އެ އިސްތަށިގަނޑާ އެކު އޭނާ މަގުމަތިން ދާ އިރު ވަރަށް ގިނަ މީހުން ބަލަހައްޓައިގެން ތިބެ އެވެ. ބައެއް މީހުން ކައިރިވެލާފައި އޭނާއާ އެކު ފޮޓޯ ނަގަ އެވެ. މިއީ، ފަހަރެއްގައި ރާއްޖޭގެ އެންމެ ދިގު އިސްތަށިގަނޑެއްގެ ވެރިޔާ އެވެ. ގައިމު ވެސް، އުމުރުން އެންމެ 12 އަހަރުގެ ފާތިމަތު މައިހާ އަހުމަދު ވެގެން ދާނީ އެ އުމުރުގައި އެހާ ދިގު އިސްތަށިގަނޑެއް ގެންގުޅޭ ކުއްޖާ އަށް ކަމަށް ވުން ވަރަށް ގާތެވެ. އެ އިސްތަށިގަނޑުގައި ހަތަރު ފޫޓު އެއް އިންޗި އެބަހުއްޓެވެ. މައިހާ އަށް ވުރެ އިސްތަށިގަނޑު ކުރީ އެންމެ ހަތަރު ވަރަކަށް އިންޗި އެވެ.
މައިހާ (މައިއްކޮ)ގެ އިސްތަށިގަނޑު ދިގުކުރުމަކީ މަންމަ މަދީހާ އަހުމަދާއި ބައްޕަ އަހުމަދު މުހައްމަދު ނާޒިމް (ވިޖޭ) އަށް ޚާއްސަ ކަމެކެވެ. އެކަން އެ ދެމަފިރިން ކުރަނީ ވަރަށް ލޯބިންނެވެ. އިސްތަށިގަނޑު ދިގު ކުރުމަކަށް އެ ދެމަފިރިން ވަކި ޚާއްސަ ކަމެއް ނުކުރެ އެވެ. އަދި އިސްތަށިގަނޑު ދިގުކުރާށޭ ކިޔައިފައި ބޮލުގައި ވަކި އެއްޗެއް ވެސް ނުލަ އެވެ. މަދީހާ ބުނާ ގޮތުން، "އެ ވަގުތަކު ފަސޭހައިން ލިބެން ހުންނަ އެއްޗެއް ބޭނުން ކުރަނީ" އެވެ.
"މައިއްކޮގެ ބޮލުގައި އުނގުޅަން ވަކި ހާއްސަ އެއްޗެއް ނެތް. އެފަހަރަކު ފަސޭހައިން ލިބެން ހުންނަ ޝޭމްޕޫއެއް، ތެލެއް މި އުނގުޅަނީ،" މަދީހާ ބުންޏެވެ.
މައިއްކޮ ކުޑައިރު އޭނާގެ މިކަހަލަ ރީތި އިސްތަށިގަނޑެއް ނޯވެ އެވެ. މައިއްކޮ ކުޑައިރު ބޮލުން އިސްތަށި ނުފަޅާތީ، މަދީހާ ވަނީ މައިއްކޮގެ ބޮލުގައި ފިނިފެން ވެސް އުނގުޅައިފަ އެވެ. އޭގެ ފަހުން އިސްތަށިގަނޑު ރަނގަޅަށް ހެދެން ފެށުމާ އެކު އެކަން ވެސް ހުއްޓާލި ކަމަށް މަދީހާ ބުންޏެވެ.
ހިރިޔާ ސްކޫލުގެ ގްރޭޑު ހަތެއްގައި ކިޔަވަމުން އަންނަ މައިއްކޮ ވެސް މި އިސްތަށިގަނޑާ ދޭތެރޭ ފަޚުރުވެރި ވެ އެވެ. އޭނާ ބުނީ އިސްތަށިގަނޑު ދިގުކުރުމަކީ ވަރަށް ގަޔާވާ ކަމެއް ކަމަށާއި ސްކޫލަށް ދާއިރު ވެސް ކުދިން އިސްތަށިގަނޑަށް ވަރަށް ބަލާ ކަމަށެވެ. އިސްތަށިގަނޑު ދިގުވިއަސް އުނދަގޫނުވާ ކަމަށް ވެސް އޭނާ ބުންްޏެވެ.
މައިއްކޮގެ އިސްތަށިގަނޑު އާންމުކޮށް ހުންނަނީ ގަތައިފަ އެވެ. ސްކޫލަށް ދާއިރު ވެސް، އަދި އާންމުކޮށް އުޅޭއިރު ވެސް އިސްތަށިގަނޑު ދޫކޮށްލައިފައި ހުރުމުގެ ބަދަލުގައި އިސްތަށިގަނޑު ގަތައި، ވަރަށް ރަނގަޅަށް ބަލަހައްޓަ އެވެ. އިސްތަށިގަނޑު ދޫކޮށްލަނީ، ގިނަ ފަހަރަށް ކޮންމެ ވެސް ހާއްސަ މުނާސަބައަކާ ގުޅިގެންނެވެ.
"ގިނައިން ގަތާފައި ބަހައްޓަނީ. ނިދާއިރު ވެސް ގަތާފައި. އެހެންވެ އުނދަގުލެއް ނޫން ފުނާ އަޅާކަށް. ގޮށް ޖެހިފައި ނެތިއްޔާ ދެތިން މިނެޓުގެ ތެރޭގައި ފުނާ އަޅާލެވޭނެ،" މަދީހާ ބުންޏެވެ.
މަދީހާ ބުނީ މޫދަށް ކަހަލަ ތަނަކަށް ގޮސް އިސްތަށިގަނޑުގައި ގޮށް ޖެހުނަސް، ތެތްކޮށް ހުންނައިރު 10 ވަރަކަށް މިނެޓުގެ ތެރޭގައި ފުނާ އަޅާލެވޭ ކަމަށެވެ.
ހަތަރު އަހަރުން ފެށިގެން ދިގުކުރަމުން އައި މި އިސްތަށިގަނޑު ކޮށަނީ ތިން މަހުން އެއް ފަހަރު ކަހަލަ ގޮތަކަށް، އިސްތަށިގަނޑު ދިގުވުމުން އިންޗިއެއްހާ ވަރަށެވެ.