މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިއަދު ހެނދުނު ފެށި ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި ބާއްވާ ގައުމީ އަންހެން ރާޅާއެޅުމުގެ ފައިނަލަށް ޝާޒިޔާ ސައީދު (ޝާޒު) އާއި އާޔާ ނަސީމް ހޮވިއްޖެ އެވެ.

މިއީ ރާއްޖޭގައި ރާޅާއެޅުމުގެ މުބާރާތެއްގައި އަންހެނުންގެ ހީޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ ގައުމީ މުބާރާތް ފެށީ ވެސް އަންހެން އޯޕަން ޝޯޓްބޯޑް ޑިވިޝަނުންނެވެ.

ޖުމްލަ ފަސް ސާފަރުން ބައިވެރިވި މި ޑިވިޝަނުގެ ފުރަތަމަ ބުރުގައި ދެ ހީޓެއް ކުރިޔަށް ދިޔައިރު، ފުރަތަމަ ހީޓުގައި ވާދަކުރީ ޝާޒިޔާ އާއި ފާތިމަތު ރިޝްތާ ޝުޖާއު އަދި މަރިޔަމް ޒޯހާ މާޖިދެވެ. ޝާޒިޔާ މި ހީޓު ކާމިޔާބުކުރީ 6.67 ޕޮއިންޓު ހޯދައިގެންނެވެ. ހީޓުގެ ދެވަނައިގައި ނިންމި ރިޝްތާ އަށް ލިބުނީ 2.70 ޕޮއިންޓެވެ.

އާޔާ މިއަދު އަންހެން ޑިވިޝަނުގެ ދެވަނަ ހީޓުގައި.-- ފޮޓޯ: އެމްއެސްއޭ
އާޔާ މިއަދު އަންހެން ޑިވިޝަނުގެ ދެވަނަ ހީޓުގައި.-- ފޮޓޯ: އެމްއެސްއޭ

އާޔާ އާއި އައިޝަތު ނަހާ ނަސްރުﷲ ހިމެނުނު ދެވަނަ ހީޓު އާޔާ ކާމިޔާބުކުރީ 0.6 ޕޮއިންޓުގެ ތަފާތަކުންނެވެ. ހީޓް ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދި އާޔާ 5.83 ޕޮއިންޓް ހޯދިއިރު، ނަހާ އަށް ލިބުނީ 5.23 ޕޮއިންޓެވެ.

މި ޑިވިޝަނުގެ ތިންވަނަ ހޮވާ ހީޓުގައި މާދަމާ ވާދަކުރާނީ، ފުރަތަމަ ބުރުގެ ހީޓުތަކުން ދެވަނަ ހޯދި ރިޝްތާ އާއި ނަހާ އެވެ. މި ޑިވިޝަނުގެ ފައިނަލް ހީޓު ވެސް މާދަމާ ކުރިޔަށް ދާނެ އެވެ.

މުބާރާތުގައި ފިރިހެން އޯޕަން ޝޯޓްބޯޑް ޑިވިޝަނާއި، ފިރިހެން ޖޫނިއާ އަދި މާސްޓާސް ޑިވިޝަނުގެ ފުރަތަމަ ބުރުގެ ހީޓުތައް މިއަދު ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު، މި އަހަރު މުޅިން އަލަށް ބާއްވާ ލޯންގް ބޯޑާއި ސްޓޭންޑް އަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ގެ ހީޓުތައް ވެސް މާދަމާ ކުރިޔަށް ދާނެ އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަށް އެސްޓީއޯ އާއި ޔޫރޯ ސްޓޯރު އަދި ރާއްޖޭގެ ފުރަތަމަ ސާފިން އޮޕަރޭޓަރު އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނަކީ ވެސް މުބާރާތުގެ ޕާޓްނަރެކެވެ.

ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. މުބާރާތް ލައިވް ކުރަން ބްރޯޑްކާސްޓިން ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.