ވަހީދާގެ ގޭގައި އޭނާ އެކަނި ދިރިއުޅުނަކަސް އޭނާގެ ދިރިއުޅުމުން ކިޔައިދިން ވާހަކަތަކުން ވަރަށް ކުލަ ގަދަ ޝަހުސިއްޔަތުތަކާ ބައްދަލުވި. މޮޅިވެރިކަމުގައި ވެސް އޭނާ ދެއްކީ އުފާވެރި މޫނެއް.
އެ ގޭގައި ހަމަ އެކަކު ވެސް ނެތެވެ. ސަލާން ގޮވާގޮވައި ވަރުބަލިވެގެން އަހަރެމެން އެނބުރިގަތީ އެހެން ގެއެއް ފެނޭތޯ ބަލަން ދާށެވެ. އެ ވަގުތު ލޮލުގައި އަޅައިގަތީ ދެ އަތް އުކަމުން، ތެޅެމުން ފޮޅެމުން މި ގޭގެ މެދުގޯތި ތެރެއަށް ވަދެގެން އައި އަންހެނެކެވެ. ރަތް ލިބާހަކާއި ރަތް ބުރުގަލެއް އަޅައިގެން ރަތްދަކަ އަވިން ދިއްލެމުން އައިސް އެންމެ ފަހުން އަހަރެމެންނަށް މަރުހަބާ ކިޔައިފި އެވެ.
"ކީއްކުރާ ކުދިންތަކެއްތަ؟،" ހަރުކޮށް ހެލެމުން އައިސް އަހަރެމެންނާ އަރައި ހަމަކޮށްލުމަށް ފަހު އޭނާ ސުވާލަކުން ނަގައި އަޅުވައިލި އެވެ.
"މިގެ ރީތިކަމުން ހަމަ ބަލާލަން ވެގެން ދައްތާ،" އަހަރެން ބުނެލީމެވެ.
އަހަރެންނާ އެކުގައި އިން ފޮޓޯގްރާފަރު ކޮށްލީ ސުވާލެކެވެ.
"ދައްތާގެ ގެ ތޯ މިއީ؟،" މި ސުވާލާ އެކު ދެން އެ ފެށުނީ ސ. ފޭދޫ މުހުތާދުގޭ ފާތުމަތު ވަހީދާގެ ވާހަކަ އެވެ.
ވަހީދާ އެކަނި ދިރިއުޅޭ އޭނާގެ ނޫކުލައިގެ ގެ. -- މިހާރު ފޮޓޯ: އަލީ ނަސީރު
ވަހީދާ ދިރިއުޅޭ ގޭގެ ފެންޑާ: އޭނާ އަކީ ކުރިން ވަރަށް ގަދަ އަށް ކަސަބު މަސައްކަތްކުރި މީހެއް ކަމަށް ބުނި. -- މިހާރު ފޮޓޯ: އަލީ ނަސީރު
"އަފިރިންގެ އަމާ ވެހީ ދެ ކުދިން. ބޭބޭ މަރޮވީމެއި މިކޯ ދުނިޔޭގައި ހުރީ އަޅުގަނޑު އެކަނި، މަންމަގެ ކުއްޖަކަށް. ދެން އަޅުގަނޑަށް ލިބުނީ އެންމެ ކުއްޖެއް. އެއީ މާލޭގެ މަސްއޮޑިގޭ ހަމްދީއާ އިނދެގެން ލިބުނު ކުއްޖެއް،" ވަހީދާ ބުނެލި އެވެ.
"އެ ކުއްޖާ ވެސް ނިޔާވެއްޖެ. އެ ކުއްޖާ މަރުވުމުން އެކަމުގެ ހަނދާނުގައި ހަމްދީ އޮންނާނެ ވަރަށް ރީތި ލަވައެއް ވެސް ކިޔައި ރިކޯޑްކޮށްފައި. ނާޒުކު ލޯބި ދިޔައިމާ ރުއިމޭ. ދުނިޔެ ދޫކުރި ބައްޕަގެ ލޯތްބޭ. ބައްޕަގެ ސާފު ނިޝާނޭ ކިޔާފައި. އެ ދަރިފުޅު އެކަނި އަޅުގަނޑަށް ލިބުނީ. އޭގެ ފަހުން ދަރިއަކު ނުލިބޭ. އަޅުގަނޑުގެ އެއްވެސް ދަރިއަކު ނެތް. އެއަށް ފަހު ވަރަށް އެކަނިވެރި ހަޔާތެއް އަޅުގަނޑު އުޅެމުން އަންނަނީ."
ވަހީދާ ބުނީ އޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ހަމްދީއާ ކައިވެނި ކޮށްގެން އުމުރުން 18 އަހަރުގައި އޭނާ އަށް ލިބުނު އަންހެން ދަރިފުޅު ނިޔާވީ ކުއްޖާގެ އުމުރުން ހަތް މަހުގައި ކަމަށެވެ.
"އޭގެ ފަހުން ދުވަހަކު ވެސް އަޅުގަނޑު ބަނޑުބޮޑެއް ނުވޭ. ހަމްދީ އަށް ފަހު ވެސް އަޅުގަނޑު މީހުންނާ އިނިން. މުސްކުޅިވި ފަހުން މިހާރު މީހަކާ ނީނދެ މިހެން ހުއްޓަސް އޭގެ ކުރިން ހަ މީހުންނާ އަޅުގަނޑު އިނިން. އެއީ ޖުމްލަ 13 ކައިވެނި. އެކަމަކު ވެސް އަޅުގަނޑަށް ދެން ނުލިބުނު ދަރިއެއް،" މިހެން ބުނެފައި އަހަރެންނާ ދިމާލަށް ބަލަން އިނދެފައި ނިކަން ބާރަކަށް ވަހީދާ ހޭން ފަށައިގަތެވެ.
ގައިން ނެގި ހީބިހިގަނޑު ފިލައިގެން ދިޔައީ އިރުކޮޅެއްވީ ފަހުންނެވެ.
ވަހީދާ އޭނާގެ ގޭގެ ބޭރު އުނދޯލީގައި އިނދެ ފޮޓޯ އަލްބަމްތަކުން ފޯރީގައި ކުރީގެ ހަނދާންތައް ކިޔައި ދެނީ. -- މިހާރު ފޮޓޯ: އަލީ ނަސީރު
ވަހީދާ އޭނާގެ ގޭގެ ފެންޑާގައި ކުއްޖެއްގެ ބޯކޮށަނީ: މިއަދު ވެސް އޭނާގެ ގޭގެ ފެންޑާ ހުރީ މިހެން. -- މިހާރު ފޮޓޯ: އަލީ ނަސީރު
ވަހީދާ އަށް މިހާރު 70 އަހަރެވެ. އޭނާގެ މި މުސްކުޅިގޭގައި އެކަނިމާއެކަނި ދިރިއުޅެމުންދާތާ މިހާރު އެތައް އަހަރެއް ވީ އެވެ. އޭނާ ބުނީ އޭނާގެ އުމުރުން ދުވަސްވެ ގައިން ވަރު ދޫވެ މުސްކުޅިވަމުން ދިޔަޔަސް އޭނާގެ މި ގެ ހުރީ ހުރި ގޮތަށް ކަމަށެވެ. މުސްކުޅިވެ ވީރާނާވުމުގެ ނިޝާނެއް ވެސް ގޭގައި ނެތް ކަމަށެވެ.
މިހައި ހިސާބުން އޭނާ ކިޔައިދޭން ފެށީ އިނގިރޭސި ސިފައިން ގަމުގައި ވަޒަންވެރިވުމަށް ގަމުން މީހުން ބޭލުމަށް ފަހު އެ މީހުން ދިރިއުޅެން ފޭދޫގައި ތަރައްގީކުރި ހިޔާތަކުގެ ތެރެއިން މި ގޭގެ ވާހަކަ އެވެ.
"ގަމުން އަފިރިން ބޭލިމެއި ރެފިއުޖީންގެ ގޮތެ އަޅުގަނޑު މި ގެ އަށް އައީ އުމުރުން ހަތް އަހަރުގައި. މިއީ އިނގިރޭސި ސިފައިން 13 އަހަރުގެ ގެރެންޓީއެއް ދީފައި އަޅައިދިން ގެތަކެއް ފޭދޫ މީހުންނަށް. އެކަމަކު ބަލާބަލަ، މިހާރު އަޅުގަނޑުގެ އުމުރުން ވެސް 70 އަހަރުވެއްޖެ،" ވަހީދާ ބުނެލި އެވެ.
ވަހީދާ ބުނީ އޭނާގެ ނަމުގައި މިހާރު އޮތް މި ގޯއްޗަކީ އޭނާގެ (މާފަ) މަންމަ ފަރާތު ކާފަ އާއި މަންމަ ދޫކޮށްފައި ދިޔަ ބިމެއް ކަމަށެވެ.
ވަހީދާ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ނަގާފައިވާ ފޮޓޯއަކުން އޭނާ ދައްކާލަނީ. -- މިހާރު ފޮޓޯ: އަލީ ނަސީރު
ވަހީދާ އޭނާގެ ޒުވާން އުމުރުގައި ނަގާފައިވާ ފޮޓޯއެއް ދައްކާލަނީ: މިއީ އުމުރުން 18 އަހަރުގައި މާލެ އަށް ގޮސް ސްޓޫޑިއޯއެއްގައި ނެގި ފޮޓޯއެއް ކަމަށް ބުނި. -- މިހާރު ފޮޓޯ: އަލީ ނަސީރު
"އަޅުގަނޑުގެ މަންމަ މަރުވެއްޖެ އަޅުގަނޑު ވަރަށް ކުޑައިރު. މާމަމެން ދުނިޔޭގައި ތިއްބައި. ދެން މާމަމެންގެ ގޯތި ބަހާއިރަކު އަޅުގަނޑުގެ އަމާއަކަށް ނުލިބޭނެތާ އެއިން އެއްވެސް މުދަލެއް. މިހެން މިކަމެއް ހިނގާފައި އޮތްވައި އެންމެ ފަހުން މި ގޯތި މާމަގެ އެއްބަނޑު މީހަކަށް ދޭން އުޅެނިކޮށް އެ މައްސަލަ އެންމެ ފަހުން ކޯޓުން ނިމުނީ އަޅުގަނޑުގެ ނަމަށް ގޯތި ދޭ ގޮތަށް،" ވަހީދާ ކިޔައިދިނެވެ.
"މިއީ އަސްލު މާފާ އާއި މާމާގެ ބިމެއް. އެ މީހުންނަށް ލިބުނީ އަމާ އެކަނި. އަމާގެ ހުރީ އަޅުގަނޑު އެކަނި ދުނިޔޭގައި. ދެން އަޅުގަނޑަށް މި ގޯތި ލިބުނީ."
މިއަދު އޭނާގެ މި ގޯތިން ބައެއް ބައްޕަ ދީފައިވާއިރު އެ ތަނުގައި މިހާރު ހުރީ ފޭދޫގެ މަޝްހޫރު ކްލިނިކެކެވެ. ގޯތީގެ އަނެއް ފަޅީގައި ޕާކިންޒޯނެއް ވެސް ހަދާފައި އޮތެވެ. ނަމަވެސް ބަދަލެއް ނުވެ ހުރީ އިނގިރޭސި ސިފައިން އަޅައިދިން ގެ އެވެ. ވަހީދާ ބުނީ މިއީ 'ދެ ނަމްބަރު' ގެ ގެއެއް ކަމަށެވެ.
"އޭރު ގަމުން ފޭދޫ އަށް ބަދަލުކުރި މީހުންނަށް އަޅައިދިނީ ތިން ދަރަޖައެއްގެ ގެތަކެއް. އޭގެ ތެރެއިން މިއީ ދެ ވަނަ ނަމްބަރުގެ ގެއެއް. ތިން ވަނަ ނަމްބަރުގެ ގެތައް އަދި ހުންނާނީ މިއަށް ވުރެ ނިކަމެތިކޮށް. ކުޑަކޮށް،" ވަހީދާ ކިޔައިދިނެވެ.
ފޭދޫގެ އެތަން މިތަނުން މިއަދު ވެސް މިކަހަލަ 'ނަމްބަރު' ތަކުގެ ގެތައް ފެންނަން އެބަހުއްޓެވެ. ނަމަވެސް ގިނަ ގެތައް ވަނީ އެކި ގޮތްގޮތަށް މަރާމާތުކޮށް އޭގެ އަސްލު ގެއްލިފަ އެވެ. ނުވަތަ ބައުވެ ހަސްނެތިގެން ގޮސް ފަޅުވެފަ އެވެ. ނަމަވެސް ވަހީދާގެ މި ގެ ހީވަނީ އިނގިރޭސި ސިފައިން އިއްޔެ އަޅައި ދިން ގެއެއް ހެންނެވެ.
"ލާއިލާހައިއްލަﷲ. މަމީ ވަރަށް ސައުފުތާހިރި މީހަކޭ ކޮއްޔާ،" އައްޑޫ ބަހުރުވައިން ވަހީދާ ބުނެލީ މިހެންނެވެ.
ވަހީދާ ދިރިއުޅޭ ގެ: މުޅި ގެ އޮތީ ވަރަށް ރީއްޗަށް ފޮޅައި ސާފުކޮށްފައި. -- މިހާރު ފޮޓޯ: އަލީ ނަސީރު
ވަހީދާ ދިރިއުޅޭ ގޭގެ އެތެރޭގައި ހުރި އުނދޯއްޔަކާއި އެނދެއް، -- މިހާރު ފޮޓޯ: އަލީ ނަސީރު
ދެން އޭނާ ފަށައިގަތީ ފޮޅައި ސާފުކޮށް ނަލަކޮށްލާފައި އޮތް އޭނާގެ ގޭގެ ޓުއާ އެކެވެ. ހިރަފުސްކޮޅެއް ވެސް ގޭތެރޭގައި ނެތެވެ. އަދި އޭނާގެ ފޮޓޯ އަލްބަމް ހުޅުވާލުމުން ވެސް ފެނުނީ ހިރަފުސްކޮޅެއް ނެތި އޮމާންކޮށްފައިވާ ފޮޓޯތަކެވެ.
އެންމެ ފަހުން ޓުއާ ނިންމާލާފައި ފޮޓޯ އަލްބަމްތަކާ އެކު އެނބުރި އައިސް އުނދޯލީގައި ވަހީދާ ޖައްސާލި އެވެ. ހެމުން ހެމުން އަތްތިލަބަނޑި ޖަހަމުން 'ހެއް ހެއް ހޭ' އޭ ކިޔާފައި އޭނާގެ ޒުވާން ޗާލާކީ ޒާމާނުގެ މަޖާ ދުވަސްތަކުން ވާހަކަ ކިޔައިދޭން ފަށައިގަތެވެ. އެ ހުރިހާ ވާހަކައެއްގައި ގޮސް ޖެހުމާ އެކު މި ޖެހެނީ ވަހީދާގެ ވާހަކަ ކުރުކޮށްލާށެވެ.
"ބަލަ އަޅުގަނޑަކީ އޭރު މުޅި އައްޑު އަތޮޅުގައި ހުރި އެންމެ ނަލަ އެކަކޭ. މިހާރު މުސްކުޅިވެ ދެބައިން ބާވެފައި ހުއްޓަސް،" ކުރު ނުވީ ވަހީދާގެ ހިނިގަނޑުތަކެވެ.
"މިހާރު ވެސް އަޅުގަނޑުގެ 16-17 އަހަރުގެ ފޮޓޯތަކެއް ދައްކާލައިފި ނަމަ ތިޔަ ކުދިންނަކަށް ނުވެސް އެނގޭނެ އެއީ ދައްތަ ކަމެއް. އެހާ ވެސް ރީތިވާނެ އޭރު އަޅުގަނޑު،" މިހެން ބުނެފައި އަނެއްކާވެސް ބާރުބާރަކަށް ހީގަތެވެ.
އަތްޖަހައިގަތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
13 ކައިވެނި
24 August 2024
13 ކައިވެނި؟ ލައްކަ ތަޖްރިބާ ދެއްތޯ ؟
ސުކުންބެ
23 August 2024
ވަރަށް ރީތި ފީޗަރ އެއް. ވަރަށް ކަމުދޭ
ހާސިލް
22 August 2024
ތިގޭގެވެސް އަސްލު ގެއްލިފަތިއޮތީ ކުލަބަދަލު ކުރީމަ އިނގިރޭސީން އަޅަދިން އިރު ޖާލިތައް ހުރިގޮތަށް ބަހައްޓާ ވަރނިޝް ކުރިނަމަ މާފުރިހަމަވީސްހެން ހީވޭ، މިކަހަލަ ދުވަސްވީ ތަރިކަ މުދާ ދިގުމުއްދަތަށް އަސްލު ނުގެއްލޭނެހެން ބެލެހެއްޓުމަށް މިފަދަ ގެތަކުގެއުޅޭ މީހުންނަށް ތަމްރީނުދީ އެހީދިނުން ރަނގަޅުވާނެ އޭރުންތާ އަންނަންއޮތްޖީލުތަކަށް މިތަންތަން ފެންނާނީ.