މުޅިން އަލަށް ބާއްވާ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ލީގު މިއަދު ފަށަން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ތައްޔާރު ވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ބާއްވާ ގައުމީ ލީގުގައި ހަ ޓީމު ބައިވެރިވެފައިވެ އެވެ. އެއީ ކްލަބް ގްރީން ސްޓްރީޓްސް، އެން ސްޕޯޓްސް އެކަޑަމީ، އެމްވީ ނެޓާސް، ކްލަބް މެޓްރިކްސް، އެސްސީ ޝައިނިން ސްޓާ އަދި ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބް (ކޭވައިއާރުސީ) އެވެ.
މެޗުތައް ކުރިއަށް ގެންދާނީ ހަވީރާއި ރޭގަނޑު ހިމެނޭހެން ކޮންމެ ދުވަހަކު ތިން މެޗު ކުޅޭ ގޮތަށެވެ. މިއަދުގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާއި އެން ސްޕޯޓްސް ބައްދަލުކުރާނީ ހަވީރު 4:45ގަ އެވެ. މިރޭ 7:30 ގައި އެމްވީ ނެޓާސް އާއި މެޓްރިކްސް ބައްދަލުކުރާ މެޗަށް ފަހު، ޝައިނިން ސްޓާ އާއި ކޭވައިއާރުސީ ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 9:30 ގަ އެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ކުރިން ކްލަބްތަކަށް ބާއްވަމުން އައީ ނެޓްބޯޅަ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނެވެ. ލީގަށް ފަހު، މި އަހަރުގެ ގައުމީ މުބާރާތް ބާއްވާން ވަނީ ހަމަޖެހިފަ އެވެ. އެ އަށް ފަހު ދެން ބާއްވާނީ އެސޯސިއޭޝަން ކަޕް އެވެ.
މި އަހަރުގެ ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕްގައި އަންހެނުންގެ އިތުރުން ފިރިހެން ޑިވިޝަން ވެސް ކުރިއަށް ގެންދާނެ އެވެ.