ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވީޓީވީގެ ކުޅިވަރު ނޫސްވެރިޔާ ހުސެއިން ފަރިޔާޒަށް ދިވެހި ސަރުކާރުން ރޭ ދީފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ފަރިޔާޒަށް އިނާމް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކުރީގެ މަޝްހޫރު ދުވަހު ނޫސް "އާފަތިސް" ގެ ލޯކަލް ސްޕޯޓްސް ނިއުސް ރިޕޯޓަރެއްގެ ގޮތުން މީގެ 14 އަހަރު ކުރިން ނޫސްވެރިކަން ފެށި ފަރިޔާޒް ވަނީ އެ ނޫހުގެ އެސިސްޓެންޓް އެޑިޓަރުކަމާއި ސްޕޯޓްސް އެޑިޓަރުކަމާއި ސްޕޯޓްސް އެވޯޑުގެ ހެޑުގެ މަގާމް އަދާކޮށްފަ އެވެ.
ޕްރިންޓް މީޑިއާ އަށް ފަރިޔާޒް ދެން ގުޅުނީ ބްރޯޑްކާސްޓިން މީޑިއާއާ އެވެ. އެގޮތުން 2009 ވަނަ އަހަރު އެސިސްޓަންޓް ވީޑިއޯ ޖާނަލިސްޓެއްގެ ގޮތުގައި ވީޓީވާ ގުޅި ކުޅިވަރު ހަބަރު ހެދުމާއި ވީޑިއޯ އެޑިޓްކުރުމާއި އަދި ކުޅިވަރަށް ހާއްސަ ހަބަރު ބުލެޓިންއެއް ގެނެސްދޭން ފެށި އެވެ.
އޭގެ ފަހުން 2013 ވަނަ އަހަރު ރާއްޖެ ޓީވީ އަށް ފަރިޔާޒް ބަދަލުވި އެވެ. އެތަނުގެ އެސިސްޓެންޓް ނިއުސް ޑިރެކްޓަރެއްގެ ގޮތުގައި ހެޑް އޮފް ސްޕޯޓްސްގެ ޒިންމާ ނަގަމުން ދިޔަ އެވެ. ކަރަންޓް އެފެއާޒް ހަބަރުތައް ގެނެސްދިނުމުގައި މަޝްހޫރު ޓީވީއެއް ނަމަވެސް ފަރިޔާޒްގެ މަސައްކަތުން ރާއްޖެ ޓީވީގެ ސްޕޯޓްސް ބައި ވަރުގަދަކުރި އެވެ. އެގޮތުން އޭނާގެ އިސްނެގުމުގެ މަތުން ރާއްޖެ ޓީވީގައި ކުޅިވަރަށް ހާއްސަ ހަބަރު ބުލެޓިންއެއް ގެނެސްދީ މާލެ އާއި އަތޮޅު ތެރޭގައި ކުރިޔަށްގެންދާ ކުޅިވަރު މެޗުތައް ލައިވްކޮށް ގެނެސްދޭން ފެށި އެވެ.
އޭނާ 2017 ވަނަ އަހަރު އަލުން ވީޓީވީއާ ގުޅުނީ އެ ސްޓޭޝަންގެ ސްޕޯޓްސް އެންޑް އިވެންޓްސް މެނޭޖަރެއްގެ ގޮތުގަ އެވެ. އަދި ޕްރޮގްރާމް އުފައްދައި ހުށަހެޅުމުގެ އިތުރުން ވީ ސްޕޯޓްސްގެ ނަމުގައި ހާއްސަ ބުލެޓިންއެއް ގެނެސްދޭން ފެށި އެވެ އަދި ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ދިރާގު ދިވެހި ލީގާއި ރިޒޯޓް ފުޓްސަލް ލީގު އަދި ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑް "މިހާރު ސްޕޯޓްސް އެވޯޑް"ގެ މީޑިއާ ޕާޓްނަރަކަށް ވީޓީވީ ވުމުގައި ފަރިޔާޒްގެ ދައުރު ބޮޑެވެ.
ފުޓްބޯޅައާއި އެހެން ކުޅިވަރުތަކުގެ ލައިވް ކޮމެންޓްރީ ދިނުމުގައި ވެސް ފަހަކަށް އައިސް ފަރިޔާޒް ފާހަގަކުރެވެ އެވެ. އަދި އޭނާ ވަނީ ރާއްޖޭން ބޭރުގެ ވަރަށް ގިނަ މުބާރާތްތައް ކަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހިމެނެ އެވެ.
ރާއްޖޭގެ ކުޅިވަރު ނޫސްވެރިންގެ ތެރެއިން މީގެ ކުރިން ހަވީރު ނޫހުގެ މުހައްމަދު ޝަހީބާއި މޫސާ ލަތީފާއި އިމާދު ލަތީފާއި ޕީއެސްއެމްގެ ހަފްސީ އަބްދުﷲ އަދި އަބްދުﷲ އަޒްމީން ވަނީ ގައުމީ އިނާމް ހާސިލްކޮށްފަ އެވެ.