ލައިފްސްޓައިލް / ބޮލީވުޑް

އިރްފާންގެ ވަކިވުން: ސިނަމާ އަށް ފަޅުކަމާއި ހިތްދަތިކަން

ކޮލެޖަށް ވަނުމާ ހަމަޔަށް، އޭނާ އަށް ފިލްމް ބެލުމުގެ ހުއްދައެއް ނެތެވެ. ފިލްމީ މަސައްކަތަކީ އޭނާގެ އާއިލާގެ ނަޒަރުގައި ދެރަ މަސައްކަތެވެ. އޭނާގެ މަންމަ ބާރު އަޅަމުން ދިޔައީ މޮޅަށް ކިޔަވައިގެން، އިހުތިރާމް ލިބޭ ފަދަ ވަޒީފާއެއް ހިޔާރުކުރުމަށެވެ. އޭނާގެ ހިތުގައި ވެސް ފިލްމް ކުޅުމަށް ޝައުގެއް ނެތެވެ. ބޭނުންވީ ކުޅިވަރުން ކުރިއަށް ދިއުމަށެވެ.

އެކަމަކު އުމުރުން 53 އަހަރުގައި އިރްފާން ޚާން މިއަދު ކެންސަރު ބަލީގައި މަރުވީ، މުޅި ފިލްމީ ދުނިޔެ ރޮއްވާލަމުންނެވެ. އިންޑިއާގައި އެފަދަ ދެ ވަނަ އެއް ނެތް މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ. ބައިނަލްއަގްވާމީ ފިލްމްތައް ވެސް ކުޅެ ދުނިޔޭގެ އެތައް ބަޔެއްގެ ލޯބި ހޯދި އެކްޓަރެއްގެ ގޮތުގަ އެވެ.

ހިންދީ ފިލްމް އުފައްދާ މުމްބާއީއާ، މާދުރުގައި އޮތް ހަނަފަސް ރާޖަސްތާނުގެ ވެރިރަށް ޖައިޕޫރަށް އުފަންވި އިރްފާންގެ ހިތުގައި ފިލްމަށް ލޯބި ޖެހުނީ ހިފެހެއްޓިފައި އޮތް މާހައުލެއްގެ ތެރެއިން، ނުކުމެ އޭނާ ބެލި ފުރަތަމަ ފިލްމާ އެކު އެވެ. އެކްޓަރުންގެ މަސައްކަތް އޭނާ އަށް ފެނުނީ ޖާދޫއެއްގެ ގޮތުގަ އެވެ. އިރްފާން ބުނެފައިވާ ގޮތުން އޭނާ އެ ހިސާބުން އެކްޓްކުރާ ހިތް ބޮޑުވެ، އެފަދަ ފުރުސަތެއް ލިބޭތޯ ގޮތްހުސްވާ ހިސާބަށް ދިޔަ އެވެ.

"ފުރުސަތަކަށް ބަލަމުން ދަނިކޮށް ދިމާވީ ހެއްވާ ކަމަކާ. އަހަންނަށް ޓީވީ ޓަވަރެއް ފެނި ހިތަށް އެރީ އޭގެ މަތީގައި ޓީވީގެ މަސައްކަތް އޮންނާނެޔޭ އެތަނުން ފުރުސަތު ލިބޭނެޔޭ،" އިރްފާން ބުނެފައިވެ އެވެ.

އިރްފާން އަތުގެ އިޝާރާތުން އޭނާގެ ސަޕޯޓަރުންނާ ސަލާމްކުރަނީ. --ފޮޓޯ: އޭއެފްޕީ

އެކަމަކު އެތަނަށް އެރިއިރު މީހެއްގެ ހިލަމެއް ނެތެވެ. އެއީ ޓީވީ ޓްރާންސްމީޓަރެކެވެ. އެހިސާބުން އޭނާ މިސްރާބު ޖެހީ ހަގީގީ ފުރުސަތު އޮތް ދިމާލަކަށެވެ. ޖައިޕޫރުގެ ތިއޭޓާ ގްރޫޕަކާ ގުޅި ސްޓޭޖް ތަމްސީލް ކުޅެން ފެށި އެވެ. އިތުރަށް ކުރިއަށް ދިއުމަށްޓަކައި ފިލްމް ސްކޫލަކާ ގުޅެން ވެސް އޭނާ ބޭނުންވި އެވެ. އެކަމަކު އެކަމާ މަންމަ ނުގަބޫލެވެ.

"އަހަރެން މަންމަ ގާތު ބުނިން ފިލްމް ކުޅެން ގޮސް މަންމަ ގަޔާނުވާ އެއްވެސް ކަމެއް ނުކުރާނަމޭ. އަހަރެން މިދަނީ ގަސްތައް ވަށައި ލަވަކިޔާކަށް ނޫނޭ އަހަރެން މިދަނީ އަމިއްލަ ދުނިޔެއެއް ހޯދާށޭ. އެކަމަކު މަންމަ އަށް އެ ވާހަކަތަކެއް ނުވިސްނުނު،" އިރްފާން ބުނެފައިވެ އެވެ.

އެހެންވެ މަންމަ އަށް ވިސްނައިދޭން އިރްފާން ބުނީ އޭނާ ނިއު ދިއްލީގައި ނެޝަނަލް ޑްރާމާ ސްކޫލުން ކިޔަވައިގެން އައިސް ފިލްމް ކުޅޭނީ ނޫން ކަމަށާއި ޖައިޕޫރް ޔުނިވާސިޓީގައި ފިލްމް ކިޔަވައިދޭނީ ކަމަށެވެ. އެއާ އެކު މަންމަގެ ރުހުން ލިބުނެވެ.

އެކަށީގެންވާ އަދަދަކަށް ސްޓޭޖް ތަމްސީލްކުޅެފައިނުވާތީ ޑްރާމާ ސްކޫލަށް ވަންނަން ހުރަސްތަކެއް އެޅުނު ނަމަވެސް އެކަން އޭނާ ކާމިޔާބުކުރި އެވެ. ނަސީރުއްދީން ޝާހު އާއި އަނޫޕަމް ކޭރް ފަދަ ހުނަރުވެރި އެކްޓަރުން ވެސް ކިޔެވި އެ ސްކޫލުގައި އިރްފާން ފަހު އަހަރު ކިޔަވަމުން ދަނިކޮށް ނަސީބު އަތުގައި ހިފީ އެވެ. އިންޑިއާ އަށް އުފަން އެމެރިކާގެ ޑިރެކްޓަރު މީރާ ނަޔަރް އޭނާގެ ފުރަތަމަ ފީޗާ ފިލްމް "ސަލާމް ބޮމްބޭ!" ހަދަން އެކްޓަރުންތަކެއް ހޯދަން 1986 ވަނަ އަހަރު ޑްރާމާ ސްކޫލް އަތްފުނާއަޅަމުން ދަނިކޮށް އޭނާގެ ލޮލުގައި އިރްފާން އަޅައިގަތީ އެވެ.

"ސަލާމް ބޮމްބޭ!" ގައި އިރުފާން.

މުމްބާއީ (އޭރުގެ ބޮމްބޭ) ގެ މަގުމަތީގައި އުޅޭ ފަގީރު ކުދިންގެ ވާހަކަ ކިޔައިދޭ އެ ފިލްމުގައި، މީރާ ބޭނުންވީ ފަގީރު ކުއްޖެއްގެ ރޯލް އިރްފާން ކުޅޭށެވެ. އުމުރުން 20 އަހަރުގެ އިރްފާން އެ ފުރުސަތުގެ ބޭނުން ވަގުތުން ހިފި އެވެ. އަދި ފިލްމުގެ ވޯކްޝޮޕުގައި ބައިވެރިވާން މުމްބާއީ އަށް ދިޔަ އެވެ. އޭނާ އަކީ އޭރު ޑްރާމާ ސްކޫލުން ގްރެޖުއޭޓް ނުވަނީސް ފީޗާ ފިލްމަކުން ފުރުސަތު ލިބުނު އެތަނުގެ ފުރަތަމަ ދަރިވަރެވެ.

އެކަމަކު އިރްފާންގެ ޝޫޓިން ފަށަން ދެ ދުވަހަށް ވެފައި ވަނިކޮށް އިރްފާންގެ އުއްމީދުތައް ފެނަށް ދިޔައީ އެވެ. އެ ފިލްމުގައި އެކްޓްކުރަން ނެގި ފަގީރުކުދިންނާ ހިލާފަށް އިރްފާނަކީ އިސްކޮޅުން ދިގު، ހެދިހުރިގަށިގަނޑެއްގެ ވެރިޔަކަށްވާތީ އެފަދަ ރޯލަކަށް އޭނާ އެކަށީގެންނުވާ ކަމަށް މީރާ ނިންމުމުންނެވެ. ބަދަލުގައި ދިނީ، ސިޓީ ލިޔާ މީހެއްގެ ކުޑަކުޑަ ރޯލެކެވެ.

"އަހަރެން ހަނދާން އެބަހުރި މުޅި އެރޭ އެއްކޮށް އަހަރެން ގިސްލަގިސްލާ ރުއީ،" އިރްފާން ބުނެފައިވެ އެވެ. "އެކަމުން (އޭގެ ސަބަބުން) އަހަންނަށް ބަދަލުތަކެއް އައި. އެހިސާބުން އަހަރެން ތައްޔާރުވެގެން ހުރީ ކޮންމެ ކަމެއް ވެސް ހަޔާތުގައި ވެދާނެ ކަމަށް."

ކަންވީ ވެސް އެހެންނެވެ. އެއީ ލޯބީގެ ފިލްމަތަކާއި އެކްޝަން ފިލްމަތުން ބޮލީވުޑް ފުރިފައި އޮތް ދުވަސްވަރުކަމުން އިރްފާން ބޭނުންވާ ކަހަލަ، އޭނާގެ އެކްޓިން ދައްކާލެވޭ ކަހަލަ ފިލްމެއް ކުޅެވޭނެ ފުރުސަތެއް ނެތެވެ. އަދި އޭރު އުފެއްދި ޒާތުގެ ފިލްމަކުން އޭނާ އަށް ޖާގަ ދޭނެ ޑިރެކްޓަރެއް ނުވި އެވެ. އޭނާ އަކީ، ހިންދީ ފިލްމްތަކުގެ ބަތަލުގެ ރޯލް ކުޅެވޭވަރުގެ ސިފައެއް ހުރި އެކްޓަރެއް ކަމަށް ޕްރޮޑިއުސަރުން ބަލައެއް ނުގަތެވެ. އެހެންވެ ޑްރާމާ ސްކޫލުން ގްރެޖުއޭޓްވެގެން، ކެރިއަރުގެ އެންމެ ކުރީކޮޅު އިރްފާނަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމެވެ. އޭނާ ޖެހުނީ ޓީވީ ރޯލްތައް ކުޅެލަކުޅެލާ ހުންނާށެވެ.

އިރްފާން އެވޯޑް ހަފުލާގައި: އޭނާ ކުޅުނު "ދަ ސްލަމްޑޯގް މިލިއަނާ" އަށް އޮސްކާ ލިބިފައިވޭ. --ފޮޓޯ: އޭއެފްޕީ

އޭނާގެ ނަސީބު ބަދަލުވީ، އިނގިރޭސި ޑައިރެކްޓަރު އާސިފް ކަޕާޑިއާ 2001 ވަނަ އަހަރު އުފެއްދި "ވޯރިއާ" އިން ލިބުނު ފުރުސަތާ އެކު އެވެ. އުފަން ސްޓޭޓް ރާޖަސްތާނުގެ ހާދިސާއަކަށް، ބިނާކޮށް ހެދި މި ފިލްމުން އޭނާ އަށް ފުރުސަތު ލިބުނީ، ކެރިއަރުގެ މިސްރާބާ މެދު ހިތްހަމަނުޖެހި އެކްޓްކުރަން ހުއްޓާލަން ނިންމައިގެން ހުއްޓަ އެވެ. އެކަމަކު އެ ފިލްމާ އެކު އޭނާގެ ކެރިއަރު ހަލުވި ދުވެއްޔެއްގައި އާ ދަތުރަކަށް ފެށީ އެވެ.

އެގޮތުން އޭގެ ދެ އަހަރު ފަހުން، 2003 ވަނަ އަހަރު ވިޝާލް ބަރްދްވާޖް ޑިރެކްޓަރު ކުރި "މަގްބޫލް" އިން އޭނާ އަށް ފުރަތަމަ ފަހަރަށް މެއިންސްޓްރީމް ފިލްމެއްގައި ލީޑުރޯލްކުޅެން ފުރުސަތު ލިބުނެވެ. އެ ފިލްމާ އެކު އޭނާ އަށް ހިންދީ ފިލްމަތަކުން ރޯލްތައް އޮހެން ފެށި އެވެ.

ކަންދިމާކުރި ގޮތުން، ބައިނަލްއަގްވާމީ ފިލްމަތަކުން އިރްފާނަށް ފުރުސަތު ލިބުމުގެ މެދުވެރިއަކަށްވީ 1988 ވަނަ އަހަރު އޭނާގެ ހުނަރު އެންމެ ފުރަތަމަ ދެނެގަތް ޑިރެކްޓަރު މީރާ އެވެ. ޖުމްޕާ ލަހިރީގެ ނާވިލް "ދަ ނޭމްސޭކް" އަށް ބިނާކޮށް އެ ނަމުގައި 2006 ވަނަ އަހަރު މީރާ ޑިރެކްޓްކުރި ފިލްމަކީ އިރްފާންގެ ހުނަރު އިންޑިއާ އަށް ބޭރަށް ފެނިގެން ދިޔަ ފިލްމެވެ. އެއީ ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާގެ އެކްޓިން އެންމެ މޮޅު އެއް ފިލްމެވެ.

އޭގެ ފަހުން އޭނާ، އެތައް ބަޔެއްގެ މަގުބޫލުކުރިން އިނގިރޭސި ފިލްމްތައް ކުޅުނެވެ. އޮސްކާގެ އެންމެ މޮޅު ފިލްމްގެ މަގާމް 2008 ވަނަ އަހަރު ހޯދި "ސްލަމްޑޯގް މިލިއަނާ" އާއި ވޯލް ސްޓްރީޓުގެ ނޫސްވެރިޔާ ޑެނިއަލް ޕާލް ކިޑްނެޕްކުރި ހާދިސާގެ މައްޗަށް ކުޅުނު "އަ މައިޓީ ހާޓް" އާއި މުޅި ދުނި ދުނިޔޭގެ ލޯ އަމާޒުވި "ލައިފް އޮފް ޕައި" އާއި "ދި އެމޭޒިން ސްޕައިޑާ މޭން" އަދި "ޖުރެސިކް ވޯލްޑް" ފަދަ ފިލްމްތަކެވެ.

ނަސީބު ދިމާކުރި ގޮތުން އެ ދުވަސްވަރަކީ އިރްފާން ބޭނުންވި ފަދަ ފިލްމްތައް އިންޑިއާގައި، އުފައްދަން ފެށި ދުވަސްވަރާ އެވެ. އެހެންވެ އިނގިރޭސި ފިލްމްތަކާ އެއްވަރަށް އޭނާ ހިންދީ ފިލްމްތައް ވެސް ކުޅެ ބެލުންތެރިން އޭނާގެ ހުނަވެރިކަމުގެ ޖާދުލުގައި ޖެއްސި އެވެ. "ބިއްލޫ" ގައި އޭނާ ކުޅުނު ބޯކޮށާ މީހެއްގެ ރޯލާއި "ޔޭ ސާލި ޒިންދަގީ" ގައި ކުޅުނު ގޮސްހުސްވެފައިވާ ލޯބިވެރިޔެއްގެ ރޯލާއި "ޕާން ސިންގް ޓޯމާރް" ގައި ކުޅުނު ސްޓީޕަލްޗޭސް ޗެމްޕިއަންގެ ރޯލާއި "ޑީ-ޑޭ" ގައި ކުޅުނު އޭޖެންޓް ވަލީ ޚާންގެ ރޯލް ފާހަގަކުރެވެ އެވެ. އަދި "ދަ ލަންޗް ބޮކްސް" އާއި "ޕީކޫ" އާއި "ގަރީބް ގަރީބް ސިންގަލް" ގައި ކުޅުނު ލޯބީގެ ރޯލްތައް އެތައް ބަޔަކަށް ކަމުދިޔަ އެވެ. "ހައިދަރް" ގައި ކުޅުނު ރޫހްދާރްގެ ރޯލާއި "ހިންދީ މީޑިއަމް" ގައި ކުޅުނު ބައްޕައެއްގެ ރޯލް އަދި "ތަލްވާރް" ގައި ގައި ކުޅުނު ތަހުގީގީ އޮފިސަރުގެ ރޯލް ވެސް އެތައް ބަޔެއްގެ ހިތުގައި ބިންވަޅު ނެގުނެވެ.

އިރްފާން (ކ) ޕީކޫގެ ތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން (މ) އާއި އަމީތާބް ބައްޗަންއާ އެކު. --ފޮޓޯ: އޭއެފްޕީ

އޭނާގެ ފިލްމީ މަސައްކަތަށް ވަގުތީ ހުއްޓުމެއް އައީ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) ގެ ޝިޔާރަކަށްވެ 2018 ވަނަ އަހަރުގެ މާޗް މަހުވީ ހިސާބުންނެވެ. އެކަމަކު އިނގިރޭސި ވިލާތުގައި ފަރުވާ ހޯދުމަށް އެނބުރި އައިސް މިދިޔަ އަހަރު "އަންގްރޭޒީ މީޑިއަމް" ކުޅުނެވެ.

"އަހަރެން ހުރިހާ ހާނުންނާ އެކު މަސައްކަތްކޮށްފިން. ޝާހް ރުކް ހާން، އާމިރް އަދި ސައިފް. އެކަމަކު އަހަންނަށް އިރްފާން ހާންއާ އެކު މަސައްކަތްކުރެވުމަކީ ޝަރަފެއް އަދި ހާއްސަކަމެއް،" މި އަހަރު ރިލީޒް ކުރި އެ ފިލްމުގެ ސައިޑް ރޯލެއް ކުޅުނު މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރް ބުންޏެވެ.

އިރްފާން މަރުވީ، އޭނާގެ މަންމަ ސައީދާ ބޭގަމް މަރުވިތާ ހަފުތާއެއް ނުވަނީސް، ކޮލޯން އިންފެކްޝަނަކާ ގުޅިގެން އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުންކޮށްފައި އޮތުމުން މަންމަގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތެއް އިރްފާނަކަށް ލިބިފައެއް ނުވެ އެވެ. އެކަމަކު އޭނާ މަރުވުމުގެ ހިތްދަތިކަން އެ މަންމަ އަށް އިހުސާސްކުރަން ނުޖެހި މަންމަ ކުރިން މަރުވުމަކީ، އިރްފާން އެދޭނެ ގޮތް ކަމަށް އޭނާގެ ސަޕޯޓަރުން ދެކެ އެވެ. އެއީ ހަމަ ވެދާނެ ކަމެކެވެ.

މީރާ ނަޔަރްގެ "ދަ ނޭމްސޭކް" ގައި އިރްފާންގެ ކެރެކްޓާ (އަޝޯކް ގަންގޫލީ) މަރުވުމުން އޭނާގެ މަންމަ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. ފިލްމްގް ސްކްރީނިން އަށް ފަހު މީރާ އަށް ގޮވައި އެކަމުގެ ރުޅިވެރިކަން ފާޅުކުރި ކަމަށްވެ އެވެ. މިއަދު އިރްފާން މިވަނީ އަސްލަށް ވެސް އެންމެންނާ ވަކިވެފަ އެވެ. މިއަދު އެކަމުގެ މޮޅީގައި ތިބެ މުޅި ފިލްމީ ދުނިޔެ ގޮވަމުން ދަނީ އިރްފާން "ތި ދިޔައީ މާ އަވަހަށް" ކަމަށެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ.

"އަހަރެންގެ މަންމަ، އަހަރެން ބަލާ އަތުވެއްޖެ،" ފަހުނޭވާގައި އިރްފާން ބުނީ މިހެންނެވެ.

4 ކޮމެންޓް, 91 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 99%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދާބެގެ

01 May 2020

އިރުފާން ތިދައްކާދިނީ ތިއީ ހަގީގީ ހީރޯއެއްކަަން.

The name is already taken The name is available. Register?

ހަސަބު

30 April 2020

الله يرحمه

The name is already taken The name is available. Register?

ހުސައިން އަބޫބަކުރު

30 April 2020

މޮޅު ހުނަރުވެރި އެކްޓަރެކެވެ.މުސްލިމެކެވެ.އިންޑިއާގެ މުސްލިމުންނަށް އަނިޔާ ދެމުންދިޔައިރު މިފަދަ ތަރިންވަނީ މުސްލިމުންނަކީ އިންޑިއާގެ އަސްލު ބާނީންކަން ދައްކައިދީފައެވެ.އިރްފާންއަށް ފާފަ ފުއްސަވައި ރަޙުމަތްލައްވާށިއެވެ.

The name is already taken The name is available. Register?

ފޭން2020

30 April 2020

ވަން އޮފް ދަ އައުޓްސްޓޭން އެކްޓާރ އިން އިންޑިއަން ސިނެމާ. އިރުފާންގެ ފުރާނައަށް މާތްﷲ ރަހުމަތް ލައްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454