ޑައެޓް ނުކޮށް، ޖިމަށް ނުގޮސް 28 ކިލޯ ލުއިކޮށްލި މީހެއް

ބަރުދަން ލުއިކުރުމޭ ބުނެފި ނަމަ އޮންނަނީ ފާޑުފާޑުގެ ޑައެޓްތައް ތަޖުރިބާކުރުމާއި ކަސްރަތު ޕްރޮގްރާމްތަކުގައި ބައިވެރިވުމެވެ. އެކަމަކު އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ މި ޒުވާނާ ބުނަނީ ޑައެޓް ނުކޮށް، ޖިމަށް ވެސް ނުގޮސް 28.5 ކިލޯ ލުއިވެފައިވާ ކަމަށެވެ.


ބަރުދަނުގައި 101 ކިލޯ ހުރި ޓިފެނީގެ މި އާދަޔާ ހިލާފް ބަދަލުވުމާ ބެހޭ ގޮތުން "ޕޮޕްޝުގަ" ގައި ބުނެފައި ވަނީ ހިކެން މަސައްކަތް ފެށީ ބަރުދަން މާބޮޑަށް އިތުރުވެ އުނދަގޫ ދިރިއުޅުމެއް ތަޖުރިބާކުރަން ޖެހުމުން ކަމަށެވެ. މި އުނދަގުލުން ސަލާމަތްވުމަށް ފެށި މަސައްކަތް ކާމިޔާބުކޮށް ރީތި ބައްޓަމަކާ އެކު ޓިފެނީ ވަނީ ސޯޝަލް މީޑިއާގައި ވެސް ކާމިޔާބު މީހަކަށް ވެފަ އެވެ.

ދެ ކުދިންގެ މަންމައެއް ކަމަށްވާ ޓިފެނީ ބުނި ގޮތުގައި އޭނާ ކުރިހާ ވެސް ކަމަކީ ސިއްހީ ގޮތުން ރައްކާތެރި ނޫން ކާނާތައް ކެއުން ހުއްޓާލުމެވެ. އަދި ކިރުގެ ބާވަތްތައް ވެސް ހުއްޓާލި އެވެ. ޖިމަށް ދިއުމުގެ ބަދަލުގައި ކުރީ ގޭގައި ކުރެވޭ ކަހަލަ އާދައިގެ ކަސްރަތެވެ.

ޓިފެނީ އެހާރާއި މިހާރު

"އަޒުމު ކަނޑައެޅީ ޖަންކް ފުޑް އެއްކޮށް ހުއްޓާލަން. ކޭންޑީ އާއި ސޮޑާ ވެސް އެއްކޮށް ހުއްޓާލީ. ކިރުގެ ބާވަތްތަކާއި ގްލޫޓެންގެ ބާވަތްތައް ވެސް އެއްކޮށް ދޫކޮށްލީ،" ޓިފެނީ ބުންޏެވެ.

އޭނާ ބުނީ މި ބަދަލާ އެކު ކުރެވުނު ތަޖުރިބާ އަކީ މުޅި އުމުރުގައި ވެސް މިހާތަނަށް ކުރެވުނު އެންމެ ރަނގަޅު ތަޖުރިބާ ކަމަށެވެ.

ޓިފެނީ ހިކެމުން އައި ގޮތް

"ފާޑުފާޑުގެ އެއްޗެހި ކައިހިތް ވެގެން މިހާރު އުޅޭކަށް ނުޖެހޭ،"

ކިޔަމަން ނުވާ ވަރުގެ ޑައެޓެއް ނެގުމުގެ ބަދަލުގައި ޓިފެނީ ކޮންމެ ދުވަހަކު ހެނދުނު ނާސްތާއަކަށް ބޭނުންކުރީ ބޮޑު ޕްރޮޓީން ޝޭކެކެވެ. މެންދުރު ކެއުމުގައި ބޭނުންކުރީ ފެޓް މަދުން ހުންނަ މަހުގެ ބާވަތްތަކާއި ތަރުކާރީ އެވެ. ރޭގަނޑު ކަނީ ޗިކަން ސެލަޑެވެ. އެއީ ބޮޑު ޕޯޝަންއެކެވެ.

ސްނެކް ނުވަތަ ލުއި ކާނާގެ ގޮތުގައި އާފަލާއި ޕީނަޓް ބަޓަރާއި ކެރެޓެވެ.

އޭނާ ބުނި ގޮތުގައި ގޭގައި ކަސްރަތުކުރަން ފެށި ނަމަވެސް އެންމެ ފުރަތަމަ އެއީ ނުވާ ވަރުގެ ކަމެއްގެ ގޮތުގައި ހީކުރެވުނެވެ. ބުންވަރު ނުހުންނާތީ ޖެހެނީ އިރުކޮޅަކުން ހުއްޓާލާށެވެ. އެކަމަކު މަޑުމަޑުން ގޮސް އެކަން ވެސް ހައްލުވީ އެވެ.

ޓިފެނީ ހިކިފައި

ހަށިގަނޑަށް އައި ބަދަލާ އެކު، ކުރިން 2XL ސައިޒް މިހާރު ވަނީ ސްމޯލް އަށް ބަދަލުވެފަ އެވެ.

ސޯޝަލް މީޑިއާގައި ޓިފެނީ މިހާރު ވެފައި ވަނީ ބަރުދަން ލުއިކުރާ މީހުންނަށް ހިތްވަރުދީ، އެކަމުގައި ކުރިއަށް ދާންވީ ގޮތް ކިޔައިދޭ މީހަކަށެވެ.