ރީކޯ މޫސަ އާއި މަރިޔަމް ނިޝާ އަކީ ދިވެހި ސިނަމާގައި "ޝާހުރުކާއި ކާޖަލް" އެކެވެ. މި ދެ ތަރިންގެ އުމުރު އަދަދުން ކިތަންމެ މައްޗަށް އަރައިގެން ދިޔަޔަސް ބަދަލުނުވާނެ ހިސާބާއި ހަގީގަތަކީ މި އެވެ. އޭރުވެސް، މިހާރުވެސް، އަދިވެސް ހަމަ އެއްވެސް ކަހަލަ ފަނޑުކަމެއް ނެތް، ރިހި ސްކްރީނުގެ އެއް ވަނަ ދިވެހި ޖޯޑަކީ މި އެވެ. އަހަރެމެން ބަލައި ފޫހިނުވި ދެ މޫނަކީ އަދި ހުނަރަކީ ވެސް މި އެވެ. އަދި ފިލްމީ ދާއިރާގެ ތާރީޚުގައި ވެސް ދިވެހިންނަށް ލިބުނު ހަގީގީ ދެ ސުޕަސްޓާރުންނަކީ މި އެވެ.

މައުސޫމް ޝާކިރު ލިޔުއްވައި، އުމަރު ޒާހިރުގެ އަޑުން ރިކޯޑްކޮށްފައިވާ ކްލެސިކް އެ ލަވައިގެ މާނައިގައި ސިފަކޮށްދިން މޫނަކަށް ނިޝާ އަކީ ސަތޭކައެކެވެ. އެކަމަކު ނިޝާ އެކަންޏެއް ނޫނެވެ. އަދި ދިވެހިން ހިތްކީ ވެސް އެންމެ މޫނަކަށް ނޫނެވެ. އަދިވެސް އޮން ސްކްރީނުން އެކުގައި ފެނުމަށް އެންމެ ގިނަ ދިވެހިން އެންމެ ހިތްއެދޭ ދެ މޫނަކީ މި އެވެ.

"މިހާރު ލައިޓް" ގެ "ސްޓާރުން" ސެގްމަންޓަށް ދިން ދައުވަތު ގަބޫލުކޮށް ދެ ތަރިން އައިސް ސްޓޫޑިއޯ އަށް ވަނުމާ އެކު އުފެދުނު އެންމެ ފުރަތަމަ ސުވާލަކީ ވެސް މި އެވެ؛ މި ދެ މީހުން އެކުގައި އަނެއްކާވެސް ބޮޑު ސްކްރީނުން ފެނިދާނެ ހެއްޔެވެ؟

ދެ މީހުންގެ ދެމެދުގައި ފަނޑުނުވެ ދެމި އޮތް ކެމިސްޓްރީގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

މި ސުވާލުތަކަށް ޖަވާބު ދޭން ދެ މީހުން ސްޓޫޑިއޯގެ ސެޓުގައި ގޮސް ޖައްސާލި އެވެ. މިއީ މަރިޔަމް ނިޝާ އާއި ރީކޯ މޫސަ އެކުގައި މިގޮތަށް ރިކޯޑްކުރި ފުރަތަމަ އިންޓަވިއު އެވެ. ދެ މީހުން އެކުގައި ރިހި ސްކްރީން ހިއްސާކޮށް، ފަތަހަކޮށްފައި ވިޔަސް ދެ މީހުންގެ ފިލްމީ ހަޔާތާ ބެހޭ ގޮތުން ވާހަކަ ދައްކާލަން މިގޮތަށް އައިސް ކެމެރާގެ ކުރިމަތީގައި މަޑުކޮށްލި ފުރަތަމަ ފަހަރެވެ.

ދެ ތަރިންގެ އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު "އެކްޓަކީ" ބިންމާ އިބްރާހިމް ވަހީދުގެ ސްކްރިޕްޓަކަށް ޔޫސުފް ރަފީއު 1996 ވަނަ އަހަރު ގެނެސްދި ފިލްމު "ހައްގު" އެވެ. އޮލިމްޕަހުގައި "ސުޕަ ހިޓެއް" ގެ ދަރަޖަ ކަށަވަރުކޮށް ޖެހިގެން އައި އަހަރުގެ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިލްމުގެ އެވޯޑް "ހައްގުވި" އިރު އެ ފިލްމުން އެންމެ މޮޅު އެކްޓަރާއި އެކްޓްރެސްގެ އެވޯޑް ގެންގޮސް ރީކޯ އާއި ނިޝާ ތިބީ ޖީލުތަކަށް ދެމިގެންދާނޭ ވަރުގެ ދެ އެކްޓަރުންގެ ގޮތުގައި ސިއްކަޖަހައި ނިމިފަ އެވެ.

އޭގެ 28 އަހަރު ފަހުން ވެސް ފިލްމީ ދާއިރާގެ ތަރިންގެ ވާހަކަ ދައްކާ ނަމަ އެންމެ ގަދަ އަށް ވިދައި ބަބުޅާ ދެ ތަރިއަކަށް މި ދެ މޫނު ވެފައިވާ ކަމީ އަދިވެސް އެމީހުންގެ ތަރި ނުއޮއްސޭކަމުގެ ސާފު ހެއްކެކެވެ. އުމުރުން މާ ދޮށްޓޭ، މުސްކުޅިވެއްޖެއޭ ކިޔާފައި ދިވެހި ފިލްމުތަކުން މިއަދު މި ދެ މީހުންނަށް ލީޑް ރޯލެއް ނުދިނަސް، މިއަދުގެ އެންމެ ޒުވާން ލީޑް އެކްޓަރުންނަށް ވުރެ ވެސް މަގްބޫލުވެފައި މޮޅީ މި ދެ ސުޕަސްޓާރުންކަމާ މެދަކު ހަމަ އެއްވެސް ސުވާލެއް ނެތެވެ.

މޫސަ އަދިވެސް ވަރަށް ޕާފެކްޓޭ. ފިލްމެއް ކުޅޭ ނަމަ ދެ މީހުން އެކުގައި ހިނގާބަލަ ފިލްމެއް ކުޅެން: މަރިޔަމް ނިޝާ
ރީކޯ މޫސަ އާއި މަރިޔަމް ނިޝާ "މިހާރު ލައިޓް" ގެ ސްޓޫޑިއޯގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރީކޯ މޫސަ އާއި މަރިޔަމް ނިޝާ "މިހާރު ލައިޓް" ގެ ސްޓޫޑިއޯގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހޮލީވުޑާއި ބޮލީވުޑްގައި ވެސް އެކްޓަރުން (ދޮށިވާ ވަރަކަށް) އުމުރާ ގުޅޭ ކަހަލަ ރޯލުތައް ވެސް ލިބޭ. އެކަމަކު އުމުރުން ދުވަސްވަމުންދާ އެކްޓަރުންނަކަށް ދިވެހި ފިލްމުތަކުން (ލީޑިން) ފުރުސަތެއް ނުލިބޭ. ނުގުޅާ. އެކަމަކު ސުވާލަކީ މަރީ މިހާރު އަޅުގަނޑާ އެކީގައި ފިލްމެއް ކުޅެފާނަން ހެއްޔޭ؟،" ފިލްމީ ދާއިރާގައި ތަރިން އޮއްސިގެންދާ ގޮތަށް އަލިއަޅުވަމުން ގޮސް މޫސަ ކޮށްލީ މި ސުވާލެވެ.

ނިޝާގެ ޖަވާބު ވަރަށް ވެސް ކުރެވެ؛ އޭނާ ބުނީ ތިޔައީ އަދި މާ 'ކޫލް' ހިޔާލެއް ކަމަށެވެ. އަދި މޫސައާ އެކުގައި އަލުން ލީޑް ރޯލެއް ކުޅެލަން ފުރުސަތު ލިބިއްޖެ ނަމަ އެފަދަ ފުރުސަތެއްގެ ބޭނުން ހިފަން އޭނާ ކެތްމަދުވެފައި ހުރި ވާހަކަ އެވެ.

އެހިސާބުން މޫސަ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

ރީކޯ މޫސަ: ފިލްމީ ދާއިރާގެ ބޮންތިއަށް އެނބުރި އައުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރީކޯ މޫސަ: ފިލްމީ ދާއިރާގެ ބޮންތިއަށް އެނބުރި އައުމުގެ ޝައުގުވެރިކަން އަދިވެސް އެބަހުރި ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރިޔަމް ނިޝާ: ފިލްމެއްގެ ލީޑު ރޯލަށް އަދިވެސް ތައްޔާރު ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރިޔަމް ނިޝާ: ފިލްމެއްގެ ލީޑު ރޯލަށް އަދިވެސް ތައްޔާރު ކަމަށް ބުނި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސައިޑް ރޯލެއް ކުޅެން ވަރަށް އުނދަގޫ އަދިވެސް. ނޭނގެ ދެން. ހިތުގަ އޮންނަ މޮޅުކަމެއް އޮންނަނީކަމެއް: ރީކޯ މޫސަ

"އެކަމަކު ދިވެހި ފިލްމެއްގެ ލީޑް ރޯލަކަށް މިހާރު އަޅުގަނޑުމެން ނަގާފާނެ ހެއްޔޭ؟،" ދިވެހި ފިލްމުތަކުން އާންމުކޮށް ފެނިގެން ދިޔަ ކަހަލަ ލީޑް ރޯލެއް ކުޅޭ ވަރަށް ވުރެން މިހާރު ދޮށި ކަމަށް އިޝާރާތްކޮށް މޫސަ މިހެން ބުނުމުން ނިޝާ ދިނީ އަދި މާ ޕާފެކްޓް ޖަވާބެކެވެ.

"މޫސަ އަދިވެސް ވަރަށް ޕާފެކްޓޭ. ފިލްމެއް ކުޅޭ ނަމަ ދެ މީހުން އެކުގައި ހިނގާބަލަ ފިލްމެއް ކުޅެން،" ނިޝާ މިހެން ބުނެފައި ދެން ކިޔައި ދިނީ ފިލްމު ކުޅެން މިހާރު ވެސް ލިބޭ ބައެއް ފުރުސަތުތަކުގެ ވާހަކަ އެވެ.

"ވަރަށް ގިނަ މީހުން މިހާރު ވެސް ގުޅާނެ، ގުޅާފައި ބުނާނެ ހަތަރު ސީން ކުޅެލަދީބަލާށޭ. ނުވަތަ ފަސް ސީން ކުޅެލަދޭށޭ. ކޮން ކަހަލަ ރޯލެއް ހެއްޔޭ ކުޅެން މި ޖެހެނީ އަހާލީމަ ބުނާނެ އެ ދެން ވަރަށް އާދައިގެ ރޯލެކޭ. އަތިރިމަތީގައި ތެލި ދޮވެލާފައި އަރައިގެން އަންނާނީއޭ. ކަނޑިކިއެއް ލައިގެންނޭ ހުންނާނީ. އެކަމަކު މި އެއްޗެހި މިހާރަކު ކުޅޭ ހިތެއް ނުވޭ،" ނިޝާ ކިޔައިދިނެވެ.

"ކުޅެންޏާމު ބޭނުންވަނީ ޖޯޝާއެކީގައި ކުޅެލޭނެ ކަހަލަ ރޯލެއް ކުޅެލަން."

މޫސަ ވެސް ބުނީ އާދައިގެ ސައިޑު ރޯލެއް ކުޅެން އޭނާ ވެސް އެހާ ބޭނުން ނުވާ ކަމަށެވެ.

"ސައިޑް ރޯލެއް ކުޅެން ވަރަށް އުނދަގޫ އަދިވެސް. ނޭނގެ ދެން. ހިތުގަ އޮންނަ މޮޅުކަމެއް އޮންނަނީކަމެއް،" ސަކަ މިޒާޖުން ރަހަހެޔޮވަރުކޮށްލަމުން މޫސަ ބުނެލި އެވެ.

އެއަށް ފަހު ދެ މީހުން ވެސް ދިނީ މި ޔަގީން ކަމެވެ. އުމުރާ ގުޅޭ ކަހަލަ ކެރެކްޓާތަކެއްގެ ގޮތުގައި އަނެއްކާވެސް ބޮޑު ސްކްރީނަށް އައުމަށް ތައްޔާރަށް ތިބި ކަމުގެ ޔަގީން ކަމެވެ.

ރީކޯ މޫސަ އާއި މަރިޔަމް ނިޝާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރީކޯ މޫސަ އާއި މަރިޔަމް ނިޝާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ދެ ތަރިންނަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކުޅަދާނަ ދެ ލީޑް އެކްޓަރުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ދެ ތަރިންނަކީ ރާއްޖޭގެ ފިލްމީ ދާއިރާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކުޅަދާނަ ދެ ލީޑް އެކްޓަރުން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެއަށް ފަހު މި އިންޓަވިއުގައި ދެ މީހުން ހޮވީ އެމީހުންގެ ފިލްމީ ހަޔާތުގައި ދެ މީހުން އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ސަޅި ތިން ހަނދާނެވެ. "ހައްގަކީ" ޔަގީނަށް ވެސް އެއް ވަނަ އެވެ. ފާތިމަތު ނަހުލާ ލިޔެ ޑައިރެކްޓްކުރި "ނާއުއްމީދު" އަކީ އަނެއް ހޮވުމެވެ. އަދި ތިން ވަނަ ހޮވުމަކީ ދެ މީހުން އެކުގައި އަލަށް ކުޅުނު ފީޗާ ފިލްމު "ބިރު" އެވެ.

"މަރީއާ އެކު ކުޅުނު ކޮންމެ ފިލްމެއްގައި ވެސް މަށަށް ލައްވާލާފައި ހުރީ މުޅިން އެކަހަލަ ރޯލުތައް. މަށަށް ޖެހެނީ ބޭވަފާތެރި ފިރިއެއްގެ ފާޑަށް އުޅެން. ހުރިހާ ސްޓޯރީއެއް ލިޔެފައި ހުންނާނީ އެހެން،" އެކަމަކު ސްރީ ލަންކާގައި ޝޫޓްކުރި 'ބިރު' ގައި ދިމާވި ވަރަށް މަޖާ ކަމެއް ވެސް މޫސަ ކިޔައިދިނެވެ.

"އެންމެ ހަނދާންވަނީ އޭގައި ދެން އުޅޭ އެކްޓަރު (ފައިސަލް) ކައިރީގައި ޑައިރެކްޓަރު މި ބުނަނީ އަހަރެން ނަގައި ގޮދަޑިއެއްގެ މައްޗަށް ވައްޓާލާށޭ. އެހެން ބުނީމަ އޭނަ އަހަރެން ނަގައި ވައްޓާލަނީ ގޮދަނޑި ނާޅައި އޮތް ތަނަށް،" މޫސަ ކިޔައިދިނެވެ.

"ތިން ދުވަސް ވަންދެން އުނަގަނޑުގައި ރިއްސާތީ އުޅެން ޖެހުނު. އަދިވެސް މަށަށް އެ ތަދު ނުފިލާ."

މަރީއާ އެކު ކުޅުނު ކޮންމެ ފިލްމެއްގައި ވެސް މަށަށް ލައްވާލާފައި ހުރީ މުޅިން އެކަހަލަ ރޯލުތައް. މަށަށް ޖެހެނީ ބޭވަފާތެރި ފިރިއެއްގެ ފާޑަށް އުޅެން: ރީކޯ މޫސަ
މަރިޔަމް ނިޝާ އާއި ރީކޯ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރިޔަމް ނިޝާ އާއި ރީކޯ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރިޔަމް ނިޝާ އާއި ރީކޯ: ދެ މީހުންގެ ކެމިސްޓްރީ އަދިވެސް ވަރަށް ޒުވާން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަރިޔަމް ނިޝާ އާއި ރީކޯ: ދެ މީހުންގެ ކެމިސްޓްރީ އަދިވެސް ވަރަށް ޒުވާން. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެ މީހުންގެ ފިލްމީ ދަތުރަކީ އެކަހަލަ ވަރަށް ބައިވަރު ހަނދާންތަކުން ކުލަކޮށް މުއްސަނދިކޮށްފައިވާ ހަނދާނުގެ ރީލެކެވެ. ދެ މީހުން އެކުގައި އަލަށް ފެނިގެން ދިޔަ ވީޑިއޯ ލަވަ، "ދަނިހެ އައިސްބަލާ" ގެ ޝޫޓިންގައި އުޅެން ޖެހުނު ގޮތް ކިޔައި ދިނީ ނިޝާ އެވެ.

"އަޅުގަނޑުގެ ފުރަތަމަ ލަވަ އަށް ފަހު ދެ ވަނަ އަށް ކުޅުނު ލަވަ އެއީ. އެއީ ރޯދަ މަހެއްގައި ޝޫޓްކުރި ލަވައެއް. ހެނދުނު ނުވައެއް ޖެހިއިރު މޭކަޕްކޮށް ތައްޔާރުވާން ފަށައިފި. ދެން އެ ދުވަހު ރޯދަ އަށް ތިބެ ކުޅުނު އެ ލަވައިގެ ޝޫޓިން ނިމުނީ ރޯދަ ވީއްލާ ވަގުތަށް،" ނިޝާ ކިޔައިދިނެވެ.

"ބަންގި ގޮވިއިރު އަހަރެމެން ތިބީ ފަސްފުންޏެއްގެ މައްޗަށް އަރައި. އޭރު ލަވަ ކުޅުނީ މިހާރު ކުޅޭ ގޮތަކަށް ނޫން. މިހާރުގެ ކުދިން އެ ހިތްވަރު ހުންނާނެބާވައޭ ހިތަށް އަރާ،" މޫސަ އިތުރުކޮށްލަދިނެވެ.

ދެ މީހުން އެކުގައި ކުޅެފައިވާ ވީޑިއޯ ލަވަތަކުގެ ތެރެއިން ދެ ވަނަ ހޮވުމަކީ ވިލިނގިލީގައި ޝޫޓްކޮށްފައިވާ 'އަސްތަ ތިޔަ މޫނޭ' އެވެ. އެއަށް ފަހު ދެ ތަރިންގެ ހޮވުންތައް ގޮސް ހުއްޓުނީ އެންމެންގެ ވެސް ފެވަރިޓް 'މޫނޭ ތިއީ ހިތްއެދޭ' އަށެވެ. ފިލްމު 'ހައްގު' ގައި ހިމެނޭ މި ލަވައިގެ ވާހަކަތައް ކިޔައިދެމުން ގޮސް މީގެ ކުރިން އާންމުންނަށް އެނގިފައި ނުވާ ބައެއް ވާހަކަތައް ވެސް ދެ މީހުން ހިއްސާކުރި އެވެ.

-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެ ލަވަ ކުޅުނުއިރު މަރީ އިނީ ބަލިވެ ދޯ؟،" މޫސަ އަހާލި އެވެ.

"ބަނޑަށް ހަތް މަސްވަރުވެދާނެ އޭރު،" ނިޝާ ބުނެލި އެވެ.

"އެހެންވީމަ ދޯ އެ ލަވައިގައި ބަނޑުގައި އަތްއަޅައިގެން ހުންނަނީ އެހާ ގިނައިން. އަދި (ޑައިރެކްޓަރު) ޔޫސޭ ކައިރީގައި ބުނެފައި އޭރު އޮތީ ތިމަންނަގެ ތިރީކޮޅު އެހާ ގިނައިން ނުނަގައްޗޭ،" މޫސަ ބުނެލި އެވެ.

ނިޝާ ބުނީ އެ ލަވަ އަކީ ފިލްމުގެ މަންޒަރުތައް ޝޫޓްކޮށް ނިމިގެން މާ ފަހުން ޝޫޓްކުރި ލަވައެއް ކަމަށެވެ. އަދި އޭނާ އޭރު ބަލިވެ އިނީ ދެ ވަނަ ދަރިފުޅަށް ކަމަށެވެ.

ކޮންމެއަކަސް ނިޝާ އާއި ރީކޯ މޫސަގެ ފިލްމީ ހަޔާތުގެ ވާހަކަ ދައްކަން އަހަރެމެންނަށް މިހެން ކިތަންމެ އިރެއް ވަންދެން ވެސް ތިބެވިދާނެ އެވެ. އެ ވާހަކައިގައި އިރު އަރައި އޮއްސުނަސް މި ދެ މީހުންގެ ފިލްމީ ހަޔާތުގެ އިރު އޮއްސުމެއް ހަމަ ދުވަހަކުވެސް ނެތެވެ.

މި ދެ މޫނަކީ ދިވެހިންގެ 'މޫނޭ ތިއީ ހިތްއެދޭ' އެވެ. ހަގީގަތުގައި ވެސް ފަނޑުވުމެއް ނެތް ކެމިސްޓްރީއަކުން ގުޅިލާމެހިފައިވާ ފިލްމީ ޖޯޑެކެވެ.