އާދަމް އިބްރާހިމް (ވ) ޓީމް ހަނިމާދޫން ޕޯލްސްޓާ ކޮޅަށް ޖެހި އެޓީމުގެ ތިންވަނަ ލަނޑަށް ފަހު.-- ފޮޓޯ: އެފްއޭއެމް
23 ޖޫން 2022 - 09:20
ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ދިއްދޫ ބީއެކްސް ސްޕޯޓްސް ކުލަބާއި، ޓީމް ހަނިމާދޫ ކާމިޔާބުކޮށް ގުރޫޕުގެ ފޯރި ގަދަކޮށްލައިފި އެވެ.
ބީއެކްސް ސްޕޯޓްސް އަމިއްލަ ރަށުގައި ކުޅުނު މެޗު ކާމިޔާބުކުރީ ޓީމް ނެއްލައިދުއާ ވާދަކޮށް 6-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފް އެ ޓީމު ނިންމާލީ ހުސެއިން ޒިމްޔާން ޖަހައިދިން ލަނޑުން އެންމެ ގޯލެއްގެ ތަފާތުންނެވެ. ނަމަވެސް ފަހު ހާފުގައި ވަނީ ފަސް ލަނޑު ޖަހައި ފަސޭހަ މޮޅެއް ހޯދައިފަ އެވެ.
ދެވަނަ ހާފުގައި ބީއެކްސް ސްޕޯޓްސް އަށް ފުރަތަމަ ލަނޑު ޖަހައިދިނީ ވެސް ޒިމްޔާނެވެ. ފުރަތަމަ ފަސް މިނިޓުތެރޭ އޭނާ މި ލަނޑު ޖަހައިދިނީ ޕެނަލްޓީއަކުންނެވެ. މީގެ އިތުރުން އެޓީމުގެ ހުސެއިން ޝިފާހު ދެ ލަނޑު ޖެހިއިރު، ބަދަލު ކުޅުންތެރިން ގޮތުގައި ކުޅެން ނުކުތް ތައުމީން ނޫހް އާއި އަހުޒަމް ރަޝީދު ވަނީ ލަނޑެއް ޖަހައިފަ އެވެ.
މި ނަތީޖާއާ އެކު ބީއެކްސް ސްޕޯޓްސް ވަނީ ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާ އެކު އެންމެ ކުރީގައި އޮތް ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ނެއްލައިދޫ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލި ވެފަ އެވެ.
ހަނިމާދޫގައި ކުޅުނު މެޗު ޓީމް ހަނިމާދޫ ކާމިޔާބުކުރީ އިހަވަންދޫ ކްލަބް ޕޯލްސްޓާއާ ވާދަކޮށް 3-0 އިންނެވެ. ހަނިމާދޫ އަށް މެޗުގައި ލީޑު ލިބުނީ ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ޕޯލްސްޓާގެ އިމްރާން އާދަމް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ފަހު ހާފުގައި 66 ވަނަ މިނިޓުގައި ހަނިމާދޫ އަށް ލީޑު ފުޅާ ކޮށްދިނީ އާސިފް ސަލީމެވެ. މިއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން އާސިފް ޖެހި ފަސްވަނަ ލަނޑެވެ. އަދި ތިންވަނަ ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ އާދަމް އިބްރާހީމެވެ.
ހަނިމާދޫ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް އެޓީމު ވަނީ ޖެހިގެން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓު ހޯދައިފަ އެވެ. އަދި އެޓީމު އޮތީ ޒިގްޒެގާއި ބީއެކްސް ސްޕޯޓްސްގެ ފަހަތުން، ގުރޫޕުގެ ތިންވަނައިގަ އެވެ.
މިއީ ޕޯލްސްޓާ ގުރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ. އެޓީމު ކުޅުނު ފުރަތަމަ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.
އުތުރު ލީގުގެ އެއްވަނަ ޑިވިޝަނަށް ދަތުރު ކުރާނީ، ފަސް ޓީމު ވާދަކުރާ މި ގުރޫޕުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ދެ މެޗު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.
މި ގުރޫޕުގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރެވެ. ދިއްދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮއިންޓު ތާވަލުގެ އެންމެ ކުރީގައި އުޅޭ ދިއްދޫ ބީއެކްސް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ. އަދި ހަނިމާދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ނެއްލައިދޫ އާއި އިހަވަންދޫ ޕޯލްސްޓާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy