ކުޅިވަރު / ނިއުރޭޑިއަންޓް ސ.ކ

ކަވަޒޮވިޗް ސަސްޕެންޝަނުގައި، ސުވާލުތަކެއް!

ކަވަޒޮވިޗް މިދިޔަ ސީޒަނުގެ މެޗެއްގައި ކޯޗުކޮށްދެނީ. --ފޮޓޯ: ނިއު ރޭޑިއަންޓް

14 ސެޕްޓެމްބަރ 2016 - 08:06

ނިއު ރޭޑިއަންޓަށް ގެނެސްފައިވާ ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗަށް އެ ޓީމުގެ ބެންޗަށް ގޮސް އިރުޝާދު ދެވިދާނެ ކަމާ މެދު ސުވާލުތައް އުފެއްދިއްޖެ އެވެ.

އެފްއޭއެމުން ބުނީ، މިދިޔަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫއާ ދެކޮޅަށް ނިއު ކުޅުނު މެޗަށް ފަހު ރެފްރީ އާއި އެފްއޭއެމް އަށް ފާޑުކިޔުމުން އޭނާ އެއް އަހަރަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކުރިކަން އެފްއޭއެމުން ނިއު އަށް އަދި ކަވަޒޮވިޗަށް ވެސް ލިޔުމުން އަންގާފައެއް ނުވެ އެވެ. އަދި އެކަން މީޑިއާއާ ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭއިރު، ކަވަޒޮވިޗް އަދާކުރާނެ ޒިންމާއެއް އަދި ނޭގެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ސަސްޕެންޝަނުގައި ހުރި ނަމަވެސް ޕްރެކްޓިސް ކުރިއަށް ގެންގޮސް ޓީމަށް އިރުޝާދު ދޭން ކަވަޒޮވިޗް ހުރީ ތައްޔާރަށެވެ. މީގެ ހަފުތާއެއް ކުރިން މާލެ އައިސް އޭނާ އަންނަނީ ނިއުގެ ޕްރެކްޓިހަށް ނުކުމެ ޓީމު ތައްޔާރުކުރަމުންނެވެ.

ނިއު އިން ސީޒަނުގެ މެދުތެރެއިން ކަވަޒޮވިޗް ގެނައީ، ނަތީޖާ ދަށްވުމާ ގުޅިގެން ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މިދިޔަ މަހު މަގާމުން ވަކިކުރުމަށް ފަހު އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނިއު އަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ކެޕްޓަން އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ލީގުގެ ފަހު ބުރުގެ ހަ މެޗު ބާކީ އޮތް އިރު ނިއު އޮތީ 16 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ. ސީޒަނުގައި ދެން އޮތީ އެފްއޭ ކަޕާއި ގައުމީ މުބާރާތެވެ.

ކުރިން ސްރީލަންކާ އާއި ތަޖިކިސްތާނަށް ކޯޗުކޮށްދިން ކަވަޒޮވިޗް ނިއު އިން މިދިޔަ ސީޒަނުގައި ގެނައީ ގައުމީ މުބާރާތުގެ ފައިނަލުން މާޒިޔާ އަތުން ބަލިވުމުން ކޯޗުކަމުން ސޮބާހް މުހައްމަދު ވަކިކުރުމަށް ފަހު އެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗާ ހަމައިން ނިއުއާ ހަވާލުވެ އޭނާ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ވިކްޓަރީން ވެސް ކޯޗުކަމުން މުހައްމަދު ނަޒީހު ވަކިކުރުމަށް ފަހު ކަވަޒޮވިޗް ގެންނަން ދާދި ފަހުން ނިންމި އެވެ. އެކަމަކު ސަސްޕެންޝަނެއްގައި ހުރުމުން އޭނާ ނުގެނެސް، ވިކްޓަރީން ގެނައީ ވެލެންސިއާގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސް އެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 9%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454