ރާއްޖޭގެ ފުރަތަމަ އަންހެން ޖޫނިއާ ބޮޑީބޯޑިން އިވެންޓްގެ ޗެމްޕިއަންކަން ޒޯހާ އަޒްލީ ހޯދައިފި އެވެ.

އެމްބީބީއޭ އިން ވަނީ މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ފުރަތަމަ ފަހަރަށް ޖޫނިއާ އަންހެން ޑިވިޝަން ހިމަނައިފަ އެވެ. ލީގުގެ ފުރަތަމަ އިވެންޓް، ބުރުނު ޝިކާރުގައި ވަނީ ޖޫނިއާ 10 އަންހެން ބޮޑީބޯޑަރުން  ވާދަކޮށްފަ އެވެ.

އިއްޔެ ބޭއްވި މި އިވެންޓުގެ ޗެމްޕިއަންކަން ޒޯހާ ހޯދީ، ފައިނަލްގައި ޒަހާ ޒައިދުލް ހަލީލާ ވާދަކޮށް، ޖުމްލަ 11.74 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލް ހީޓުގައި ޒޯހާ މުޅި އެކު އަށް ރާޅު ދުއްވާލި އިރު، ތިންވަނަ ރާޅުގައި ހޯދި 6.17 ޕޮއިންޓާއި ހަވަނަ ރާޅުގައި ހޯދި 5.57 ޕޮއިންޓާ އެކު އޭނާ ވަނީ ޖުމްލަ 11.74 ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ ދެ ރާޅަށް ހޯދި ތިން ޕޮއިންޓާއި 3.17 ޕޮއިންޓާ އެކު ޒަހާ ވަނީ ޖުމްލަ 6.17 ޕޮއިންޓް ހޯދައިފަ އެވެ.

ޒޯހާ ވަނީ ސެމީ ފައިނަލް ހީޓުގައި ލަޔާޏް ހުސެއިން ޝަފާޒާ ވާދަކޮށް ޖުމްލަ 6.57 ޕޮއިންޓާ އެކު، 2.23 ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިފަ އެވެ. ސެމީގައި ޒަހާ ވަނީ ފާތިމަތު ލައްޔާހް ޝާހިދާ ވާދަކޮށް ޖުމްލަ 7.30 ޕޮއިންޓު ހޯދި އެވެ. ލައްޔާހް ވަނީ ސެމީގެ ހީޓުގައި ޖުމްލަ ފަސް ޕޮއިންޓް ހޯދައިފަ އެވެ.

ބުރުނު ޝިކާރުގެ ހަތަރު ޑިވިޝަނުގެ ޗެމްޕިއަނުން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ބުރުނު ޝިކާރުގެ ހަތަރު ޑިވިޝަނުގެ ޗެމްޕިއަނުން.-- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އިއްޔެގެ އިވެންޓާ އެކު، މި އަހަރުގެ ގައުމީ ބޮޑީބޯޑީން ލީގުގެ ފުރަތަމަ މުބާރާތް މި ވަނީ ނިމިފަ އެވެ. ބުރުނު ޝިކާރުގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން އުމަރު މޫސާ ދިފާއު ކުރިއިރު، ޖޫނިއާ ފިރިހެން ޗެމްޕިއަންކަން ހޯދާފައި ވަނީ ނޫހް މުހައްމަދު ދުނެއިމް އިރުޝާދެވެ. އަދި ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ހޯދީ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އެވެ.