ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއެމްއޭ) އިން މި އަހަރު ބާއްވާ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މި އަހަރުގެ ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ވެސް ރާއްޖޭގައި ބާއްވަން ހަމަޖެހިފައި ވާއިރު، އެ މުބާރާތުގެ ކޯ ސްޕޮންސަރުގެ އެއްބަސްވުމުގައި ވެސް މިއަދު ސޮއިކުރި އެވެ.
އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި އެ ކުންފުނީގެ ފަރާތުން ސޮއިިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ބޮޑީބިލްޑިން އެސޯސިއޭޝަނުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (އިއްބެ) އެވެ.
މި އަހަރުގެ މިސްޓަ މޯލްޑިވްސް މުބާރާތް އޮންނާނީ ވަނީ ޖުލައި 3 ގަ އެވެ. ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް އޮންނާނީ ޖުލައި 10-14 ގެ ނިޔަލަށެވެ. މިއީ ދެކުނު އޭޝިއާގެ ސަރަހައްދީ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ބޮޑީބިލްޑިން އަކީ ބައިނަލްއަގުވާމީ މުބާރާތްތަކުން ވެސް ރާއްޖެ އަށް ގިނަ މެޑަލްތަކެއް ހޯދައިދެމުން އަންނަ ކުޅިވަރެކެވެ.
މި އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑަރު އަޒުނީން ރަޝާދެވެ. އަދި އެންމެ މޮޅު ފިރިހެން ކޯޗަކަށް ހޮވުނީ ރާއްޖޭގެ ބޮޑީބިލްޑިން ޓީމުގެ ހެޑް ކޯޗު އަބްދުލް ހަސީބެވެ.