ކޮންޓިނެންޓަލް ޖަޔަންޓް ރެބިޓް ސައިމަން
28 އެޕްރީލް 2017 - 06:11
ސައިމަންއަކީ ތިން ފޫޓުގެ ކޮންޓިނެންޓަލް ޖަޔަންޓް ބްރީޑްގެ މުސަޅެކެވެ. އެއީ ވަރަށް ބޮޑުވާ ވައްތަރެކެވެ. އެމެރިކާ މީހަކު އެ މުސަޅު ބޭނުންވެގެން، އެމެރިކާގެ ޝިކާގޯއަށް ގެންދިއުމަށް ލަންޑަންގެ ހީތުރޯ އެއާޕޯޓުން ޔުނައިޓެޑް އެއާލައިން ފްލައިޓަކަށް ލާފައި ފޮނުވާލީ އެވެ. ދެން ފެނުނީ އެސޮރު މަރުވެފައި ވަނިކޮށެވެ.
ސައިމަން އަކީ އެންމެ ބޮޑު މުސަޅަށް ވެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެއީ އެންމެ ބޮޑު މުސަޅުގެ ރެކޯޑް އޮތް ޑޭރިއަސްގެ އާއިލާގެ ތެރެއިން އައި މުސަޅަކަށްްވާތީ އެެވެ. މި ރެކޯޑް މުސަޅު ސައިމަން އަށް ލިބުން ގާތީ އެސޮރުގެ ސައިޒު މިހާރުވެސް އުމުރާ އަޅާބަލާއިރު ބޮޑުކަމުންނެވެ.
މުސަޅު މަރުވީ އެމެރިކާއަށް ދިޔަ މަގުމަތީ، ކަނެކްޓިން ފްލައިޓަކަށް މަޑުކޮށްގެން އޮތް ވަގުތު ކަމަށް ވަނީ ބެލެވިފަ އެވެ. މުސަޅު ބާއްވާފައި އޮތީ ކާގޯ އުފުލާ ބައިގެ ތެރޭގަ އެވެ.
ދުނިޔެއިން އެންމެ ބޮޑު މުސަޅު ކަމަށްވާ "ޑޭރިއަސް"
ސައިމަން ވިއްސައި، އެމެރިކާ މީހަކަށް ވިއްކާލަން އުޅުނު މީހާ ކަމަށްވާ އެނެޓް އެޑްވާޑްސް ބުނީ ކަން ދިމާވި ގޮތުން ވަރަށް ބޮޑަށް ހައިރާންވި ކަމަށެވެ.
"ސައިމަންއަކީ ސިއްހަތު ރަނގަޅު މުސަޅެއް. މަށަކަށް ނުވިސްނޭ މިކަން މިހެން ވާންޖެހޭ ސަބަބެއް،" އެޑްވާޑްސް ބުންޏެވެ.
މުސަޅު މަރުވި މައްސަލާގައި އެންމެ ބޮޑު މައްސަލައެއް ކުރިމަތިވާތީ ޔުނައިޓަޑް އެއާލައިނަށެވެ. އެ އެއާލައިނުގެ ބޯޓަކުން ފަސިންޖަރަކު ގަދަކަމުން ބޭލުމަށް، އެ މީހަކާ އަށް އަނިޔާވާ ގޮތަށް އަމަލުކުރި މައްސަލަ އާއި އެ ނޫން ވެސް އެކި ކަންކަމާ ހެދި އެއާލައިނަށް ވަނީ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އެއާލައިނުން ބުނީ އެ މީހުންގެ ފްލައިޓްތަކުގައި އުފުލާ ޖަނަވާރު މަރުވުމަކީ އާންމު ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy