މިދިޔަ އަހަރުގެ ސީޒަނުގައި ކްލަބް އީގަލްސް ކުޅުނު ފުރަތަމަ މެޗުގެ ކުރިން އެ ޓީމުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނޫސްވެރިން ގާތު ބުނީ އެ މެޗުގައި އޭނާ އާ ކުޅުންތެރިއެއް ތައާރަފްކުރާނެ ކަމަށާއި އެ ކުޅުންތެރިއާ އަކީ އޭނާ ދިވެހި ފުޓްބޯޅަ އަށް ކުރާ ހަދިޔާއެއް ކަމަށެވެ. އެ ކުޅުންތެރިއާ ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ތަފާތު ދެއްކި އެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާ ދެކޮޅަށް ކުޅެން ނެގި ގައުމީ ސްކޮޑުން ވެސް ޖާގަ ހޯދި އެވެ.

ސީޒަން ކުރިއަށްދިޔަ ވަރަކަށް ރިހާމް އަބްދުލްގަނީ (ބޮބީ) ދުވެލި ދިޔައީ ހަލުވިވަމުންނެވެ. އެކަމަކު ކުއްލިއަކަށް ބޮޑު މަޑުޖެހުމެއް އައެވެ. ކްލަބަށް ވުރެ ފުޓްސަލް މުބާރާތްތަކަށް އިސްކަންދިން ދިނުމުގެ ސަބަބުން އޭނާ އަށް ފުރުސަތު ނުދޭން ސާންތީ ނިންމީ އެވެ. އޭނާ ބުނީ ފުޓްބޯޅައިގައި ފުރަތަމަ އަންނާނީ ޑިސިޕްލިން ކަމަށާއި ނަތީޖާ އަކީ ފަހުގެ ކަމެއް ކަމަށެވެ.

އެ ހިސާބުން ބޮބީ ގެއްލުނީ ކަމަށް ބެލެވުނެވެ. އެކަމަކު ކުއްލިގޮތަކަށް ފެނުނީ މި އަހަރު ނިއު ރޭޑިއަންޓުން އޭނާ ގެނައި މަންޒަރެވެ. އެ ޓީމުގައި ހުސް ތިބީ ނަން މަޝްހޫރު ހުނަރުވެރި ކުޅުންތެރިންނެވެ. ޓާގެޓްތައް އެހާ މައްޗެވެ. އެހެންވެ ބޮބީ އަށް ޖެހޭނީ ނިއުގެ ބެންޗު ހޫނުކުރަން ހުންނަން ކަމަށް ލަފާކުރެވުނެވެ. ނިއު އަށް ވެސް އަދި ބޮބީ އަށް ވެސް މާބޮޑު ކަމެއް ހާސިލްކުރެވިދާނެ ކަމަށް ލަފައެއް ނުކުރެވުނެވެ. އެކަމަކު ޕްރީ ސީޒަން ފެށި ހިސާބުން ފެންނަން ފެށީ ތަފާތު މަންޒަރެކެވެ. ބޮބީ އަށް ލިބެން ފެށި ފުރުސަތުތައް ހަގީގީ ފުރުސަތުތަކަށް ބަދަލުވެގެން ދިޔައީ ސީޒަން ފެށިއިރު ވެސް އެ ޖާގަ ނުގެއްލުމުންނެވެ.

މިދިޔަ އަހަރު ފެނުނު މަންޒަރުތަކުން އެއްވެސް ސީރިއަސްކަމެއް ނެތް މި ކުޅުންތެރިއާގެ މި އަހަރު ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ބުނީ ތަފާތަކީ އީގަލްސް ޓީމުން ބޭރުވުމުން ލިބުނު މާޔޫސްކަން ކަމަށާއި އެހިސާބުން ސީރިއަސްވީ ކަމަށެވެ.

"އީގަލްސްގައި ހުރެފައި ފުޓްސަލް ކުޅެން ދިޔައީމާ އޭގެން ބޭރުވީމާ އަސްލު ވަރަށް ދެރަވި،" ބޮބީ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޮބީ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ބޮބީ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ ނިއު އަށް އައިސް އޭނާ ފުރަތަމަ ވެސް ކުރި ކަމަކީ ފުޓްސަލް ކުޅެން ދިއުން ހުއްޓާލައި ޕްރެކްޓިސްތަކަށް ސީރިއަސްވުމެވެ. ނަތީޖާއަކަށްވީ ނިއުގެ މުހިއްމު ކުޅުންތެރިއަކަށްވުމެވެ. އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އެފްސީ އަތުން 3-1 އިން ނިއު މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި އޭނާ އަށް ކޯޗު ޖާގަ ދިން ދިނެވެ. އެ މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނީ "އުމުރުން 21 އަހަރުގައި ބޮބީ މި މެޗުގެ 60 މިނިޓް ވަަންދެން އެ ދެއްކީ ވަރަށް މޮޅު ކުޅުމެއް" ކަމަށެވެ.

އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ގެ ފަހަތުން ސެކަންޑް ފޯވާޑަކަށް އޭނާ އޭއެފްސީ ކަޕުގެ ވަރުގަދަ މެޗުތަކުގައި ކުޅުނެވެ. ފަހުން ސްޕެއިން ފޯވާޑް ގުއިލެމް މާޓީ ފޮނުވާލައި އަލީ ފާސިރު (ސެންޓޭ) ފޯވާޑަކަށް ލައި، ބޮބީ ލައްވައި މެދުތެރެއަށް ކުޅުވަން ފެށި އެވެ. އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން ނިއު ހޯދައި ރޭ އައްޑަނަ އުފުލާލިއިރު، އެ މަސައްކަތުގައި އޭނާގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. އަހުލާގީ މައްސަލައިގައި އޭނާ އޭނާ އަށް އީގަލްސް ޓީމުން ފުރުސަތު ނުދޭނެކަން ސާންތީ އިއުލާންކުރިތާ އަހަރެއްވާއިރު އޭނާ ފެންނަނީ ބަދަލުވެފައިވާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"ނިއު ރޭޑިއަންޓުގައި ރަނގަޅު ކުޅުމެއް ދައްކާ ފުރަތަމަ އެގާރައިގައި ޗާންސް ލިބެން ފެށީމާ ވަރަށް އުފާވޭ. ގިނަގިނައިން މިކަހަލަ ކާމިޔާބީތަކެއް ބޭނުންވަނީ،" ކެރިއަރުގައި ލިބުނު ފުރަތަމަ ސީނިއާ ޗެމްޕިއަންޝިޕުގެ މެޑަލް ކަރުގައި އަޅުވާލައިގެން ހުރެ ބޮބީ ބުންޏެވެ. "އަޅުގަނޑަށް އެގާރައިން ޗާންސް ލިބުމީމާ އެ ޗާންސުގެ ބޭނުން އަދި ހިފަމުން މިދަނީ. އުއްމީދުކުރަނީ މި ޗާންސުގެ ބޭނުން ހިފޭނެކަމަށް."

ބޮބީ ބުނީ އަލަށް މިފަދަ ތަށްޓެއްގައި އަތްލެވުމުން ކުރިން އުއްމީދުނުކުރާ ފަދަ އުފާވެރިކަމެއް ލިބިއްޖެ ކަމަށާއި ނިއުއާ ގުޅުމުގެ ކުރިން މިއީ ހިޔާލަށް ވެސް އައިސްފައިވާ ކަމެއް ނޫން ކަމަށެވެ.

މިދިޔަ އަހަރު އީގަލްސް ކުޅުނު މެޗެއް ބަލަން ބޮބީ (ވ) އާއި އެ ޓީމުގެ މުއްކި ދަނޑުގައި: މިދިޔަ އަހަރުގެ ފަހުބައި އޭނާ ހޭދަކުރަން ޖެހުނީ ކުޅި ބެލުންތެރިއެއްގެ ގޮތުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ އަހަރު އީގަލްސް ކުޅުނު މެޗެއް ބަލަން ބޮބީ (ވ) އާއި އެ ޓީމުގެ މުއްކި ދަނޑުގައި: މިދިޔަ އަހަރުގެ ފަހުބައި އޭނާ ހޭދަކުރަން ޖެހުނީ ކުޅި ބެލުންތެރިއެއްގެ ގޮތުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ މިހިސާބަށް ދަތުރުކުރުމުގައި ނިއުގެ ކޯޗު އޮސްކާ ކުރި އިތުބާރު މުހިއްމު ދައުރެއް އަދާކުރެ އެވެ. އޮސްކާ އަށް އޭނާގެ ހިތް ޝުކުރުން ފުރިފައިވާއިރު، ކުޑައިރުއްސުރެ ކޯޗުކޮށްދީ ފުރަތަމަ ޑިިވިޝަނަށް ނެރެދިން ސާންތީގެ މަތިން ހަނދާން ނައްތައެއްނުލަ އެވެ.

"ސާންތީ ކޯޗު އަސްލު އަޅުގަނޑު ފުޓްބޯޅަ ކެރިއަރުގައި ދަނޑަށް ނެރެދިނީ. ސާންތީ ކޯޗަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެލާނީ،" ބޮބީ ބުންޏެވެ.

ކޯޗުންގެ އިތުރުން ދަނޑުމަތީގައި ބޮބީ އަށް ކުޅުންތެރިން ވެސް ވަރަށް ބޮޑަށް އެހީވެ އެވެ. މަދުން ނަމަވެސް ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން އުޅޭ ވަގުތު އެތަނުން އޭނާ ނެރެ، އޭނާ ލައްވާ ކުޅުމަށް ހުރިހާ ސަމާލުކަމެއް ދިނުމަށް ނިއުގެ ސީނިއާ ކުޅުންތެރިން މަސައްކަތްކުރާ މަންޒަރު ފެނެ އެވެ.

އައިޒޯލް މެޗުގައި ބޮބީ އަރުވައިގެން އޮސްކާ ބޮޑު ރިސްކެއް ނެގިއިރު ވެސް އޭނާ ވަނީ ބޮބީ އަށް އެހީތެރިވެދޭން ކުޅުންތެރިން ގާތު އެދިފަ އެވެ. އޮސްކާ މެޗަށް ފަހު ބުނީ ކުޅުންތެރިން އެކަންކުރި ކަމަށާއި ބޮބީ ވެސް އެކަން ދަންނާނެ ކަމަށެވެ.

"ހުރިހާ އެންމެންގެ ފަރާތުން ހެލްޕް ލިބޭ. ހާއްސަކޮށް ދަގަނޑޭ އާއި ސެންޓޭ އާއި ހަމްޕުގެ ތިން މީހުންގެ ފަރާުތން ހީނުކުރާ ބޮޑު ތަރުހީބެއް ލިބޭ،" އުމުރުން 21 އަހަރުގެ ބޮބީ ބުންޏެވެ.

ނިއުގެ ޒުވާން ކުޅުންތެރިޔާ ބޮބީ އެސްޓީއޯ މާލޭ ލީގުގެ އައްޑަނަ ހިފައިގެން: ހުނަރުވެރި ކުޅުންތެރިއެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ނިއުގެ ޒުވާން ކުޅުންތެރިޔާ ބޮބީ އެސްޓީއޯ މާލޭ ލީގުގެ އައްޑަނަ ހިފައިގެން: ހުނަރުވެރި ކުޅުންތެރިއެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެންމެ ފަހުން ނެގި ގައުމީ ސްކޮޑުގައި ވެސް އޭނާ ހިމެނިފައިވާއިރު ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ޓީމުން ޖާގަ ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ބޮބީ ބުންޏެވެ. ގައުމީ ޓީމާ އެކު ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭން ހިތުގައި އޮތްއިރު، މި އަހަރު ދެން އޮތީ ތިން މުބާރާތް ނިއު އަށް ކާމިޔާބުކޮށްދޭން ކުރެވުނު ހުރިހާ މަސައްކަތެއްކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

ގައުމީ ޓީމާއި ކްލަބްތަކާ އެކު އެފަދަ ކާމިޔާބީތައް ހޯދިދާނެ އެތައް ކުޅުންތެރިންތަކެއް ރާއްޖޭގައި އެބަތިއްބެވެ. އެކަމަކު ފުޓްސަލްގެ ތެރެއަށް ގެއްލެނީ އެވެ. މާ ސީރިއަސް ޕްރެކްޓިސްތަކެއް ނެތި ވެސް ކުޅެލެވި، ފައިސާ ވެސް ލިބޭތީ އެވެ. ބޮބީ އަށް އެ ތަޖުރިބާކުރެވިއްޖެ އެވެ. އެހެންވެ އޭނާ އެދެނީ ޒުވާން ކުޅުންތެރިންގެ ކިބައިން އެދެނީ ވަގުތީ ފައިސާކޮޅަށްޓަކައި ފުޓްސަލަށްދާ ދިއުން ހުއްޓާލާފައި ފުޓްބޯޅައަށް އައުމެވެ.

"ބުނެލަން ބޭނުންވަނީ މީގެންނޭ ކުރިއަށްދެވޭނީ. ވަގުތީ ލާރިކޮޅަކަށްޓަކައި އެ ކުޅެން ނޫޅޭށޭ. މީތި ކުޅެން އުޅޭށޭ މި ކުޅެގެނޭ ރަނގަޅުވާނީ،" ބޮބީ ބުންޏެވެ.