05 ނޮވެމްބަރ 2018 - 11:01
ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ ރަށުގައި ކުރިއަށްގެންދަވާ އަގުބޮޑު ފުޓުބޯޅަ މުބާރާތް "އެއް ލައްކަ ކަޕް" ގެ ފަސް ވަނަ މުބާރާތް އަންނަ ޑިސެމްބަރު 1-15 އަށް ބާއްވަން ނިންމައިފި އެވެ.
މި އަހަރުގެ މުބާރާތާ އެކު، ދާއިރާގެ މެމްބަރުގެ މަގާމަށް 2014 ވަނަ އަހަރު އިންތިހާބުވެވަޑައިގެން ދައުރުގެ ކޮންމެ އަހަރަކު މުބާރާތެއް ބާއްވަން ލަތީފް ވެވަޑައިގެންނެވި ވައުދު ފުއްދޭނެ އެވެ. އެކަން ފާހަގަކުރަން އަންނަ އަހަރު ވަރަށް ހާއްސަ މުބާރާތެއް ބާއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.
"އެއް ލައްކަ ކަޕުގެ ފަސް މުބާރަތް ބޭއްވުމާ އެކު އާ އަހަރު އަޅުގަނޑުމެން މުޅިން އާ މުބާރާތެއް ބާއްވާނަން. މިއަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ހުށަހަޅާ އެ މުބާރާތުގައި އަތޮޅުގެ އެހެން ރަށްރަށުގެ ޓީމުތަކަށް ވެސް ދައުވަތު ދޭނަން،" ލަތީފް ވިދާޅުވި އެވެ.
މީގެ އިތުރުން އަންނަ އަހަރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބަކަށް ދައުވަތު ދީގެން ދިއްދޫ އަށް ގެންގޮސް މެޗުތަކެއް ކުޅެން ވަނީ ރާއްވަވައިފަ އެވެ. ލަތީފްގެ ދައުވަތަށް 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުން ދިއްދޫ އަށާއި އެ އަތޮޅު ބައެއް ރަށަށް ޓުއާއެއް ބޭއްވި އެވެ.
މި އަހަރުގެ އެއް ލައްކަ ކަޕުގެ ބައިވެރިވުމުގެ ފުރުސަތު ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ. މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ޓީވީ މޯލްޑިވްސް އިން ވަގުތުން ދައްކާ ރަސްމިއްޔާތެއްގަ އެވެ. ރަށްރަށުގައި ބާއްވާ އެހެން ގިނަ މުބާރާތްތަކާ ހިލާފަށް މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޗަންދާއެއް ދައްކަން ނުޖެހޭނެ އެވެ. އަދި މުބާރާތުގެ ފަރާތުން ކޮންމެ ޓީމަކަށް ޖާޒީ ބަޔެއް ދޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭތީ މި މުބާރާތް ވެފައިވަނީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް މުބާރާތާށެވެ. މީގެ އިތުރުން މި އަހަރުގެ މުބާރާތަށް ގެންނަން ނިންމާފައިވަނީ ބިދޭސީ ރެފްރީންނެވެ.
މި އަހަރުގެ މުބާރާތް ހާއްސަވާ އަނެއް ސަބަބަކީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ބްލެކްޒީނޯ އިން ތަށި މިލްކުކުރަން ނުކުތުމެވެ. އެކަން ވިޔަނުދިމުމަށްޓަކައި އެހެން ބައެއް ޓީމުތަކުން އަންނަނީ ޓީމު ވަރުގަދަކުރަމުންނެވެ. ރަށުން ބޭރު ތިން ކުޅުންތެރިން ކޮންމެ ޓީމެއްގައި ޖެހޭއިރު މި ފަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ބައެއް ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ފެންނާނެ އެވެ.
ހއ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު އެއް މުބާރާތުގެ މެޗުތައް ބެލުމަށް ކައިރި ރަށްރަށުން ވެސް ދިއްދޫ އަށް މީހުން ދެ އެވެ. ލަތީފް ވިދާޅުވީ މި މުބާރާތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ވަރަށް އަމާން، އޮމާން ކަމާ އެކު އެއްވެސް މައްސަލައެއް ނެތި ކުރިއަށްދާ މުބާރާތެއްގެ ގޮތުގައި ކަމަށާއި ކުރިއަށްދާނީ ވެސް އެގޮތުގައި ކަމަށެވެ.
"މިއީ މުޅި އަތޮޅަށް ވެސް ނަމޫނާ މުބާރާތެއް. އިރާދަކުރެވިއްޔާ އާ އަހަރާ އެކު އަނެއްކާ ވެސް ބާއްވަނީ މުޅިން ތަފާތު ފެންވަރުގެ މުބާރާތެއް،" ލަތީފް ވިދާޅުވި އެވެ.
ލަތީފަކީ 80ގެ އަހަރުތަކުން ފެށިގެން ހއ. ދިއްދޫ ފުޓްބޯޅަ ޓީމު ހިންގައި އެ ރަށުގައި ޒުވާނުންނާ ގުޅޭ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަން ރޭއްވެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެގޮތުން ދިއްދޫ ޓީމަށް ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ގެންގޮސް ލަތީ ވަނީ ކުޅުވައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް 2014 ވަނަ އަހަރު އިންތިހާބުވެ، ލަތީ ވަނީ ދިއްދޫގައި އެއް ވަނަ އަށް 100،000ރ. ލިބޭ ފުޓްބޯޅަ މުބާރާތުގެ އިތުރުން ގުރުއާން މުބާރާތެއް ބާއްވަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިއްލަދޫ
05 November 2018
ދިއްދޫ އަށް އަންނަ ޓާފް ދަނޑާ އެކީ މިފަދަ މުބާރާތް ތަކުގެ ފޯރި ގަދަވެ މުޅި އަތޮޅުގެވެސް ފުޓްބޯޅަ ފޯރި މެކުހައް ޖަހާނެ.
ތުނބުޅި
05 November 2018
ކޮބާ ގުރުއާން މުބާރާތުގެ ނަތީޖާ. ގުރުއާން މުބާރާތް ބޭއްވިފަހުން ނަތީޖާ ފާޅު ނުކޮށް ދެ އަހަރު ވެއްޖެ. ގުރުއާން މުބާރާތުގައި ބައިވެރިވި ކުދިންނަށް ވޯޓު ނުލެވޭތީ އަޅާ ނުލަނީބާ؟
ސަމަދު
05 November 2018
ސާބަހޭ ލަތީ. ދެންއޮތް ދައުރަކަށް ލަތީ ހޮވާނަން. ތިއީ ރަންގަޑެއް ހަމަ
ޕޮކަޑިމޭން
05 November 2018
މިފަދަ ދެއުޅި އެއްނުވާ ޒާތުގެ ކަންކަން ކުރުމަށްވުރެ ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރެއްގެ ހައިސިއްޔަތުން ވޭތުވެދިޔަ 5އަހަރު ރައްޔިތުންނަށް ކޮށްދެވުނީ ކޮންކަމެއްތޯ ބެލިއްޔާ މާތާހިރުވާނެ، މިއީ ކުރިއަށް އޮތް ދައުރަށް މަސައްކަތް ނުކޮށް މުސާރަ ޔަޤީންވާ ވަޒީފާއަށް ވަޑައިގެންނެވުމަށް ޖައްސަވާ ސްޓަންޓެއް. މަޖިލިހަށް ހާޒިރުނުވިޔަސް މުސާރަ އެބަލިބޭ، އަހަރުގެ ބޮޑުބައި ޗުއްޓީގަ، ދިވެހިންނޭ ހޭލާތިބެ ތަންދޮރު ނުދަންނަ ޖާހިލުންނަށް ދެން މަޖިލިހުން ޖާގަ ނުދެމާތޯ