އެލެން: އޭނާއަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު ހޯސްޓެއް.
16 ޑިސެމްބަރ 2018 - 06:23
ޗެޓް ޝޯތަކުގެ ތެރެއިން ހަމަ ޔަގީނުން ވެސް ބެލުންތެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ޝޯއަކަށް އެލެން ޑިޖެނެރެސް ހޯސްޓް ކުރާ "ދި އެލެން ޑިޖެނެރެސް ޝޯ" އެވެ. މި ޝޯ ގެނެސްދޭތާ މިހާރު 15 އަހަރު ވެފައިވާ އިރު، ޝޯ ދެން މާ ލަސްތަކެއް ނުވެ ނިމުމަކަށް އަންނާނެ އެވެ. އެކަހަލަ އިޝާރާތެއް އެލެން ވަނީ ދީފަ އެވެ.
ނިއު ޔޯކް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ހޯސްޓް ބުނީ 2020 ގެ ފަހުން ޝޯ އިތުރަށް ކުރިއަށް ގެންދިއުމާ މެދު އޭނާ ސީރިއަސްކޮށް ވިސްނަމުން ދާ ކަމަށެވެ. ޝޯގެ އިތުރު ތިން ސީޒަން، 2020 އާ ހަމައަށް ގެނެސްދޭން އެމްބީސީއާ އެކު އޭނާ އެގްރިމަންޓް ހެދީ 2016 ގަ އެވެ.
ބައްތިރީސް ފަހަރަށް އެމީ އެވޯޑް ހާސިލުކޮށްފައިވާ އެލެން، 60، ވަނީ ޗެޓް ޝޯ ހުއްޓައިލި ނަމަވެސް، އެކްޓް ކުރުން ކަހަލަ ކަމަކުން ފެންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.
ސެޕްޓެމްބަރު، 8، 2003 ގައި ފެށި "ދި އެލެން ޑިޖެނެރެސް ޝޯ" ގެ 16 ސީޒަނާ އެކު މިހާތަނަށް ވަނީ ބެލުންތެރިންނަށް މި ޝޯގެ 2،721 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސް ދީފަ އެވެ.
އެލެންގެ ހާއްސަ ޝޯއެއް ނެޓްފްލިކްސް އިން މި މަހުގެ 18 ގައި "ރިލޭޓަބަލް" ގެ ނަމުގައި ގެނެސް ދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy