މެރެތަން ޝޮޕުން ދުވުންތެރިންގެ އަތުގައި ހިފައިފި!

އެ ފިހާރައިގެ ބޭރުގައި ހަރުކޮށްފައި އެހެރީ ދުނިޔޭގެ މެރެތަން ރެކޯޑް ހޯލްޑަރު އެލިއޫޑް ކިކޯޖްގެ ޕޯސްޓަރެއް ނޫނެވެ. އަދި އެ ފެންނަނީ ދުނިޔޭގެ މެރެތަން ރެކޯޑް ޓައިމިން އެއް ވެސް ނޫނެވެ. އެއީ މި ކުޑަކުޑަ ދިވެހިރާއްޖޭގެ މެރެތަން ރެކޯޑުގެ ހައްގުވެރިޔާ ޝިފާޒް މުހައްމަދާއި އޭނާ ރާއްޖޭގެ ރެކޯޑް މުގުރާލި ޓައިމިން އެވެ. އެއީ، ދިވެހި އެތުލީޓުންނަށް ހިތްވަރުދޭން "ދި މެރެތަން ޝޮޕު"ން ކުރި ކުޑަކުޑަ ކަމެކެވެ. ހަގީގީ މަސައްކަތަކީ، ރާއްޖެ އަށް ދުވުމުން މެޑެއްޔެއް ހޯދައިދޭން ޝިފާޒް ކުރަމުން އަންނަ މަސައްކަތުގެ އެއްކޮޅުގައި ހިފުމެވެ.


ދުވުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވި އެ ފިހާރައިގެ އިޖްތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ މަތީ ފަންތީގެ އެތުލީޓުންނަށް ޕްރޮފެޝަނަލް ސްޕޮންސާޝިޕް ދިން ނަމަވެސް، އެ ފިހާރައަކީ އާއްމު ދުވުންތެރިންގެ ވެސް ބައިވެރިޔެކެވެ. ލޯގޯ އިން ފެށިގެން ތަނުގެ އެތެރެ ވެސް ދުވާ ޓްރެކެއް ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ ފިހާރައިން، ނުލިބޭނެ ދުވުމާ ގުޅޭ ސާމާނެއް ނެތެވެ. އެމެރިކާގެ އެއް ނަމްބަރު އައުޓްޑޯ ދުވާ ބޫޓް ބްރޭންޑް ކަމަށްވާ "ބްރޫކްސް" ގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރުގެ ގޮތުގައި، އެ ތަނުން އެ ބޫޓު ހެޔޮ އަގުގައި ލިބެ އެވެ. އިސްޓާކީނާއި ޓީޝާޓާއި ސޯޓުން ފެށިގެން "ގޫ-ޖެލް" ފަދަ އެނާޖީ ސަޕްލިމެންޓްތައް ވެސް ލިބެ އެވެ. ކުރިން އޮންލައިންކޮށް ނޫން ގޮތަކަށް ގެނެވެން ނެތް "ގާމެއިން" ގަޑި ވެސް އެހެރީ އަތުޖެހޭ ހިސާބުގަ އެވެ.

"ދި މެރެތަން ޝޮޕް" ގައި އެމެރިކާގެ މަޝްހޫރު "ބްރޫކްސް" ބްރޭންޑުގެ ބޫޓުތައް އަތުރާލާފައި.

ބްރޫކްސްގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ބޫޓާއި ދުވަން ބޭނުންވާ އެހެން ސާމާނު ވެސް މެރެތަން ޝޮޕުން ވިއްކަ އެވެ.

އެ ފިހާރައިގެ ފެށުމަކީ، އެފަދަ ސާމާނު ހޯދަން ފިހާރައިގެ ވެރިޔާ މުހައްމަދު އިބްރާހިމް (އެމްއައި) އަށް ކުރަން ޖެހުނު ތަޖުރިބާއެކެވެ. މިދިޔަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ދުވަން، އޭނާގެ އަންހެނުން މާލޭން ދުވާ ކިޓެއް ހޯދަން އުޅެން ޖެހުނު ހާލެވެ. އެހިސާބުން އެމްއައިގެ ހިތަށްއެރީ އެފަދަ އެތައް ބަޔަކު އުޅޭނެތީ މިއީ ކުރަން ރަނގަޅު ވިޔަފާރިއެއް ކަމަށެވެ. އެކަމަކު ދުވުމަށް އިންތިހާ އަށް ލޯބި ޖެހިފައިވާތީއާ ވެސް އެކު، ވިޔަފާރީގެ ފައިދާއަކަށް ވުރެ ބޮޑަށް ޕެޝަނެއްގެ ގޮތުގަ އެވެ. ފިހާރަ ހުޅުވުމުގެ މަސައްކަތުގެ ތެރޭގައި އޭނާ އަށް އެނގުނީ، ރާއްޖޭގެ މަތީ ފަންތީގެ ދުވުންތެރިން ވެސް ތިބީ އެހީތެރިކަމަށް ބޭނުންވެފައި ކަމެވެ.

"އެއް ދުވަހު ނޫސް ކިޔާލިއިރު ފެނުނީ ޝިފާޒް ކިޔާ ކުއްޖެއްގެ ވާހަކަ. އޭނާ ކެންޔާގައި ޓްރެއިނިން ހަދަން ގޮސް، ކުރިމަގަށް ކުރާ އުއްމީދުތަކާއި ކުރާ މަސައްކަތުގެ ވާހަކަ. އެހިސާބުން ހިތަށްއެރީ އޭނާ އަށް އެހީވާނީއޭ. ވަގުތުން އޭނާ އަށް ގުޅައި ބުނިން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ވާހަކަ،" އެކުވެރިއެއްގެ ފަރާތުން ލިބުނު ފުރުސަތެއްގައި އޭރު ކެންޔާގައި ތަމްރީން ހަދަމުން ދިޔަ ޝިފާޒާ ބެހޭ ގޮތުން އެމްއައި ބުންޏެވެ.

ޝިފާޒް ޕްރާގް މެރެތަން އަށް ފަހު މެޑަލް އަޅުވާލައިގެން.

އޭރު ޝިފާޒް ދިޔައީ ސްޕޮންސަރެއް ހޯދަން ރާއްޖޭގެ ކުންފުނިތަކާ ވާހަކަދައްކަމުންނެވެ. އެކަމަކު އެހީއެއް ދީފާނެ ކަމަށް ހީވި އެތައް ބަޔަކާ ބައްދަލުކުރުމުން ވެސް އެކަށީގެންވާ އެހީއެއް ނުލިބި މާޔޫސްވެފައި ހުއްޓާ ކުއްލިއަކަށް، ނުވެސް ދަންނަ މީހަކު ގުޅާފައި އޭނާގެ ހުރިހާ ހަރަދެއްގައި ހިފަން ބުނުމުން ހައިރާން ވެސް ވި އެވެ.

އޭގެ ފަހުން މަހެއްހާ ދުވަސް ވެސް ނުވެ އެވެ. ޝިފާޒް ހުރީ އެ ފިހާރައިގެ ސްޕޮންސާޝިޕުގެ ދަށުން، ދުބާއީ މެރެތަންގައި ވާދަކުރަން ގޮހެވެ. އަދި އެ މެރެތަންގައި 2 ގަޑި 32:56 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް، އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް މުގުރާލި އެވެ.

"ދި މެރެތަން ޝޮޕް: ރާއްޖޭގައި ދުވުންތެރިންނަށް ހާއްސަކޮށްގެން ހުޅުވި ފުރަތަމަ ފިހާރަ.

"ތެދަށް ބުނަންޏާ އެ މީހުންގެ އެހީއާ ނުލާ ވަރަށް އުނދަގޫވީސް. ހަމައެކަނި މާލީ ގޮތުން އެކަންޏެއް ނޫން. އެ މީހުން އަޅުގަނޑަށް އިތުބާރުކޮށް ބްރޭންޑް އެމްބެސަޑަރަކަށް ހެދުމަކީ، ލިބުނު ވަރަށް ބޮޑު ހިތްވަރެއް ވެސް މެ،" ދުވަން ފެށި ފަހުން ލިބުނު މިފަދަ ފުރަތަމަ ސްޕޮންސާޝިޕާ ބެހޭ ގޮތުން ޝިފާޒް ބުންޏެވެ.

އޭގެ ފަހުން އޭނާ ވަނީ މިދިޔަ މަހު ޗެކް ރިޕަބްލިކުގެ ޕްރާގް މެރެތަންގައި ދުވެ ހާފް މެރެތަން ރެކޯޑް މުގުރާލައިފަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން، ދުނިޔޭގެ އެންމެ ފަސޭހަ އެއް ރޫޓުގައި ދުވެލަން އޭނާ އަށް ފުރުސަތު ދިނީ އެ ސްޕޮންސާޝިޕެވެ. މިހާރު ސަރުކާރާއި އެސޯސިއޭޝަނުގެ އެހީއާ އެކު ކެންޔާގައި ތަމްރީން ހަދަމުން އައި ނަމަވެސް މެރެތަން ޝޮޕުން އެދޭ އެހީއަކީ، އޭނާ އަށް ނުހަނު އަގުހުރި އެއްޗެކެވެ.

މޯޑް ޓީއެފްޖީ ލޯންގް ރަންގައި ދުވަނީ: އޭނާ އަށް ވެސް "ދި މެރެތަން ޝޮޕް" އިން އެހީވޭ.

އެއީ ޝިފާޒްގެ ފަރާތުން ބަދަލަކަށް އެދިގެން ދިން ސްޕޮންސާޝިޕެއް ވެސް ނޫނެވެ. މިއަށް ވުރެ ރަނގަޅު އޮފާއެއް ލިބިއްޖެ ނަމަ ޝިފާޒް އޭގެ ބޭނުން ހިފިޔަސް، އެމްއައިގެ މައްސަލައެއް ނެތެވެ.

މިހާރު މެރެތަން ޝޮޕުން އަންނަނީ އުއްމީދީ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް) އަށް ވެސް އެހީތެރިކަން ދެމުންނެވެ. ދުވަން އެކި ގައުމުތަކަށް ދިއުމުގެ ހަރަދުގެ އިތުރުން މި ސަރަހައްދުގެ ގައުމަކުން އޭނާ ތަމްރީން ހަދާ ނަމަ އެކަމުގެ ހަރަދު ވެސް ދޭން ވަނީ ނިންމައިފަ އެވެ. އެތަނުން ދިން އެހީއާ އެކު ފެބްރުއަރީ މަހު އިންޑިއާގެ ނިއު ދިއްލީ މެރެތަންގައި ދުވެ މޯޑް ވަނީ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ.

އެމްއައި ހުރީ ސީރިއަސްކަމާ އެކު، ދުވުމުން ކުރިއަރަން ބޭނުންވާ އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ. އަދި މިކަމުގެ ތެރެއަށް އަލަށް ވަންނަ ދުވުންތެރިންނަށް ވެސް ވެވުނު ވަރަކުން އެހީވެ އެވެ.

އެތުލީޓުންނަށް ވެދޭ އެހީގެ އިތުރުން ޖުމްލަކޮށް ދުވުމަށް، އެ ފިހާރައިން އެދޭ ހިދުމަތަކީ، ދުޅަހެޔޮ މުޖުތަމައަކަށް މުހިއްމު ހިދުމަތެއް ކަމަށް ޝިފާޒް ވެސް ފާހަގަކުރި އެވެ. ދުވުމަށް އިންތިހާ އަށް ލޯބި ޖެހިފައިވާ އެތައް ބަޔަކު ތިބިއިރު، މަހަކު އެއް ފަހަރަކު ކަހަލަ ގޮތަކަށް ރާއްޖޭގެ ކޮންމެވެސް ހިސާބެއްގައި ރޭހެއް އެބަ ބާއްވަ އެވެ. އެހެން ދުވުންތެރިންނަށް ހާއްސަކޮށްގެން، ހެޔޮ އަގުގައި އެއްޗެހި ގަންނަން ލިބޭނެ ފިހާރައެއް އެމްއައި ހުޅުވުމަކީ، ޝިފާޒް ބުނި ގޮތުގައި، ވިޔަފާރިއަކަށް ވުރެ ހިދުމަތެކެވެ.

"ދި މެރެތަން ޝޮޕް": ރަނިން ކިޓްގެ އިތުރުން އެނާޖީ ސަޕްލިމެންޓްސްތައް ލިބެން ހުރޭ.

"މިއީ ހަމަ ހިދުމަތެއް. އަޅުގަނޑުމެންނަށް ވެސް ގެއްލުން ނުވާ ގޮތަށް، އެކަމަކު ވީހާ ވެސް ކުޑަ އަގެއްގައި ސާމާނު ވިއްކުން ބޭނުމަކީ. ދުވުންތެރިޔަކަށް ނުވަތަ ދުވަން ބޭނުންވާ މީހަކަށް ބޭނުންވާ އެއްވެސް އެއްޗެއް މިތަނުން ނުލިބި ނުދާނެ،" އެމްއައި ބުންޏެވެ.

އޭނާ އަންނަނީ ރާއްޖޭގައި ބާއްވާ ދުވުމުގެ ކޮންމެ ރޭހަކަށް ކަހަލަ ގޮތަކަށް ކޮންމެވެސް ސިފައެއްގައި ސްޕޮންސާޝިޕް ދެމުންނެވެ. ރޭހެއް ބާއްވާ ބަޔަކު އެމްއައި އަށް ގުޅުމުގެ ކުރިން އޭނާ އެ ބަޔަކަށް ގުޅައި ބޭނުންވަނީ ކޮން ކަހަލަ އެހީއެއްތޯ ބަލަ އެވެ. އޭނާ ބޭނުންވަނީ މަތީ ފަންތީގެ ދުވުންތެރިން އިން ފެށިގެން އާއްމު ދުވުންތެރިންނާއި އަދި މުޅި މުޖުތަމައުއާ ވީހާ ވެސް ގާތުން މަސައްކަތްކޮށް އެހީތެރިވުމެވެ.

"ދި މެރެތަން ޝޮޕް": މިތަން ޑިޒައިންކޮށްފައިވަނީ ދުވާ ޓްރެކެއްގެ ގޮތުގައި.

"ވަރަށް ޕޮޒިޓިވް ކޮމެންޓް އެންމެންގެ ފަރާތުން ވެސް ލިބެނީ. މި މަސައްކަތް ބަލައިގަނޭ އެންމެން ވެސް. މިތަނުން ވިއްކާ އަގުތައް ވެސް ހެޔޮއޭ އެންމެން ވެސް ބުނަނީ،" އެމްއައި ބުންޏެވެ.

"ދި މެރެތަން ޝޮޕް" އާ ގުޅުވައިގެން އޭނާ އަޑުއަހަން ބޭނުންވަނީ ދުވުމުން އެންމެން ހިތްހަމަޖެހުން ހޯދުމާއި ދުވުންތެރިން ކުރިއަރައިގެން ދާ ވާހަކަ އެވެ. ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު އެ ފިހާރައިގެ ބޭރުގައި، ދިވެހި އެތުލީޓަކު މެޑަލް އަޅުވައިގެން ހުރި ފޮޓޯއެއް ހަރުކޮށްލަން ފުރުސަތު ލިބިއްޖެއްޔާ މަގުސަދު އެމްއައިގެ ވަރަށް ބޮޑު މަގުސަދެއް ހާސިލްވީ އެވެ.