މި ދުނިޔެމަތިން ހިނދުކޮޅަކަށް ވެސް ހުސެއިން ޝިފާން އާއި ހަސަން ސިނާން ހަނދާން ނައްތާލަން ބޭނުން ނުވާ އެއް ކަމަކީ މައިންބަފައިންގެ ގުރުބާނީ އެވެ. އެއްމާބަނޑު ދެބެއިންގެ ތަރުބިއްޔަތުގައި މަންމަ އާއި ބައްޕަ އުފުލި ބުރަ އާއި ދިން ނަސޭހަތެވެ. މައިންބަފައިން އަބަދުވެސް ބެލީ ދީނަށް ލޯބިކުރާ އަހުލާގު ރަނގަޅު ކުދިންތަކަކަށް އެ ދެބެއިން ހެދުމަށެވެ. ގުރުއާން ހިތުދަސް ދެ ހާފިޒުންނަށް ހެދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެވެ.
ގ. ހީނާހިޔާއަށް އުފަން، އުމުރުން 35 އަހަރުގެ ހުސެއިން އާއި ހަސަން މިހާރު ވަނީ މަންމަ އާއި ބައްޕަގެ އެ ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ. އެއީ މައިންބަފައިން ފަހުރުވެރިކޮށްދިން ދެ ހާފިޒުންނެވެ. އެ މީހުން އެދުނު ސަނަދު ހަވާލުކޮށް ފަހުރުވެރިކޮށްދީފި އެވެ.
އެ ދެބެއިން ގުރުއާން ހިތުދަސްކުރަން ފެށީ މަޖީދިއްޔާ ސްކޫލްގައި އޯ ލެވެލް އަށް ކިޔެވިއިރުގަ އެވެ. އޭރު އެ ސްކޫލްގައި ބޭއްވި ކޮންމެ ގުރުއާން މުބާރާތަކުން ވެސް ދެބެއިން ރަން ވަނަތައް ހޯދި އެވެ. ބައިވެރިވި ގުރުއާން މުބާރާތްތަކަށް ފަރިތަކުރަން ކިޔަމުން ގޮސް އޯ ލެވެލް ނިމުނުއިރު ފަސް ފޮތް ވަނީ ހިތުދަސްވެފަ އެވެ.
އޭރު އުމުރުން 17 އަހަރުގެ ހަސަން އާއި ހުސެންގެ މަންމަ އާއި ބައްޕަ ވެސް އެންމެ ދެކެން ބޭނުންވަނީ ދެބެއިން އެއްކޮށް ގުރުއާން ހިތުދަސްކުރުން ކަމަށްވާތީ މަދީނާއަށް 2010 ވަނަ އަހަރު ކިޔަވަން ގޮސް ގުރުއާން ހިތުދަސްކުރި އެވެ. މައިންފަބައިންގެ ހުވަފެން ހަގީގަތަށް ހަދައިދިނުމުގެ ނިޔަތުގަ އެވެ.
އޭ ލެވެލްގައި ވެސް މި ދެބެއިން ހޯދީ ރަން ވަނަތަކެކެވެ. ހުސެއިން މުޅި ރާއްޖެ އިން އެއް ވަނަ ހޯދިއިރު ހަސަން ދެ ވަނަ ހޯދި އެވެ.
"އަޅުގަނޑަށް އޭރު އިނީ ސަރުކާރުންދޭ ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބިފައި. ހަސަން އިނީ މަދީނާ ޔުނިވަސިޓީއިން ސްކޮލަޝިޕެއް ލިބިފައި. އެހެންވެ އަޅުގަނޑަށް ލިބުނު ސްކޮލާޝިޕް ބަދަލުކުރީ މަދީނާއިން ކިޔަވަން. ދެ މީހުން ވެސް އެއްކޮށް ދިޔައީ. ކިޔެވީ ހަދީސް އިލްމު،" ހުސެން ކިޔައިދިނެވެ.
މަދީނާގައި ފުރަތަމަ އަހަރު ދެ މީހުން ވެސް ގުރުއާން ހިތުދަސްކޮށް ނިމިއްޖެ އެވެ. އެކަމަކު ކޯސް ނިމެން ކައިރިވެފައި އޮއްވައި ކަންދިމާކުރި ގޮތުން ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން މާލެ އަންނަން ޖެހުނީ އެވެ. އެއްކޮށް ކޯސް ވެސް ނުނިންމައި އެނބުރި މާލެ އައީ އެއަށް ވުރެ ބައްޕަ މުހިއްމު ވީމަ އެވެ. އޭގެ ފަހުން އަދި ދެބެންނަށް ވެސް ދެވޭ ގޮތެއް ނުވެ އެވެ.
"އަޅުގަނޑުމެން އޭރު ކިޔެވީ ވެސް ހާފިޒުކަމުގެ ސަނަދު ހޯދާކަށް ނޫން. އޭރު ނުވެސް ވިސްނަން އަސްލު އެކަމާ. ސަނަދަށް ވުރެ ހިތުދަސްކުރުން މުހިއްމުވީ."
ގުރުއާން އެއްކޮށް ހިތުދަސްވިތޯ ޔަގީންކޮށް، ސަނަދަކާ ހަމައަށް އައީ އެ ދެ މީހުންނަށް ބޮޑުބޭބެ ކިޔާ ކުއްޖަކު ގުރުއާން ހިތުދަސްކުރަން ކުރި ހިތްވަރުންނެވެ.
"މި ފަހުން ކޮއްކޮއެއް، އަޅުގަނޑުމެންނަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ވަރަށް ހަގު އުމުރުގައި ހިފްޒު ކުރަން ފެށީ. މިދިޔަ އަހަރު ނޫން ކުރީ އަހަރު، 2024 ގައި ބިލާލް ހިފްޒު ކުރީ. ކޮންމެ ދުވަހަކު ފޮތެއް މިނިސްޓްރީއަށް ކިޔައިދޭން ޖެހޭނެ. ބިލާލް ކޮންމެ ދުވަހަކު ވެސް މިނިސްޓްރީއަށް ދާނީ އަޅުގަނޑުމެންނަށް[ހުސެއިން ނޫނީ ހަސަން] އަށް އެއް ފޮތް ކިޔައިދީފައި،" ހުސެން ކިޔައިދިނެވެ.
"ކުރިން އަޅުގަނޑުމެން ވެސް ގުރުއާން ދަސްކޮށްފައި ހުރީމަ ހިތަށް އެރީ މިނިސްޓްރީއަށް ކިޔައިދޭން. އެ ކޮއްކޮ ގުރުއާނަށް އޮންނަ ލޯބި ފެނި އަނެއްކާ އަހަރުމެން ވެސް ފެށީ ދަސްކުރަން."
މަންމަ އާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް!
ބިލާލްގެ އެ ހިތްވަރާ އެކު ދެން ބޭނުންވީ މި ދުނިޔެމަތީގައި މަންމަ އާއި ބައްޕަ ފަހުރުވެރިވާ އެ ސަނަދު އެ މީހުންނާ ހަވާލުކޮށްިދިނުމަށެވެ. އެ އަޒުމުގައި އިސްލާމިކް ޔުނިވާސިޓީގެ މުރާޖައާ ކްލާހެއްގައި ފަރިތަކުރުން ކުރިއަށް ގެންދިޔައީ އެވެ.
އެކަން ހާސިލްކުރަން ދެބެއިންނަށް ވެސް ނެގީ ތިން މަސް ދުވަހެވެ. މުޅި ގުރުއާން ކިޔައިދީ ނިންމައި ހާފިޒް ކަމުގެ ސަނަދު މިހާރު ވަނީ ހާސިލްކޮށްފަ އެވެ.
"ބައްޕަ ބަލި އެނދުގައި އޮތަސް، ވަރަށް އުފާވޭ ހާއްސަކޮށް ބައްޕަގެ އެ ހުވަފެން ހަގީގަތަކަށް ހަދައިދެވުމުން. މަންމަގެ ވެސް ހުވަފެނެއް. ހުރިހާ ގުރުއާން މުބާރާތަކާއި ހުރިހާ ކަމެއްގައި ވެސް އޭރު މަންމަ އުޅޭނީ،" ހުސެއިން ބުންޏެވެ.
"އެންމެ އުފާވަނީ އެ ހުވަފެން ކާމިޔާބުކުރެވުމުން،"
އެއްފަހަރާ ދެ މީހުންނަށް ހިފްޒުކުރެވުނު ސަބަބަކީ އެކަކު އަނެކަކާ އޮންނަ ގުޅުމެވެ. އޯ ލެވެލް އަށް ކިޔެވިއިރު ވެސް އެކަކު އަނެކަކަށް އެހީތެރިވާ ގޮތަށް ގުރުއާން ހިފްޒުކުރުމުގައި ވެސް ބެލީ ދެ މީހުންނަށް އެކުގައި ނަތީޖާ ހާސިލްކުރެވޭތޯ އެވެ.
އެކަކަށް ވުރެ އަނެކަކު ކުރިއެރުމުގެ ބަދަލުގައި އެކަކު އަނެކެއްގެ ކިބައިން ލިބިގަތީ ހިތްވަރެވެ.
"މުރާޖާ ކޮށްފައި ވެސް އެކަކު އަނެކަކަށް ކިޔައިދެން. ހިފްޒު ކޮމެޓީއަށް ދިއުމުގެ ކުރިން ވެސް އެކަކު އަނެކަކަށް ކިޔައިދީފައި ދަނީ. އަބަދު ވެސް ކިޔެވިއިރުން ފެށިގެން މިހާރު ވެސް އެކަކު އަނެކަކު އެއީ ދެ މީހުންގެ ވެސް ހިތްވަރަކީ،" ހުސެއިން ބުންޏެވެ.
ހުސެން އާއި ހަސަން ގަބޫލުކުރަނީ މައިންބަފައިންގެ ހެޔޮ ދުއާ އާއި ދަރިންގެ ހިތްވަރާއި މިންނެތް މަސައްކަތުން ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވިދާނެ ކަމެވެ. އެ ދެބެއިން ދެއްކީ އެ ނަމޫނާ އެވެ. މައިންބަފައިންނާ އެ ދެބެން ހަވާލުކުރީ މި ދުނިޔެމަތިން މަންމަ އާއި ބައްޕަ އެންމެ ބޭނުންވި ސަނަދެވެ. އެއީ އެ ދެ މީހުންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ.