އަންހެން ކުދިންގެ ތައުލީމަށް ޕްރިންސް ހެރީގެ ދެކަނބަލުންގެ ފަރާތުން 130،000 ޑޮލަރު

އެފްރިކާ ބައްރުގެ ގައުމުތަކެއްގެ އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމާއި ތަރައްގީ އަށް އެހީވުމުގެ ގޮތުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް 130،000 ޑޮލަރު ޗެރިޓީއަކަށް ހަދިޔާކުރައްވައިފި އެވެ.


ޒިމްބާބްވޭ، ޒެމްބިއާ، ގާނާ، ޓެންޒޭނިއާ އަދި މަލާވީގެ އަންހެން ކުދިންގެ ތައުލީމަށް ހެރީގެ ދެކަނބަލުންގެ ފަރާތުން ފައިސާ ހަދިޔާކުރެއްވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިޔާއެއް ކަމަށްވާ ކެމްފެޑް (ކެމްޕެއިން ފޯ ފީމޭލް އެޑިއުކޭޝަން) އަށެވެ.

ހެރީ އާއި މޭގަންގެ ފަރާތުން ދެއްވި އެހީ އަކީ "ސަސިސްކް ސްކޮޑް" ގެ ނަމުގައި ފަންޑްރައިޒްކޮށްގެން ހޯދި ފައިސާ އެވެ. އަދި އެހީ ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އެހީއާ ބެހޭ ގޮތުން ކެމްފެޑުން ބުނީ އެ ޖަމިއްޔާގެ ބެލުމުގެ ދަށުގައި މިހާރު ވެސް 113 ކުއްޖަކު އެބަތިބި ކަމަށެވެ. އަދި ހެރީގެ ދެކަނބަލުންގެ ފަރާތުން ލިބުނު އެހީ އަކީ އެ ކުދިންގެ ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންދަން ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

ކެމްޕެޑުން ބުނީ ޕްރިންސް ހެރީ އާއި މޭގަން އިންސާނިއްޔަތަށްޓަކައި ކުރައްވާ މަސައްކަތްތަކީ އެތައް ބައެެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށާއި އެ ބޭފުޅުން ކުރައްވާ މަސައްކަތް އިހުލާސްތެރިކަމާ އެކު ބަލައިގަންނަ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތަކާއި އިނގިރޭސިވިލާތް ވެސް ދޫކޮށްލައްވައި ހެރީގެ ދެކަނބަލުން މިހާރު ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.