ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މި އަހަރުގެ ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓަކަށް ހުނަރުވެރި ޒުވާން ރާޅާއެޅުންތެރިޔާ ސައްޔިދު ސަލާހުއްދީން ހޮވިއްޖެ އެވެ.

މި ސްކޮލަޝިޕް ލިބޭ އެތުލީޓް ހޮވަނީ ބީއެމްއެލް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީންވެ.

މި ސްކޮލަޝިޕުގެ ދަށުން ސައްޔިދު ތަމްރީން ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގަ އެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައި ވެސް ސްކޮލަޝިޕުގެ ތެރެއިން ބައިވެރިވާނެ އެވެ. މީގެ އިތުރުން، ތަމްރީންތަކާއި، މުބާރާތުގައި ވާދަކުރުމަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަޝިޕްގެ ދަށުން ބީއެމްއެލް އިން ފޯރުކޮށްދޭނެ އެވެ.

ޒުވާން ސައްޔިދު އަންނަނީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ވާދަކޮށް ކާމިޔާބީ ހޯދަމުންނެވެ.

މިއީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ބީއެމްއެލް އިން ދޭ ސްކޮލަޝިޕެކެވެ. ބޭންކުން ހުރިހާ ހަރަދެއް ފޯރުކޮށްދޭ މި ސްކޮލަޝިޕަށް ހޮވޭ ކޮންމެ އެތުލީޓަކަށް ވެސް ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލަޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނުގެ ފުރުސަތު ހޯދައިދީފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ، ސާފިން ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ގައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ އެކި ޕާޓްނަޝިޕްތަކުގެ ދަށުން ބޭންކުން އަންނަނީ އެ އެސޯސިއޭޝަންތަކަށް އެހީތެރިވަމުންނެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް ސްޕޯޓްސް އިން ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބޭންކަށް ހާއްސަ އެވޯޑެއްވެސް ދީފަ އެވެ.