މިހާރު ލައިޓް

ކުރަން ނުކެރުނު ސުވާލު: މަޖީދު ކިތައް މީހުންނާ އިނދެ ވަރިކޮށްފިންތޯ؟

ފޮޓޯ ނެގިއިރު އޭނާ އަކީ ފޮޓޯ މަޖީދެވެ. ރާ ބޭލިއިރު އެއީ ރާމަޖީދެވެ. ހިތާނުކުރިއިރު އެއީ 'އިސްލާންކެރާ' މަޖީދެވެ. ބޯކޮށިއިރު އެއީ ބޯކޮށާ މަޖީދެވެ. އެހެންވީމަ އެވަރަށް ގިނަ މީހުންނާ އިނދެ ވަރިކުރިއިރު އެ ވާނީ ކޮން މަޖީދަކަށް ހެއްޔެވެ؟

ސ. ފޭދު އަށް ދާ ވާހަކަ ބުނުމުން ރައްޓެހި އެހެން ނޫސްވެރިޔަކު އައިސް ކޮނޑަށް އަތް ވައްޓާލާފައި ބުނެލި އެވެ؛ އެ ރަށު އުހުލި ފިހާރައިގެ ސޭޓު، އަބްދުލް މަޖީދުގެ އިންޓަވިއުއެއް ނުނަގައި އެ ރަށުން ނުފައިބައްޗެވެ. ކޮންމެއަކަސް ބީރައްޓެހި ރަށަކަށް ވުމުން އޭނާ އެ ބުނި އުހުލި ފިހާރަ ހޯދުންވީ ފަސޭހަ ކަމަކަށް ނޫނެވެ. އެކަމަކު ރަށު ތެރެއަށް ވަދެ އެކި މީސް މީހުން ގާތު ސުވާލުކޮށް އަހަމުން ދަނިކޮށް އެންމެފަހުން މި 'އުހުލި' ފިހާރައެއް ލޯ މައްޗަށް 'އުފުލިއްޖެ' އެވެ.

އޭރު މެންދުރުގެ އިރު މެދުޖެހިއްޖެ އެވެ.

އަހަރެމެން ގޮސް އެ ފިހާރައަށް ވަންއިރު ރަށުގެ އަންހެންވެރިންތައް ވިޔަފާރިކުރަން ވަދެ ތިއްބެވެ. އެ ހިސާބުން އަނެއްކާވެސް ހަނދާނަށް އައީ އެކުވެރި ނޫސްވެރިޔާ ބުނެފައި އޮތް އަނެއް ވާހަކަ އެކެވެ. އަދި ހިތަށް އެރީ މިހެންނެވެ؛ އަނެއްކާ މި ހުރިހާ އަންހެނުންނަކީ އުހުލި ފިހާރައިގެ ސޭޓުގެ އަނބިން ހެއްޔެވެ؟

ސޭޓަކަށް ވެސް އިނީ އަންހެނެކެވެ. އަދި އިންޓަވިއު އަށް އެއްބަސްވެ މަޖީދުކީ ހޫނު މަރުހަބާއަކުން ހިފިނުހުރެވިގެން ގޮސް އަޅުގަނޑަށް އެންމެފަހުން އޭނާ ގާތު ވެސް އެހެން އަހާ ލެވިއްޖެ އެވެ؛ ސޭޓަކަށް އިން އަންހެން ކުއްޖާ އަކީ ވެސް އޭނާގެ އަންބެއް ތޯ އެވެ.

ނަމަވެސް ޒުވާން އެ އަންހެން ކުއްޖާ އަކީ މަޖީދުގެ އަންބެއް ނޫނެވެ. އެއީ އޭނާގެ ދަރިއެކެވެ. ލަދުން ބޯފަޅައިގެން ދިޔަވަރުން ބިންގަނޑު ފަޅާލާފައި އަޑިއަށް ވަދެގެންފާނަމޭ ހިތަށް އެވެ.

ކޮންމެއަކަސް، އެންމެފަހުން މި ހުރިހާ އަންހެންވެރިންތައް ފިހާރައިން ނުކުމެ، މެންދުރު ނަމާދު ވަގުތަށް ފިހާރަ ބަންދުކުރި ގަޑީގައި މި އިންޓަވިއު ދޭން އެއްބަސްވެ މަޖީދު ގޮސް ފިހާރައިގެ 'ސޭޓު' ގޮނޑީގައި ޖައްސާލައިފި އެވެ. އޭނާ އިނީ ދުފައި ރަތްކޮށްލައިގެންނެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ.

މަޖީދުގެ ވާހަކަ އެނގުނު ގޮތާއި ފިހާރަ ތެރެއިން މި ފެނުނު ހުރިހާ އަންހެނުން އޭނާގެ އަނބިންނަށް ވެދާނެ ކަމަށް ހީވި ހީވުން ގޮސް ގުޅިފައި އޮތް އޮރިޖިނަލް ވާހަކަ އެންމެ ފުރަތަމަ ކިޔައިދޭ ނަމެވެ.

އުހުލި ފިހާރައިގެ ސޭޓު މަޖީދު އޭނާގެ ހަޔާތުން ވާހަކަތަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން. -- މިހާރު ފޮޓޯ | އަލީ ނާސިރު

"އަޅުގަނޑު ވަރަށް ހަނދާން ހުންނަ ވާހަކައެއް މާމަ ބުނެފައި އޮންނާނެ. މާމަ އަޅުގަނޑު ގާތުގައި ބުނެފައި އޮތީ މަސައްކަތް ނުކުރާ މީހަކު އެއްވެސް މީހަކަށް ނުވާނެއޭ. -- މަޖީދު

މަޖީދުގެ ވާހަކަ ބިސްމި ކިޔާފައި އަލަށް ވެސް މީހަކު ދެއްކި ވާހަކަ އަޑު އިވުނީ މީގެ 18 ވަރަކަށް އަހަރު ކުރިން އޭރުގެ މަޝްހޫރު ދުވަހު ނޫސް 'ހަވީރު' ގެ ނިއުސްރޫމު ތެރެއިންނެވެ. މަޖީދުގެ އާދަޔާހިލާފު ދިރިއުޅުމުގެ ވަހަކަ އާއި މީހުންނާ އިނދެ ވަރިކުރުމުގައި އޭނާ ހަދާފައިވާ، ނަންގަންނަން ހެޔޮނުވާ ވަރުގެ ރިކޯޑުގެ ވާހަކަ ޚަބަރެއްގެ ގޮތުގައި ޝާއިއުކުރި ސީދާ ތާރީޚެއް ބުނާކަށް ހަނދާނަކުން ނޭނގެ އެވެ.

އެކަމަކު މަޖީދުގެ ވާހަކަ ޚަބަރަކުން އެނގުނީ މިހެންނެވެ؛ ސާޅީހަކަށް މީހުންނާ އިނދެގެން މަޝްހޫރުކަން ލިބުނު މީހެއްގެ ގޮތުގަ އެވެ.

މަޖީދުގެ 'ކައިވެނިތަކުގެ' އެ ދިގު ވާހަކަ އަކީ އޭރު މުޅި ފޭދޫގެ ސައި ހޮޓާތަކުގައި ވެސް ހެނދުނު ސައިން ފަށައިގެން ގޮސް ރޭގަނޑުގެ ކެއުމާ ހަމަ އަށް ވެސް ދައްކައި ނުނިމުނު އަދި އަހައި ފޫހި ނުވެފައި އޮތް ވާހަކައެއް ކަމަށް އެ ޚަބަރު އޭރު ލިޔުނު ނޫސްވެރިޔާ ބުންޏެވެ.

ކޮންމެއަކަސް، އަޅުގަނޑުގެ ކުރިމަތީގައި ހުއްޓި އިނީ އެ ބުނި ޚަބަރަކާ އެކު މުޅި ރާއްޖެ އަށް އެ ދުވަސްވަރު މަޝްހޫރުވި އަބްދުލް މަޖީދެވެ. ނަމަވެސް އުމުރުން ދުވަސްވެ، ރުންކުރުވެ، ދުފައި ރަތްކޮށްލައިގެން އިން މަޖީދާ އެ ސުވާލުކުރަން ހަމަ ހިލާ އަޅުގަނޑަކަށް ނުކެރުނެވެ.

ކަންތައް މިގޮތަށް ދިމާވުމުން، އޭނާގެ ހަޔާތުގެ އެ މުހިންމު ވާހަކަތައް ކިޔުއްވުމަށް ވާން ޖެހޭ ވޯމްއަޕް ސުވާލުތަކާ އެކު އެންމެފަހުން އަޅުގަނޑު ފަށައިގަތީމެވެ.

އުމުރުން މިހާރު 72 އަހަރު ފުރިފައިވާ މަޖީދަކީ ފޭދޫގައި މެދުނުކެނޑި ވިޔަފާރިކުރާތާ ބައި ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ ފަރާތެކެވެ. އޭނާގެ 'އުހުލި' ފިހާރަ ޒަމާނާ އެއް ވަރަކަށް ނުއުފުލި، އޭގެ މުސްކުޅި ގޮތުގައި ދެމިހުއްޓަސް މަޖީދަކީ އަދި ކުރިން މި ރަށުގައި އިތުރު ތިން ފިހާރައެއް ވެސް ހިންގި، ރަށުގެ އެންމެ ކާމިޔާބު އެއް ވިޔަފާރި ވެރިޔާ އެވެ.

ފިހާރަތައް ހިންގުމަކީ އޭނާ ކުރި ހަމައެކަނި މަސައްކަތެއް ނޫނެވެ. ހުވަދު އަތޮޅާއި ފުވައްމުލަކުގެ މަސްދޯނިތަކުން މަސްގަނެގެން މަހުގެ އެކި ބާވަތްތައް ތައްޔާރުކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ވެސް އޭނާ އޭރު ވަރަށް ފުޅާކޮށް ކުރި ކަމަށް ބުންޏެވެ.

އުހުލި ފިހާރައިގެ ސޭޓު މަޖީދު އޭނާގެ ހަޔާތުން ވާހަކަތައް ކިޔައިދެނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު

"ބައްޕަ ކައިރިން ތަމްރީނު ނުވިޔަސް އަޅުގަނޑު ވެސް ފަހުން ހުވަދޫ ރަށްތަކުގައި ވެސް ކުދިން އިސްލާންކެރިމޭ. ހިތާނުކުރުމުގެ އިތުރުން ރުއްގަލު ބޭސްވެރިކަން ވެސް ކުރި މީހެއް އަޅުގަނޑަކީ. -- މަޖީދު

ފޭދޫ އަށް އޭނާގެ ދިރިއުޅުން ބަދަލުކޮށް އެ ރަށުގައި ވަޒަންވެރިވިއިރު އޭނާގެ އުމުރަކީ ހައެކެވެ.

"އެއީ ގަމަށް އިނގިރޭސި ސިފައިން އައި ފުރަތަމަ ފަހަރު. ގަމުން ބޭލީމަ އަހަރެމެން ދިޔައީ ފޭދޫ އަށް. އަޅުގަނޑަކީ އެންމެ ދޮށީ ކުއްޖާ މަންމަ އާއި ބައްޕަގެ. އެއް ބަނޑި 11 ކުދިން އަމާގެ ތިބި. މިހާރު ދުނިޔޭގައި ތިބީ ފަސް ކުދިން ވަރު. އަޅުގަނޑާ އެކު މަންމަ އާއި ބައްޕަގެ އެއްބަނޑު އެއްބަފާ ތިބެނީ ޖުމްލަ ދެ ކުދިން،" މަޖީދު އޭނާގެ އާއިލީ ވަނަވަރު ކިޔައިދިނެވެ.

އޭނާގެ ބައްޕަ އަކީ 'ކުދިން އިސްލާން ކެޑެ ކޮޓަރެކެވެ'. ކުދިން ހިތާނުކުރުމުގެ މަސައްކަތާ ފަހުން ހަވާލުވެ ބައްޕަގެ އެ ލެގަސީ ދެމެހެއްޓި މީހަކީ ވެސް މަޖީދެވެ.

"ބައްޕައާ އެކު ކުދިން ހިތާނުކުރުމުގެ 'އޮޕަރޭޝަންސްތަކުގައި' އަޅުގަނޑު ވެސް ބައިވެރިވަން. ހުންނާނެ ހުވަދު އަތޮޅުގެ ރަށްތަކަށް ވެސް ދެވިފައި، ބައްޕާގެ ދުނިޔޭގައި. އަޅުގަނޑު އޭރު އުޅޭނީ އަތްގާތްކޮށްދެން. ބޭސްތައް ކިޔައިދޭން. އެކަމަކު ހިތާނުކުރަން އެންމެ ރަނގަޅަށް ތަމްރީނު ނުވަނީސް ބައްޕަ ނިޔައު ވެއްޖެ،" މަޖީދު ބުނެލި އެވެ.

"ބައްޕަ ކައިރިން ތަމްރީނު ނުވިޔަސް އަޅުގަނޑު ވެސް ފަހުން ހުވަދޫ ރަށްތަކުގައި ވެސް ކުދިން އިސްލާންކެރިމޭ. ހިތާނުކުރުމުގެ އިތުރުން ރުއްގަލު ބޭސްވެރިކަން ވެސް ކުރި މީހެއް އަޅުގަނޑަކީ."

ބައްޕަގެ ލެގަސީއެއް ކުރިއެރުވުމުގެ ގޮތުން ހިތާނުކޮށް އުޅުނަސް މަޖީދު ބުނީ އެކަން ފަހުންވީ އޭނާ އެހާ ކުރާހިތްވާ ކަމަކަށް ނޫނެވެ. އެއަށް ފަހު އޭނާ މަޑުމަޑުން އަމިއްލަ ވިޔަފާރިތައް ފަށައިގެން ރަށުގައި ވިޔަފާރި ފުޅާކުރަން ފެށީ އެވެ. މަޖީދު ބުނީ އޭނާ އަކީ ކޮންސްޓްރަކްޝަން މަސައްކަތުގައި ގްރޫޕް ހަދައިގެން ރަށުގައި ގެތައް ރާނައި މިސްކިތްތައް މަރާމާތުކުރުން ފަދަ ކަންކަން ކުރަން ފެށި އެންމެ ފުރަތަމަ އެކަކު ކަމަށެވެ.

"އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނީ. ދެން ވަޑާންކުރަަން އުޅުނީ. ގައު އަޅައިގެން ވިއްކަން ވެސް އުޅުނިން. އަބަދުވެސް ކޮންމެވެސް ކަހަލަ ވިޔަފާރިއެއްގައި އަޅުގަނޑު އުޅުނީ،" މަޖީދު މިހެން ބުނެފައި އޭނާގެ ނަލަ ހިނިތުންވުން އަޅުގަނޑަށް ދައްކާލި އެވެ.

މި ހިނިތުންވެލުމަށް ފަހު އޭނާ ދެން ދިނީ ވަރަށް ރަނގަޅު ނަސޭހަތެކެވެ. އަދި މިއީ އޭނާ ވަރަށް ކުޑައިރު އޭނާގެ މާމަ ދިން ނަސޭހަތެއް ކަމަށް ބުންޏެވެ.

"އަޅުގަނޑު ވަރަށް ހަނދާން ހުންނަ ވާހަކައެއް މާމަ ބުނެފައި އޮންނާނެ. މާމަ އަޅުގަނޑު ގާތުގައި ބުނެފައި އޮތީ މަސައްކަތް ނުކުރާ މީހަކު އެއްވެސް މީހަކަށް ނުވާނެއޭ،" މަޖީދު ބުނެލި އެވެ.

"ހަމަ އެއްވެސް މީހަކަށް ނުވާނެއޭ. އެހެންވީމަ އެ ނަސޭހަތް ބޮލުގައި އަބަދުވެސް ހަރުލާފައި ހުރީ. އެހިސާބުން ފެށިގެން އަޅުގަނޑު އަބަދުވެސް ބޭނުންވީ ތަފާތު މަސައްކަތެއް ކުރަން"

މިހެން ބުނެފައި އޭނާ އަމުނައި ކިޔައިދޭން ފެށީ އެންމެ ތަފާތު ޗެޕްޓަރުގެ ވާހަކަތަކެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔައިދިނީ އޭނާގެ ރާބޭލުމުގެ ކުޅަދާނަ ކަމުގެ ވާހަކަ އެވެ.

އުހުލި ފިހާރައިގެ ސޭޓު މަޖީދު އޭނާގެ ހަޔާތުން ވާހަކަތައް ކިޔައިދެނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު

އުހުލި ފިހާރައިގެ ސޭޓު މަޖީދު އޭނާގެ ހަޔާތުން ވާހަކަތައް ކިޔައިދެނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު

"އަޅުގަނޑު މިއީ ކުރިން ގަދަ އަށް ރުކަށް ވެސް އެރި މީހެއް. ދެން އަޅުގަނޑު އަދި ވަރަށް މޮޅުވާނެ އެންމެ ދުވަހަކުން ރާކުރަން. ރުކުގެ އެތުން އެންމެ ދުވަހަކުން ރާ ބާލަން ދަންނަ މީހެއް އަޅުގަނޑަކީ،" މަޖީދު ކިޔައިދިނެވެ.

"ވަރަށް ގިނަ މީހުން ރާނަގަން ބަނދިލާނީ އެތް ބަންނަތާ އެތައް ދުވަހެއް ފަހުން. އެކަމަކު އަޅުގަނޑަކީ އެއ ދުވަހުން އެ ދުވަހަށް ވެސް އެތުން ރާބާލާ މީހެއް"

އޭނާގެ ތަޖުރިބާ އިން، އެގޮތަށް ރާ ބާލަން ހަދަން ޖެހޭ ގޮތް ވެސް އޭނާ ކިޔައިދިނެވެ.

"އެގޮތަށް ރާ ބާލަން ބޭނުން ނަމަ ބަންނާނީ ޅަ އެތެއް. އެކަމަކު ރުކުން ނުފައިބައި ރުކުގައި އޮވެގެން އެކަން ކުރެވޭނީ. އެގޮތަށް ރުކުގައި އޮވެގެން، ޅަ އެތަކުން ބޭލޭނެ ބިއްލޫރި ތައްޓެއްގެ ރާ ވަރަށް ފަސޭހައިން. ރާ ބޭލުމަކީ އަޅުގަނޑު މިހާރު ވެސް ކުރާ ހިތްވާ ކަމެއް. މިހާރު ވެސް ތިރި ރުއްތަކަށް އަރާހިތްވޭ،" އޭނާ ކިޔައިދިނެވެ.

މަޖީދު ބުނީ ތިން ހަތަރު އަހަރު ވަންދެން ގަދަ އަށް ރުކަށް އަރައި އޭރު އޭނާ ރާ ބޭލި ކަމަށެވެ.

ރާރުކުން ފޭބި ގޮތަށް ދެން އޭނާ ކިޔައިދޭން ފެށީ އެ ދުވަސްވަރު ކުރި ތަފާތު އެހެން ކަމެކެވެ.

"އަޅުގަނޑު މިއީ ފޮޓޯ ވެސް ނެގި މީހެކޭ. ފޮޓޯ ނަގައި ފޮޓޯ ސާފުކޮށްދިން މީހެއް އަޅުގަނޑަކީ. ރަށުގައި އަދި އެކި ރަށްތަކަށް ގޮސް ވެސް މީހުންގެ ފޮޓޯތައް ނަގައި ސާފުކޮށްދިން މީހެއް އަޅުގަނޑަކީ،" މަޖީދު ބުނެލި އެވެ.

ފޮޓޯ ނެގިއިރު އޭނާ އަކީ ފޮޓޯ މަޖީދެވެ. ރާ ބޭލިއިރު އެއީ ރާމަޖީދެވެ. ހިތާނުކުރިއިރު އެއީ 'އިސްލާންކެރާ' މަޖީދެވެ. ބޯކޮށިއިރު އެއީ ބޯކޮށާ މަޖީދެވެ. އެހެންވީމަ އެވަރަށް ގިނަ މީހުންނާ އިނދެ ވަރިކުރިއިރު އެ ވާނީ ކޮން މަޖީދަކަށް ހެއްޔެވެ؟

މި ސުވާލު ކޮށްލުމަށް ހިންދިރުވާލާފައި އަނގަ ހުޅުވާލި ވަގުތު އޭނާ ދެން ފަށައިގަތީ އަދި މާ ފައްކާ ވާހަކަ އެކެވެ.

"އަދި އެނގޭތަ. އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރު އަޅުގަނޑު އެންމެ މޮޅަށް ކުރި އެއް ކަމަކީ ދަތްކެނޑުން،" މިހެން ބުނެފައި މަޖީދު ދައްކާލީ އޭނާގެ ދަތްޕިލަ އެވެ.

ދުފައި ރަތްކޮށްލާފައިވިޔަސް އޭނާގެ ދެ ދަތްޕިލަ ވަނީ ކަނޑައި، ގާނައި ނިކަން ގަދަ އަށް އެއްވަރުކޮށްފަ އެވެ. އެއީ އެ ދުވަސްވަރު ދިވެހިންގެ މެދުގައި އޮތް ޒީނަތްތެރިވުމުގެ ވަރަށް ބޮޑު ފެޝަނެކެވެ. ދަތްކެނޑުމަކީ ހަނުގައި ޖައްސައިގެން ދަތްތަކުގެ ކޮޅު އެއްވަރުކޮށް ނަލަކުރުމެވެ.

އެނގޭތަ. އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރު އަޅުގަނޑު އެންމެ މޮޅަށް ކުރި އެއް ކަމަކީ ދަތްކެނޑުން. އެ ދުވަސްވަރު މީހުން މީހުންނާ ހިތާވާނީ ދަތްކެނޑީމަ. ބަލަ އެ ދުވަސްވަރު މީހަކު ނުވެސް އިންނާނެ ދަތް ނުކަނޑާ ނަމަ. -- މަޖީދު

އުހުލި ފިހާރައިގެ ސޭޓު މަޖީދު އޭނާގެ ހަޔާތުން ވާހަކަތައް ކިޔައިދެނީ. -- މިހާރު ފޮޓޯ: އަލީ ނާސިރު

އުހުލި ފިހާރައިގެ ސޭޓު މަޖީދު އެންމެ އުފަލާ އެކު ކިޔައިދިނީ ދަތްކަނޑާ ވާހަކަ. -- މިހާރު ފޮޓޯ: އަލީ ނާސިރު

މަޖީދު އެ ވާހަކަ ފަށައިގަތުމުން ދަތްޕިލައަށް ހީލި އަރައިގަތެވެ. އެކަމަކު އޭނާ ދެން ބުނެލި އެއްޗަކުން ހީވީ އިންޓަވިއުގައި ކުރަން ނުކެރުނު ސުވާލުގެ ޖަވާބާއި ވާހަކަ ފަށަން އޭނާ ތައްޔާރުވިހެންނެވެ.

"ބަލަ އެ ދުވަސްވަރު މީހަކު ނުވެސް އިންނާނެ ދަތް ނުކަނޑާ ނަމަ، އެހާ ވެސް މުހިންމު އަދި ބޮޑު ފެޝަނެއް އެއީ އެ ދުވަސްވަރު. އެ ދުވަސްވަރު މީހުން މީހުންނާ ހިތާވާނީ ދަތްކެނޑީމަ،" އަދި އެކަން ކުރަން އޭރު ރަށުގައި އުޅުނު އެންމެ ކުޅަދާނަ ތަޖުރިބާކާރަކީ އޭނާ ކަމަށް ބުނެ އަނެއްކާވެސް ދަތްޕިލަ ދައްކާލި އެވެ.

އެކަމަކު އޭނާ ކިޔައިދިނީ އެހިސާބަށެވެ. އަދި ޚަބަރުން ކީ ވާހަކަ އަށް ނުގޮސް އިންޓަވިއު ނިމިއްޖެ ކަން އިހުސާސުވެ އަނެއްކާވެސް އެ ވާހަކައެއްގައި ކޮށްޓާލުމުން ބަހުރުވަ އާއި ރާގު ބަދަލުކޮށްލާފައި މަޖީދު ބުނެލީ މިހެންނެވެ.

"އެ ވާހަކަ ކޭއި ނިދޭށުން އަވަ."

މިހެން ބުނެފައި މޭޒުމަތީގައި އަޅުވާލި އެތި ފަހަރާ އެކު، އުހުލި ފިހާރައިން އުފުލި މައްޗަށް އަރަމުން ދިޔަ ވާހަކަ ހަމަ ކުއްލިއަކަށް ހަމަ ބިމަށް ތިރިވެ ނިމުނީ އެވެ.

11 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 7%
icon inlove icon inlove 3%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާނަމާލު

10 September 2024

މަޖީދު އެންމެ މޮޅަށް ހިންގީ ސައިހޮޓާ. އޭރު ވެއިޓަރަކީ މަޖީދު ސޭޓަކީ މަޖީދު ކައްކާ އަކީ މަޖީދު އޯނަރަކީ މަޖީދު. މަޖީދު ފުރަތަމަ ކައިވެނި ކުރީ އުމުރުން 15 އަހަރުގައި. ޖުމްލަ 43 މީހުންނާއި 53 ކައިވެނި ކުރީ 15 މަސް ދުވަހުގެތެރޭގައި. އެންމެ ކުރު މުއްދަތުގެ ކައިވެންޏަކީ 53 ސިކުންތުގެ ކައިވެންޏެއް. މިހާރުގެ އަނބިމީހާ އާއި ކައިވެނި ކުރީ 1979 ގައި. އެހިސާބުން ޗެޕްޓަރ ނިމުނީ. ވަރަށް ސަޅި އިންޓަރވިއު އެއް އެބައޮތް މަގޭއަތުގައި.

The name is already taken The name is available. Register?

ކުޑަމަޖީ

04 September 2024

ފައްކަންޑަން މީހުނާއިނުމަކީ ކުރީޒަމާނުގައި ކޮއްއުޅުނުކަމެއް. އެކަމުގައި ބޭބެއައްވުރެ ކުރީގައިއުޅޭމީހުން ރާއްޖެތެރޭގައި ގިނަވާނެ. 100 ރުފިޔާއައްވެސް އޭރު ފައްކަނޑާދިން. ދެން މީކީ މާކަ ރީތި ވާހަކައެއްނޫންދޯ ދައްކާކައް؟

The name is already taken The name is available. Register?

ޖޫސީ ކަރާ

02 September 2024

ވާހަކަ ކިޔާ ނިންމާލިއިރު މަށަށް ހަމަ ރަނގަޅަށްވެސް ހެވިއްޖެ. ފައްކާ ނިންމުމެއް. އެކަމަކު ކޮންމެވެސް ދުވަހަކުން މަޖީދުބެގެ ސާޅީސް ކައިވެންޏަށް ވީގޮތް ހަމަ އަސްލުކޮށްވެސް ގެނެސްދެވޭނެ ކަމަށް އުންމީދުކުރަން. ރައިޓިންގ ސްޓައިލް ހަމަ ހަބޭސް

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

01 September 2024

އަޅުގަނޑު ހީކުރީ ނަދީމު އަބްދުލް މަޖީދު ސޭޓު ހިފާއްޓާބަހައްޓާފާ ރަނގަޅަށް މަށާކޮށާ ރޫޅާއަޅާ ކުދިކޮށްލާނެކަމަށް. އެކަމަކު އޭގެކުރިން ބިންއަޑިއްދާވަރުގެ ޙާދިޘާއެއް ނަދީމަށް ދިމާވެގެން އޭނާ އޮތީ ރަޖާލާންޖެހިފާ. އަދި މަށަށް ފެނޭ ތަންކޮޅެއް ހުންތިރިވެލީމާ އިސްލާންކުރާ މަޖީދާ ދިމާކުރަން.

The name is already taken The name is available. Register?

އެޑްމުންޑޯ

01 September 2024

އެންމެ މަޖާހިސާބުން ތިނިންމާލީ ، އުންމީދުކުރަން އެހެންފަހަރަކުން ފަހުބައި ގެނެސްދޭނެކަމަށް

The name is already taken The name is available. Register?

ހަސަސަންބޭ

01 September 2024

އަޅަ .... ހީވަނީ މަޖީދުބޭ ލައްކަ ލޮޓި ލިބިފަ ހުރީމަހެން ތިޔަ ނައްޓައިގެން ދަނީ..

The name is already taken The name is available. Register?

ތުނިޔަ

01 September 2024

ހެހެހެ..ތިވާހަކަ އަޑައަހާހިތެން ހިށުވެއި ކެހެނަކާއެތެހެދީ؟

The name is already taken The name is available. Register?

ވައި ނަދީމް

01 September 2024

އަޅެ. އެވާހަކަ ދައްކާފަ ނިންމާލި ނަމަ. ދެން ވަރަށް އިންކޮމްޕްލީޓް ފީލް ވެފަ އިންނަން ޖެހޭނީ.

The name is already taken The name is available. Register?

ސިއްތި

01 September 2024

އަންބެތްތޯ އަހާލެވުނަކަސް އަދިނުވެއެއްނު ބިންގަނޑުފަޅާފާ ދާވަރެއް.

The name is already taken The name is available. Register?

ދޮންދޫންޏާ

08 September 2024

ލިޔުންތެރިޔާގެ ވިސްނުން ކޮށިކަމުންތާ އެފަދަ ހާލަތެއްގައި އެތަގައި ދަރިއަކު ހުރެދަނެކަން ހިތަށް ނުގެނެސް ބައްޕަގެ ކުރިމަތީ އެއީވެސް އަނތްބެއްތޯ އެހީ؟ އަދި އެކުއްޖާއަށް ނޭނގޭނެހެން އެހެންމީހަކު ގާތުންވެސް އެވާހަކަ އަހާލެވިދާނެ.

The name is already taken The name is available. Register?

ހުސޭނުގެ ހަސަނު

18 September 2024

އެހެންވީމައޭ އަހުރެން އަންބަކާ ވައްތަރުވާވަރަށް މުސްކުޅިވެފަ ހުއްޓަސް ދަރިއެއްތޯ އަހަނީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454