަރު އެ ދުވަހު ވެސް ބުނި ފިލްމުގައި އިންނާނެއޭ އައްޒަ ވަރަށް ބޮޑަށް ހިކިގެން ހުރެ ކުޅެން ޖެހޭ މަންޒަރެއް. އެންމެ މަންޒަރެކޭ. އެކަން ކުރެވިދާނެ ހެއްޔޭ؟ ބުނީމަ އަހަރެން ބުނިން ވާނެއޭ. އެކަމަކު އެއްވެސް މީހަކު އަސްލު ހީއެއް ނުކުރޭ އަހަރެން އެ ވަރަށް ފަލަކޮށް ހުރެފައި މިވަރަށް ހިކިދާނެ ކަމަކަށް."

ހިކުމާއި ފަލަވުމަކީ އައްޒަ އަށް ފެންމެޓައެއްކަން ޔަގީނެވެ. ނަމަވެސް އޭނާ ބުނީ ފިލްމުގައި ކުޅެން ޖެހުނު ރޯލަކީ މި ތަޖުރިބާގެ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

"މި ފިލްމުގައި އަޅުގަނޑު ކުޅެފައިވާ ކެރެކްޓާ އަށް ވުރެ މާ ހާލުގައި މި ވާހަކަ ބޭސްކޮށްފައިވާ އަންހެން ކުއްޖާ އޭނާގެ އަސްލު ދިރިއުޅުމުގައި އުޅެފައި ވަނީ. ފިލްމުގައި މި ފެންނަ އަނިޔާތަކަށް ވުރެ މާ ގިނަ އަނިޔާ އޭނާ ވަނީ ތަހައްމަލްކޮށްފައި. އެކަމަކު އެ ހުރިހާ މަންޒަރުތަކެއް ފިލްމެއްގައި ނުވެސް ދެއްކޭނެތާ،" އައްޒަ ބުންޏެވެ.

"އެހެންވީމަ އެކަން އެނގި ހުރެ މި ރޯލު ކުޅެމުން ދިޔައިރު އަޅުގަނޑަށް ވަރަށް އަސަރުކުރި. އިންސާނަކަށް މީހަކު މިވަރު ކޮށްލަފާނެއޭ. އެހެން އަޅުގަނޑު ހިތަށް އަރަމުން ދިޔައީ ފިލްމު ކުޅެމުން ދިޔައިރު ވެސް. އެ ކުއްޖާ އުޅޭނެ ހާލު، ނުވަ މަހުގެ ބަނޑަކާއެކު އޭނާ އުޅުނު ހާލު ހިތަށް އަރައި ވަރަށް ދެރަވި."

އައްޒަ ބުނީ އޭނާ އަކީ ފިލްމުތަކުގައި އަނިޔާވެރި ނުވަތަ އަނިޔާލިބޭ ރޯލުތަކާ ވެސް އެހާ ރައްޓެހި އެކްޓަރެއް ނޫން ކަމަށެވެ. އެހެންކަމުން މި ފިލްމުގައި މިހާ ހިތްދަތި ރޯލެއް ކުޅެން ޖެހުމުން ނަފުސާނީ ގޮތުން ވެސް އެކަމަށް ތައްޔާރުވާން މަޖުބޫރުވި ކަމަށެވެ.

ފިލްމުގެ ސެޓުގައި ޑައިރެކްޓަރު ހުސެން މުނައްވަރު (ކ) އައްޒަ އާއި އެކްޓަރު ޔޫސުފް ޝަފީއު އަށް އިރުޝާދު ދެނީ. -- ފޮޓޯ: ސެޓާން ސްޓޫޑިއޯ
ފިލްމުގެ ސެޓުގައި ޑައިރެކްޓަރު ހުސެން މުނައްވަރު (ކ) އައްޒަ އާއި އެކްޓަރު ޔޫސުފް ޝަފީއު އަށް އިރުޝާދު ދެނީ. -- ފޮޓޯ: ސެޓާން ސްޓޫޑިއޯ

"އަނިޔާވެރި ނުވަތަ އަނިޔާ ލިބޭ ސީންތައް ޝޫޓްކުރި ދުވަސްތަކުގައި ފިޒިކަލީ އަދި މެންޓަލީ ވެސް ވަރަށް ތައްޔާރުވާން ޖެހުނު މި ފިލްމަށް. ސަބަބަކީ ފިލްމުގައި ދައްކުވައިދޭ މަންޒަރުތައް ސިފަވެގެން އަންނައިރު ހިތަކަށް ނާރާނެ މިއީ އިންސާނަކު އަނެއް އިންސާނަކަށް ދީފާނެ އަނިޔާ ކަމަށް ވެސް،" އައްޒަ ބުނެލި އެވެ.

މި ފިލްމު އޭނާ ސިފަކުރަނީ މީގެ ކުރިން ނުފެންނަ 'އައްޒައެއް' ބެލުންތެރިންނަށް ފެންނާނެ ފިލްމެއްގެ ގޮތުގަ އެވެ. އެކަމާ އެކްސައިޓްވެފައި ހުރީ އައްޒަ އެކަންޏެއް ނޫނެވެ.

"ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް މިހާރު ވެސް ފިލްމަށް ލިބެމުން ދަނީ. ވަރަށް ގިނަ މީހުން ބުނަނީ ފިލްމުގެ ރޯލަށް އައްޒަ ފަލަވެފައި ހުރި ވަރު ބަލާލަން ބޭނުމޭ،" އައްޒަ ބުނެލި އެވެ.

ބަތަލާ ނިއުމާ މުހައްމަދު ބޯބާލައިގެން ކުޅުނު ފިލްމު ވެސް ރިކޯޑްތަކެއް ހެދި އެވެ. އެހެންކަމުން އައްޒަގެ މި ތަފާތު ސިފަ އާއި ހުނަރުވެރިކަމާ އެކު 'ކަމަނާ' އަށް ވެސް މި އޮތީ ރަނުގެ ފުރުސަތެކެވެ.

އަނެއްކޮޅުން މި ފިލްމު ހާއްސަވަނީ އައްޒަ ފަލަވެފައި ހިކުމަކުން އެކަންޏެއް ނޫނެވެ. މި ފިލްމަކީ އޭނާ މިހާތަނަށް ކުޅެދިން އެންމެ އަގުބޮޑު އެއް ފިލްމު ވެސް މެ އެވެ.