މިހާރު ލައިޓް

ގެއްލިގެން ހޯދާ މީހެއް ނޫން، ގެއްލުނީމަ ހޯދައިދޭ މީހާ

ސައިކަލު ހޯދަމުން ހޯދަމުން ގޮސް މިހާރު އޭނާ ޖަލު ގޮޅިއެއްގައި ވެސް ނިދައިފި އެވެ. އެކަމަކު އެއީ ގެއްލޭ ސައިކަލު ހޯދުމުގައި އޭނާ ސާބިތުކޮށްދެމުން ދިޔަ އާދަޔާހިލާފު ހުނަރު ގަބޫލުނުކުރެވުނު ބަޔަކު އޭނާގެ ކަރުގައި ވަގެއްގެ ބޯޑު އެޅުވި ދުވަހެކެވެ.

ގެއްލޭ ސައިކަލު ހޯދައިދިނުމަކީ އޭނާގެ ރަސްމީ ވަޒީފާއެއް ނޫނެވެ. ނަމަވެސް ސައިކަލެއް ގެއްލިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދާ މީހާ އަށް ވެސް ލިބޭ އެންމެ ރަސްމީ ޓިޕަކީ މާލޭގެ "3636 ޕިކަޕް ސާވިސް" ގައި އޮޕަރޭޓަރަކަށް މަސައްކަތްކުރާ އަލީ ހަސަންގެ ނަމާއި އޭނާއާ ގުޅޭނެ ގޮތެކެވެ. އެއަށް ފަހު ދެން ވުން އެންމެ ގޮތް ކިޔައިދިނީ "ފިއްލަދޫ އައްޔަ" ގެ ނަމުން މުޅި މާލެ އަށް މަޝްހޫރުވެފައިވާ ތަޖުރިބާކާރު މި އޮޕަރޭޓަރެވެ.

"ގެއްލޭ ސައިކަލް ހޯދަން ގުޅާ ވަރަށް ގިނަ މީހުން ބުނާނެ ފުލުހަށް ދިޔައީމަ އެމީހުން ބުންޏޭ އައްޔަ އަށް ގުޅާލަން. އޭރުން އަދި މާ އަވަސް ވާނެއޭ ސައިކަލް ފެންނަލެއް،" ގެނެސް ބެހެއްޓި ކަޅު ކޮފީތަށިން ފޮދުވަރެއް ބޯލުމާ އެކު އައްޔަގެ ހަލުވި ދޫ ހިނގައިގަތެވެ.

"ބަލަ ހަމަ ގުޅާލާތަނުން ވެސް އެބަހުރި ބައެއް މީހުންގެ ސައިކަލް ފެނިފައި. އޭގައި މިވާ ގޮތަކީ އަޅުގަނޑު އެހެން ސައިކަލެއް ހޯދަމުން ދަނިކޮށް އެ މީހަކު މި ގުޅަނީ އޭނާގެ ސައިކަލް ގެއްލިގެން. ދެން އޭނާ ގެއްލިގެން މި ހޯދާ ސައިކަލުގެ ނަމްބަރު ބުނެލާއިރަށް ހަނދާނަށް އަންނާނެ ކޮންމެވެސް ތަނަކުން އެ ބުނާ ސައިކަލުގެ ނަމްބަރު ފެނުނުކަން"

"ދެން މިވާ ގޮތަކީ ހަމަ ގުޅާލުމާ އެކު އަހަނ، އެ ފެނުނީ އޭނަގެ ސައިކަލް. ދެން ބައެއް މީހުން ބުނާނެ ޔަގީނޭ އޭނާ ވަގަށް ނަގަނީއޭ ސައިކަލު."

މިހެން ބުނެފައި އައްޔަ ފެށީ ހޭކަށް ނޫނެވެ. އޭނާ ދައްކާލީ ވަރަށް ސީރިއަސް މޫނެކެވެ. އެއަށް ފަހު އަނެއްކާވެސް ހޫނު ކޮފީން ކަރު ތެންމާލި އެވެ. ބުންޏެވެ؛

"އައްޔަ މިއީ އަސްލު ކާކުކަން ނޭނގޭ މީހަކު ވެއްޖެ ނަމަ ބުނާނީ އައްޔަ އަކީ ވަގެކޭ."

އެހެންވީމާ، އެންމެންނަށް ސައިކަލު ހޯދައިދޭ އައްޔަ މިއީ އަސްލު ކާކު ހެއްޔެވެ؟

އުމުރުން 53 އަހަރުގެ އަލީ ހަސަން އޮޕަރޭޓަރެއްގެ ގޮތުގައި މި ދަތުރު ފެށީ މީގެ 37 އަހަރު ކުރިން މާލޭގެ އޭރުގެ އެންމެ ބޮޑު ޓެކްސީ ސެންޓަރު "2122" އިންނެވެ. ސައިކަލު ހޯދުމުގެ މަސައްކަތް ފެށުނީ އޭގެ މާ ފަހުންނެވެ. އޭގެ މާ ކުރިން އޭނާ އުޅުނީ ސައިކަލު ގަރާޖުތަކާއި ކަންމަތީ ފިހާރަތަކާއި މާލޭގެ އެތަން މިތަނުގައި އެކި ކަހަލަ މަސައްކަތްތަކުގެ ތެރޭގަ އެވެ. އެހެން އުޅެފައި ގޮސް މާލޭގެ އެންމެ ބޮޑު ޓެކްސީ ސެންޓަރުގެ އޮޕަރޭޓަރުގެ ގޮނޑީގައި އޭނާ އިށީން އިރު އުމުރުން ވާނީ 16 އަހަރެވެ.

އެތަނުގައި މި ވަޒީފާއެއް ހުސްވެފައި އޮތް ޚަބަރު އޭނާ އަށް ލިބުނީ ސަނަދަށް ކިޔަވަން ދިޔަ ތަނެއްގައި ދެ މީހަކު ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

"ދެން އަޅުގަނޑު ބުނެފިން މަށަށް ދޭންވީ ނޫން ހެއްޔޭ ތި ބުނާ ޓެކްސީ އޮޕަރޭޓަރުގެ ވަޒީފާ. ބުނީމަ ބުނެފި ކަލެއަށް ވާނެ ހެއްޔޭ؟،" އައްޔަ ކިޔައިދިނެވެ.

"ދެން އޭނާ އެހެން ބުނީމާ އަޅުގަނޑު ބުނެފިން ހިނގާށޭ ބަލަމާ. ދެން އެ ފެށިގޮތަށް، ހަފުތާއެއްވީއިރު އެކަމުގެ ތެރޭގައި ހަމަ ރަނގަޅަށް ފައި ހިއްޕާލައިފީމޭ."

އެ ފެށިގޮތަށް ފަށައިގެން ގޮސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ބަދަލުވީ ރާއްޖޭގެ ޓެކްސީ ދާއިރާ ލޯ ނުދެކޭ ވަރުގެ ކުޅަދާނަ އޮޕަރޭޓަރަކަށެވެ. އޭރުގެ މަޝްހޫރު "ހަވީރު" ނޫހުގެ "މީހުން" ކޮލަމްގައި އައްޔަގެ ވާހަކަ ސިފަކޮށްފައި އޮތީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔަކަށް ފުޓްބޯޅަ ކްލަބްތަކެއްގެ ތެރޭގައި އުފެދިފައި އޮންނަ ކަހަލަ ޑިމާންޑަކާ އެވެ.

ހަގީގަތުގައި ވެސް އެއީ ހަމަ އެންމެ ހެޔޮވަރު ސިފަކުރުމެވެ. މައްޗަންގޮޅި އަށް ނިސްބަތްވި "ލެގޫންސް" ފުޓްބޯޅަ ކްލަބުން ފަށައިގެން ފުޓްބޯޅައިގެ ތެރޭގައި މިއަދު ވެސް ނޫކަށިފުރައިގެ ކުޅުންތެރިޔަކަށް ވުރެން ހަލުވިކޮށް ހަރަކާތްތެރިވަމުން އަންނަ އައްޔަގެ ސޮއި ހޯދަން ޓެކްސީ ސެންޓަރުތަކުގެ ވެރިން ތިބީ އޭރު ހަމަ އަސްލަށް ވެސް ކިޔޫ ހަދައިގެންނެވެ.

ފުލުހުން އައިސް އަޅުގަނޑު ހައްޔަރުކުރީމަ ވެސް ސައިކަލް ހޯދައިދިނުން ހުއްޓައެއް ނުލަމޭ. ހުއްޓާލި ނަމަ އަޅުގަނޑު ވާނީ ވަގަކަށްނު. އެހެންވީމަ އަޅުގަނޑު ހިތަށް އެރީ ހުއްޓާ ނުލާނަމޭ މިކަމެއް. މިކަން ގެންދާނީ ކުރިއަށޭ: އައްޔަ

އައްޔަ އޭނާގެ އޮޕަރޭޓަރު ގޮނޑީގައި ފޮޓޯއަކަށް ހުއްޓިލައިގެން: ފިއްލަދޫގޭ އައްޔަ އެންމެ މަޝްހޫރީ ގެއްލޭ ސައިކަލު ހޯދައިދޭ މީހާގެ ގޮތުގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ފުޓްބޯޅަ ޓީމަކުން އެހެން ޓީމަކަށް ބޮޑު އަގުގައި ކުޅުންތެރިޔަކު ގެންދާހެން ގެންދިޔަ މީހެކޭ އަޅުގަނޑަކީ. މާލޭގައި 9292 ސެންޓަރު ހުޅުވައިގެން އެތަނުގެ އޮޕަރޭޓަރަކަށް އަޅުގަނޑު ގެންދިޔައީ އެއް ފަހަރާ 120،000ރ. ގެ ބްރޭންޑް ނިއު ކާރެއް ދީފައި،" މިހެން ބުނެފައި އައްޔަ ކޮފީތަށި ބޮއެ ހުސްކޮށްލި އެވެ.

އެއަށް ފަހު ހުނިލައިގެން އޭނާ މީރުކުރަން ފެށީ ބިލަތްގަނޑެކެވެ. ނަމަވެސް ޓެކްސީ އޮޕަރޭޓަރެއްގެ ގޮތުގައި އޭނާ މީރުކޮށް، ފައްކާކޮށްފައިވާ ހަޔާތަށް ވުރެ އުސްއަލިތައް ގިނައީ ގެއްލޭ ސައިކަލު ހޯދައި ދިނުމުގެ ތެރޭގަ އެވެ. އަދި އައްޔަގެ މި އާދަޔާހިލާފު ދަތުރުގައި އޭނާއާ ބައްދަލުވި އެންމެ ހާއްސަ ދުވަހަކީ ކޮބައިތޯ ސުވާލުކޮށްލުމުން ވެސް އޭނާގެ ވާހަކަ ގޮސް ހުއްޓުނީ ސައިކަލުތަކެއް ހޯދުމުގައި އަވަދިނެތި އުޅުނު ދުވަހަކަށެވެ.

އެއީ ގެއްލޭ ސައިކަލުތައް ހޯދުމުގައި އައްޔަ ދައްކަމުން ދިޔަ ކުޅަދާނަކަން ގަބޫލުކުރަން ދަތިވި ބަޔަކު އޭނާގެ ކަރުގައި ވަގެއްގެ ބޯޑު އެޅުވި ދުވަހެވެ.

"ވަގެކޭ ކިޔާފައި ދަމާފައި ގެންގޮސް ހައްޔަރުކުރި ދުވަސް އެއީ އަޅުގަނޑަށް އެންމެ ހާއްސަ ދުވަހަކީ އަދިވެސް. އެއީ ހަމަ ދުވަހަކުވެސް ހިތުން ފިލައިގެން ދާނެ ދުވަހެއް ނޫން،" މީރުކުރި ބިލަތްގަނޑު އަނގަޔަށް ލައިގެން އައްޔަ ހަފައިގަތުމުން އެ ދުވަހުގެ ހުރިހާ ޖަޒުބާތެއް އޭނާގެ މޫނު މައްޗަށް ފައުޅުވެގަތެވެ.

އެ ދުވަހަކީ އޭނާ ތިން ސައިކަލް ހޯދަން އުޅުނު ދުވަހެކެވެ.

"ދެން އެ ދުވަހު ވެސް އެ ރޭ ވެސް އޭގެ އެއްވެސް ސައިކަލެއް ނުފެނުނު. އަނެއް ދުވަހު ކޮފީއެއް ބޯލައިގެން، ތަޅުދަނޑިއެއް ހައްދައިގެން ގެއަށް ދިޔަ މަގުމަތީގައި ހޯދަމުން ދިޔަ އެއް ސައިކަލް ފެނިއްޖެ،" އައްޔަ ކިޔައިދިނެވެ.

އޭނާ ހޯދަން ފުލުހަކު އައީ އެ ސައިކަލުގެ ވެރި މީހާއާ ސައިކަލު ހަވާލުކޮށްފައި އޭނާއާ އެކު ސައެއް ބޯލަން ގޮސް އިންދަ އެވެ.

"އައިސް ބުނެފި އައިޑީ ކާޑު ފޮނުވާލާށޭ. ދެން އައިޑީ ކާޑު ފޮނުވާލީމާ އެ ރޭ ގުޅާފައި ބުނެފި އަންނާށޭ ފުލުހަށް،" އައްޔަ ބުނީ އެއީ އޭނާގެ ހަޔާތުގައި އަލަށް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފުރަތަމަ ތަޖުރިބާ ކަމަށެވެ.

ނަމަވެސް އޭރު ވެސް އެކަން ވާން އުޅެނީ އެހެން ކަމެއް އޭނާއަކަށް ނޭނގެ އެވެ.

ގެއްލިގެން އުޅޭ ސައިކަލެއް އަޅުގަނޑަށް ނުފެންނަން އޮންނާނީ ދެ ސަބަބެއް. އެއް ގޮތަކީ އެ ސައިކަލް ދުއްވަނީ. އެހެން ނޫން ނަމަ އޭގެ ނަމްބަރު ބަދަލުކޮށްލައިގެން އެ އުޅެނީ. އެހެން ނޫން ނަމަ ފެންނާނެ. ޔަގީން: އައްޔަ

އައްޔަ ޕިކަޕް ސެންޓަރުގައި ކޯލުތަކަށް ޖަވާބު ދެމުން ދަތުރުތަކަށް ޕިކަޕްތައް ބަހަނީ: އޭނާ ބުނަނީ މި މަސައްކަތުގައި އޭނާއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ އޮޕަރޭޓަރަކު މާލޭގައި ނުހުންނާނެ ކަމަށް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ދެން އަނެއް ދުވަހުގެ އަސުރުން ފައިބައިގެން، ބާޒާރަށް ގޮސް ދެ ބިލަތްބޮނޑި ގަނެގެން، ސައިކަލުގައި ބަހައްޓާފައި ފުލުހަށް ވަނީ. ދެން އެތަނުގައި މާ ގިނައިރު ވާތީ ސުވާލުކުރީމާ ފުލުހުން ބުނެފި ސައިކަލެއް ގެއްލުނު މައްސަލައެއްގައި އަހަރެމެން ޝައްކުކުރަނީ ކަލެއަށޭ،" މިހެން ބުނެފައި ފުންނޭވާއަކާ އެކު އައްޔަގެ ވާހަކަ ހުއްޓާލި އެވެ.

އޭރު ފުލުހުން އޭނާގެ ގެ ބަލައި ފާސްކޮށްފި އެވެ. އަދި އެންމެފަހުން އަތޮޅުވެއްސަށް އައްޔަ ގެންގޮސްފި އެވެ. އަދި އަތޮޅުވެހިން ދޫނިދޫ އަށް ގެންގޮސް ގޮޅިއެއްގައި ބަންދުކޮށްފި އެވެ. އޭގެ ފަސް ދުވަސް ފަހުން ދޫކޮށްލުމުން އައްޔަ ފެށީ އަނެއްކާވެސް ސައިކަލު ހޯދާށެވެ.

"ފުލުހުން އައިސް އަޅުގަނޑު ހައްޔަރުކުރީމަ ވެސް ސައިކަލް ހޯދައިދިނުން ހުއްޓައެއް ނުލަމޭ. ހުއްޓާލި ނަމަ އަޅުގަނޑު ވާނީ ވަގަކަށްން. އެހެންވީމާ އަޅުގަނޑު ހިތަށް އެރީ ހުއްޓާ ނުލާނަމޭ މިކަމެއް. މިކަން ގެންދާނީ ކުރިއަށޭ،" އައްޔަ ނައްޓާލީ ބާރަށް ކުރިއަށެވެ.

ދެން އޭނާ ކިޔައިދިން އޭނާގެ ހަޔާތުން އަނެއްކާވެސް ހާއްސަ ދުވަހެއްގެ ވާހަކަ އެވެ.

"އޭގެ ދެ އަހަރު ފަހުން އަޅުގަނޑު އަނެއްކާވެސް މީހެއްގެ ސައިކަލެއް ހޯދައިގެން އޭނަ އަށް ގުޅީމަ އެ ސައިކަލް ބަލާ މި އަންނަނީ އެ ދުވަހު އަޅުގަނޑު ހައްޔަރުކުރި މައްސަލައިގައި އިސްކޮށް އުޅުނު ފުލުސް މީހާ،" އައްޔަ މިހާރު އެހެރީ ދުފައި ރަތްކޮށްލައިގެންނެވެ.

"ދެން އޭނަ ބުނެފި އައްޔަ ތިކުރަނީ އިހުލާސްތެރި މަސައްކަތެކޭ. ތިމަންނަމެން ވަރަށް ބަލައިފީމޭ. ތީގަ ނެތޭ އެއްވެސް މައްސަލައެއް. ކުރިއަށް ދާށޭ. ކަމެއް ދިމާވެއްޖެ ނަމަ ގުޅާށޭ. ތިމަންނައަކީ މިހާރު އިންޗާޖެކޭ."

އޭގެ ފަހުން ސައިކަލެއް ގެއްލިގެން ފުލުހަށް ދާ މީހުން ވެސް ގުޅަން ފެށީ އައްޔައަށެވެ. އޭނާ މިއަދު ވެސް އެ ދަނީ ގެއްލިގެން ހޯދަން މީހުން ރިޕޯޓްކޮށްފައިވާ 8 ސައިކަލު ހޯދުމަށް މާލެ އާއި ހުޅުމާލޭގައި އަތްފުނާ އަޅަމުންނެވެ. އަމިއްލަ ސައިކަލު ގެއްލުނު ދުވަހުން ފަށައިގެން މިއަދާ ހަމަ އަށް މި މަސައްކަތުގައި އައްޔަ ވަނީ ގާތްގަނޑަކަށް 25،000 އާ ގާތްކުރާ އަދަދަކަށް ސައިކަލު ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފަ އެވެ.

"އަސްލު ވީ ގޮތަކީ އަޅުގަނޑު ގެންގުޅުނު ސައިކަލެއް ގެއްލުނީ. އަލަށް ސައިކަލެއް ލިބިގެން އެ ސައިކަލަށް އޭރު އަދި އަހަރެއް ވެސް ނުވާނެ. އެ ދުވަހު ހިތަށް އެރީ މީހަކު ސައިކަލެއް ގެއްލިގެން އުޅެންޏާމު ހާދަ ހާލެއްގައޭ އުޅޭނީ،" އެ ސައިކަލް އޭނާ އަށް ފެނުނީ ސިފައިންގޭގައި ހުއްޓަ އެވެ.

މި ދިގު ތަޖުރިބާ އަށް ފަހު އައްޔަ ބުނަނީ ގެއްލޭ ސައިކަލެއް ހޯދޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ. ގެއްލިފައިވާ ސައިކަލުތައް އޭނާ އަހަރު ދެ އަހަރު ފަހުން ވެސް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައި އެބަހުއްޓެވެ.

ސައިކަލް ހޯދުން އުނދަގޫވި ވަރަކަށް އަޅުގަނޑު މިކަން ކުރާހިތްވާ ވަރު ބޮޑުވަނީ. ޗެލެންޖު ބޮޑުވި ވަރެއް ރަނގަޅީ. އެކަމަކު މިއީ މަހަށް ނުކުތުން ކަހަލަ ކަމެއް. ނުކުންނަތަނުން ލައްވާލަފާނެ އޮއިވާއްޔެއް ވެސް. މާވަހަރެއް ވެސް: އައްޔަ

އައްޔަ އޭނާގެ ރަސްމީ ވަޒީފާ، ޕިކަޕް ސާވިސްގެ އޮޕަރޭޓަރުގެ ވަޒީފާގައި: ހެނދުނު ހައެއްޖަހާއިރު ފަށާ ގޮތަށް އޭނާ އަށް ނޭވާ ލެވެނީ މެންދުރު ނަމާދު ބްރޭކަށް. އެއަށް ފަހު އޭނާ ނުކުންނާނީ ސައިކަލު ހޯދަން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ގެއްލިގެން އުޅޭ ސައިކަލެއް އަޅުގަނޑަށް ނުފެންނަން އޮންނާނީ ދެ ސަބަބެއް. އެއް ގޮތަކީ އެ ސައިކަލް ދުއްވަނީ. އެހެން ނޫން ނަމަ އޭގެ ނަމްބަރު ބަދަލުކޮށްލައިގެން އެ އުޅެނީ. އެހެން ނޫން ނަމަ ފެންނާނެ. ޔަގީން،" އައްޔަ ބުނީ ވަގަށް ނަގައިގެން ދުއްވާފައި ދަނިކޮށް ވެސް އޭނާ އަށް ފެނިގެން އެތައް ފަހަރަކު ސައިކަލު ހުއްޓުވައި ހޯދާފައިވާނެ ކަމަށެވެ.

"އެކަމަކު އައްޔަ މި ކުރާ ކަމެއް ކުރާ ގޮތް ނޭނގޭ މީހާ ބުނާނީ އަހަރެން ސައިކަލް ވަގަށް ނަގަނީއޭ. އަޅުގަނޑު ބުނަނީ މީހަކު ގަޅިއެއް ނުއުކާނޭ އަނބު ނާޅާ ގަހަކަށް."

މިހެން ބުނެފައި އައްޔަ މިއަދު ވެސް ސެންޓަރުގެ ޑިއުޓީ ނިންމާލާފައި އެ ނުކުންނަނީ ގެއްލިފައިވާ ސައިކަލުތައް ހޯދާށެވެ. އޭނާގެ މަސައްކަތުގެ އަގަކީ 2،000ރ. އާއި 3،000ރ. އެވެ.

"ސައިކަލް ހޯދުން އުނދަގޫވި ވަރަކަށް އަޅުގަނޑު މިކަން ކުރާހިތްވާ ވަރު ބޮޑުވަނީ. ޗެލެންޖު ބޮޑުވި ވަރެއް ރަނގަޅީ. އެކަމަކު މިއީ މަހަށް ނުކުތުން ކަހަލަ ކަމެއް. ނުކުންނަތަނުން ލައްވާލަފާނެ އޮއިވާއްޔެއް ވެސް. މާވަހަރެއް ވެސް. ނުވަތަ ދުއްވާ ދުއްވާ ދިހަ ބާރަ ފީފާ ތެޔޮ އަނދައިގެން ހުލިވާއިރު ވެސް އެއްވެސް ކަމެއް ނެތި ވެސް އަނބުރާ އަންނަން ޖެހިދާނެ،" އައްޔަ މިހެން ބުނެފައި އަނެއް ބިލަތްގަނޑު ތައްޔާރުކުރަން ފަށައިގަތެވެ.

ސައިކަލް ހޯދުމުގެ އާ ބުރަކަށް އޭނާ އެހެރީ އަނެއްކާވެސް ތައްޔާރުވެ ނިމިފަ އެވެ. ފިއްލަދޫގެއިން ނުކުމެގެން ޕާކިން ޒޯނުގައި ހުރި ސައިކަލުތައް ބަލައި ފާސްކުރަމުން އޭނާ ފަށައިގަތެވެ. ބާ ޖަމާލުއްދީނު ގޯޅިއަށް އަޅާލައިގެން މިސްކިތު ކުރިމަތިން، ދެ ވިނަ މަގުން، ކުރިކީލަ މަގުން، ދިލްބަހާރު މަގުން، ޒިކުރާ މިސްކިތް ފުރަގަހުން ގޮސް ގެ ކައިރިއަށް ބުރެއް ހަމަވާނީ އެވެ.

އެކަމަކު ގެއްލިފައިވީ ސައިކަލުތައް ހޯދުމަށް އައްޔަ ޖަހާ ސައިކަލު ބުރު އަދި އެ ފެށުނީ އެވެ.

20 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަހުސަންން

19 September 2024

ޢަހަރުމެން މިއުޅެނީ 3 ނަންބަރު ހަންދާނުގަ ނުހުރެގެން.. އެކި ދުވަހު އެކި ނަންބަރު، އެކި ކުލަ ކުލަ، އެއްފަހަރާ ބައިވަރު ނަންބަރު ހަންދާން ކޮއްގެން ހަލަބޮލި މާލޭގަ ނަންބަރު ކިޔަމުން ބަލަމުން ހޯދަމުން ކިހިނެތް ކުރާ ކަމެއްތޯ ޢާޙާނުލާ އިންޓަވިއު ނިމުނީ؟

The name is already taken The name is available. Register?

ހޯދަދޭނަންތަ

19 September 2024

މާގިނައިން ގެއިން ބޭރަށް ދާ، ނުބެލެހެއްޓިގެން އުޅޭ ކުދިންވެސް އައްޔައަށް ދައްކާލާފަ ބަހައްޓަންވީ.

The name is already taken The name is available. Register?

ށޮޮދޮސޮސ

19 September 2024

ސައިކަލު ވަގަށް ނަގާ މީހުނަށް އަދަބެއް ދޭން ޖެހޭ..

The name is already taken The name is available. Register?

ހަސަންކޮއެ

19 September 2024

ދައުލަތުން މުސާރަނަގައިގެން ތިބޭ ފުލުހުން މިކުރަނީ ކީތް. ހާހުން ފުލުހުން އުޅޭއިރު ހަމަ ހަގީގަތުގަވެސް ސުވާލު އުފެދޭ އިހުލާސްތެރިކަމެއް ހުރި ބަޔަކު އެތާ އުޅޭބާ. އައްޔަ ކަހަލަ ފަންސާހަކަށް މީހުން އުޅުނަސް ހީވޭ މާލެ ތެރެ މިއަށްވުރެ ސަހަލުވާނެހެން. ފުލުހުން ލަދުގަންނަންޖެހޭނެ މުސާރަ ނަގައިގެންތިބެ މިވެނި މީހެއް ކައިރިއަށް ދާށޭ ބުނަން. ޔުނިފޯމުލުން ހައްގެއްނޫން މަސައްކަތްނުކުރެވެންޏާ. އިހުލާސްތެރިން ނެތުން ދައުލަތުގެ ހުރިހާ ދިމާލެއްގެ މައްސަލައަކީ

The name is already taken The name is available. Register?

އައްޒުވީ

19 September 2024

ގެއްލޭ ކޮންމެ ސައިކަލެއް ހޯދައިދިނުމުގެ އަގަކީ 3000 ރުފިޔާ ކަމަށް ވަންޏާ 25000 ސައިކަލް ހޯދައިދެވޭއިރު 75 މިލިޔަން ރުފިޔާ ހުންނާނީ ލިބިފައެވެ. މީގެ 37 އަހަރު ކުރިން ފެށި މަސައްކަތެއް ވިއްޔާ ކޮންމެ ދުވަހަކުވެސް ގާތްގަޑަކަށް 2 ސައިކަލް އެވަނީ ހޯދައިދެވިފައެވެ. އެއީ ދުވާލަކަށް 6000 ރުފިޔާއެވެ. ކޮންމެ މަހަކު 180000 ރުފިޔާއެވެ. ކޮންމެ އަހަރަކު ގާތްގަޑަކަށް 2 މިލިޔަން ރުފިޔާއެވެ. މީހަކު ފޮންޏަކަށް ބުނާ ހިތަށް އެރި އަދަދެއް ލިޔަނީ ތަސައްރަފު ނުފުދޭތީ.

The name is already taken The name is available. Register?

ހޭބަލި

20 September 2024

ގަމާރު ނޫނިއްޔާ އެނގެންވާނެ 37 އަހަރު ކުރިން 3000 ރުފިޔާ އެއީ ކިހާ ފައިސާއެއްކަން. އެސޮރު މިހާރަކަށް އައިސް އެކަން ކޮއްދޭ އަގުއެއީ. 25000 ދެން ތަންކޮޅެއް ގިނަދޯ.

The name is already taken The name is available. Register?

ސައިކަލު

19 September 2024

ބައެއް ފަހަރު ސައިކަލު ގެއްލިގެން ޕޯސްޓެއް ޖެހީމަ ފުރަތަމަ ވެސް ބުނަނީ ގުޅާފަ "ކިހާވަރެއް ދޭނަންތޯ. 2500 ކިޔާ ހޯދަން

The name is already taken The name is available. Register?

ކުރީގެ ސަތޭކަ ބައްތިރީސް

19 September 2024

އައްޔަ ހަނދާންކޮއްދޭނެ ސެންޓަރުގައި އުޅޭ ޕިކަޕުތަކަށް ނަމާދަށް ދާން.. އެހެން އޮޕަރޭޓަރެއް ފަރާތުން މަށައް ނުފެންނަ ކަމެއް އެއީ..

The name is already taken The name is available. Register?

ކަންފަސޭހަފުލުހުން

19 September 2024

އެހެންވީމަ ފުލުހުންގެ އެއްބައި މަސައްކަތް ކުރާ މީހަކީ މި އައްޔަދޯ. މާލެ ފުރާ ކެމެރާތައް އޮންނައިރު ފުލުހުން ކުރަންވީ މަސައްކަތްނުކޮށް ތިބޭހެން ހީވަނީ. މިހާރު ކޮންމެ ބޮޑު މަގެއްގަހެން އެބަ ތިބޭ ޓްރެފިކް ފުލުހުން ފެންނަން. އެމީހުންވެސް ސައިކަލު ނަންބަރުތަކަށް ބަލަން ފަށާނަމަ އެއްޗެއް އަޅައިގަންނާނެތާ. ފުލުހުން ހޯދާ ސައިކަލްތަކާ އައްޔަ ހޯދާ ސައިކަލްތަކުގެ އަދަދު ޖަހާލިނަމަ އަސްލު ފުލުހުން މަސައްކަތް ކުރާވަރު އެނގުނީސް

The name is already taken The name is available. Register?

އަހްމަދު ނީލާލް

19 September 2024

ކަލޭ ތިބުނަނީ ދެން އަބަދު ހުރިހާ ފުލުހުން ސައިކަލު ހޯދުމުގައި އުޅޭށޭ. ކުށްތަކަށް އަރަގަންނަ މީހުން ބައިތިއްބާފަ. ފުލުހުން އެޓެންޑްވާ ހުރިހާ ކަމެއް ނޭނގި ވާހަކަ ނުދައްކާ. ކުއްވެރިން ގިނަ މުޖުތަމައެއްގައި ތިހެން ތިއުޅެވެނީ ފުލހުންގެ ރެއާ ލދުވާލު ކުރާ ވ ގިނަ މަސައްކަތުން. ޝަރުޢީ ނިޒާމު އިސްލާހްވިމާ ފުލުހުންކުރާ މަސައްކަތުގެ ފުރިހަމަ ނަތީޖާ ފެންނާނީ. ހައްޔަރު ކުރެވިދާނެ ކިތަންމެ ފަހަރަކުވެސް

The name is already taken The name is available. Register?

އިސުލާހޯ

19 September 2024

ނީލާލެވެ. ގާނޫނީ އިޖުރާއަތާ އުސޫލުތައް ބޮލާލާ ޖަހާފަ ފުލުހުން ޖަހާހާ ސަކަރާތެއް ރަނގަޅުކަމަށް ކޯޓުތަކުންނުދައްކާނެއެވެ. ޝަރުއީ ނިޒާމު އިސްލާހުވުމަކީ ފުލުހުން ހަމައެއް ލަމައެއް ނެތި ގެންނަހާ މީހެއްގެ މައްޗަށް ހުކުމްކުރުމެއްނޫނެވެ. ފުލުހުންގެ ދޯހަޅިކަން ބައްދަން ޝަރުއީ ނިޒާމު ގޯސްކުރަން ނޫޅޭށެވެ. ތިޔަހެން ތިކަން ކުރަންޏާ މައުމޫނުގެ ފުލުސް ކޯޓު އުފައްދައިގެން ކަލޭމެން ހިތާވާ މީހުން އިނދެގެން އުޅޭ ފިރިންވެސް އަދަގޮޑި ޖަހައިގެން ގެންގުޅޭށެވެ.

The name is already taken The name is available. Register?

އަލީބެ

19 September 2024

ކުޑަ އިރުއްސުރެން ދަންނަ މީހެއް މިއީ އަބަދުވެސް ވަރަށް ތަފާތުވާނެ އަދި އެހާމެ ހިތްހެޔޮވާނެ. ސަބަސް އައްޔަ އަށް

The name is already taken The name is available. Register?

ޔައިސް

19 September 2024

މީގޭ 9އަހަރު ކުރިން މަގޭ ސައިކު ހޯދަދިނީ މި “އައްޔަ’ އެތަން މިތަނަށް ގެއްލުނުކަން އެންގިން. މަށް ގުޅީ އައްޔަ އެކަނި، ގުޅާފަ އެހީ ސައިކު ނަންބަރު، އެރޭ އިރާކޮޅު އައްޔަ ގުޅައި ސައިކު ހޯދަދީފި، ސައިކު އިނީ ގެއްލުނު ތަނަށް އައިސް، ގެއްލުމެއް ނުލިބޭ، އުޖޫރަޔަށް 3000ރ ދޭންޖެހުނު. މަށަށްވެސް ޝައްކުވީ އައްޔައަށް، އެކަމު މޮޅަށްދެނެވޮޑިގެންވަނީ ހެއްދެވި ފަރާތުން 25ހާސް ސައިކު ހޯދަދިންނަމަ 50މިލިޔަން މަދުވެގެން އައްޔައަށް ލިބިފަ ހުންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454