މިނިސްޓަރު މަހުލޫފު ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކާލަނީ.
04 މެއި 2020 - 16:03
ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެއީ އެލަވަންސެއް ކަމަށާއި، އެ ފައިސާ މިވަގުތު ނުދެވެނީ ޕްރެކްޓިސްތައް ނޯންނާތީ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރި، ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައިވާތީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ސަރުކާރުން ދޭ ފައިސާ ނުލިބޭތީ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއްގެ ގޮތުގައި ހުރިހާ ކުޅިވަރު ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ތަފާތު ކުރުމެއްނެތި ފައިސާ ދެމުން އައި ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށް ވިދާޅުވި އެވެ.
"މިއީ މުސާރައެއް ނޫން. މިއީ އެލަވަންސެއް. މުސާރަ އަކީ ދާއިމަށް ދެވޭ އެއްޗެއް. އެލަވަންސެއް އަޅުގަނޑުމެން މިދެނީ. ނެޝަނަލް ވޮލީ ޓީމުގައި މިހާރު ހުރި ކުއްޖެއް މި އަންނަ މަސް އަންނައިރު ބަދަލު ވެސް ވެދާނެ. މި ޑިޕެންޑްވެފައި މި އޮންނަނީ އެ މީހުން (ކުޅުންތެރިން) ކުރާ ޕްރެކްޓިސްތަކާއި މަސައްކަތްތަކަށް. މިކަން (އެލަވަންސް ލިބޭގޮތް) ކުޅުންތެރިންނާއި އެސޯސިއޭޝަންތަކަށް ވަރަށް ރަނގަޅަށް ސާފުވެފައި އޮންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ދިމާވެގެން މި އުޅެނީ މުޅިން އާ ކަމެއް ކަމަށާއި އެލަވަންސް ނުލިބިގެން މި އުޅެނީ މިހާރު ޕްރެކްޓިސް ނުކުރާތީ ކަމަށެވެ.
"އަޅުގަނޑުމެން މި ކަމުން އަރައިގަނެފައި. އަޅުގަނޑުމެން އެސޯސިއޭޝަންތަކާ މަޝްވަރާކޮށްފައި މިއަށް ހެދެން އޮތް ގޮތެއް ހަދާނީ،" މަހުލޫފް ވިދާޅުވި އެވެ.
މި ހާލަތަށް ބަލާއިރު އެލަވަންސް ކަންތައްތަކުގައި އެދިފައިވަނީ ތިން ކުޅިވަރު އެސޯސިއޭޝަނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީ މެދުވެރިކޮށް ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ކޯޗުންނަށް ވެސް ވަކި އެލަވަންސެއް ދެ އެވެ. އެއީ ކޯޗަކަށް މަހަކަށް 15000 ރުފިޔާ އެވެ. އެ ފައިސާ ކުއާޓަރުތަކަށް ބަހާލައިގެން ދެނީ ކްލަބަށެވެ. އެ ފައިސާ ކްލަބަށް ދޭ ގޮތަށް އޮންނަނީ ކްލަބުން ހުށަހެޅުމުންނެވެ. މި ފައިސާ ކޯޗުންނަށް ގަވާއިދުން ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އިވެ އެވެ.
"ހަގީގަތުގައި އަޅުގަނޑުމެންނާ ކޯޗަކާ މި ކަމުގައި ޑީލްކުރާކަށް ނުވެސް ޖެހޭނެ ދެއްތޯ. އަޅުގަނޑުމެންނާ ޑީލްކުރާނީ ކްލަބުން. އަޅުގަނޑުމެން ކްލަބަށް ފައިސާ ދިނަސް ނުދިނަސް ކްލަބާ ކޯޗު ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓާ އެއްގޮތަށް މުސާރަދިނުމުގެ ޒިންމާ އޮންނާނީ ކްލަބަށް. އަޅުގަނޑުމެން ކޯޗުންނަށް ދޭ އެލަވެންސެއް އޮންނާނެ. އެ ފައިސާ މިކަން ހަމަޖެހުނުހާ އަވަހަކަށް ހަމަޖައްސައިދޭނަން. ދެން މި ވަގުތަށް ބަލާއިރު ފުޓްބޯޅަ ލީގު ވެސް މި އޮތީ ހުއްޓިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މި ވަގުތު ވަކި ކަންތައްތަކެއް ކުރަން ބޭނުންވި ނަމަވެސް ކުރެވޭނެ ފަދަ ހާލަތެއް ނެތް ކަމަށާއި އެންމެން އެކުގައި މަސައްކަތްކުރަނީ މިހާރު އޮތް ކޮވިޑް-19 ގެ ކަންތައްތަކުން އަރައިގަތުމަށް ކަމަށެވެ. އެ ގޮތުން ކޯޗުންނަށް ދޭ މުސާރަ ކަންތައްތަކުގައި ވެސް މިކަމުން ސަލާމަތްވެވުނުހާ އަވަހަކަށް މަސައްކަތްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ކުޅިވަރުން އާމްދަނީ ހޯދައިގެން އުޅޭ ގިނަ ބަޔަކަށް މި ވަގުތު ވަނީ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ހާއްސަކޮށް ފުޅާދާއިރާއެއްގައި ކުޅިވަރު އެކެޑަމީތައް ހިންގާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެކަޑަމީތަކުގެ ކޯޗުންނާ އެހެން ފަރާތްތަކަށް މި ވަގުތު އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން މިކަމުގައި ސަރުކާރުގެ އެހީއަށް އެދި އަންނަނީ ގޮވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ދަނޑިވަޅުގައި ކޮންމެ ފަރާތަކަށް ވެސް އެހީތެރިކަން މުހިއްމުވާނެ ކަމަށާއި އެކަމަކު މި ވަގުތު އެންމެ ބޮޑު ވިސްނުމަކީ ދިމާވެފައި މި އޮތް ހާލަތުން އަރައިގަތުން ކަމަށާއި އެކަން ކުރެވުނުހާ އަވަހަކަށް ދެން ހުރި ދަތިތަކަށް ހައްލެއް ހޯދުމަށް މިނިސްޓްރީން ކުރެވެން ހުރި މަސައްކަތްތަކެއް ފޯރުކޮށްދޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންމަނި
07 May 2020
ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަވާނީ މިހެން .... މީ ފަޤީރު ގައު މެކޭ ސަވައި ކިރިޔާވެސް ވެވެނީ އާބާދީ ކުޑަވީ މަ
އައްލޯ އާމިރު
05 May 2020
ބާސްކެޓް ގަ ގެން ގުޅޭ ލަންކާ ސުޕުން ތިންމަގާމެއްގަ ގެން ގުޅޭ މީހެއް ބާސްކެޓް ބޯލް އެސޯސިއޭސަނުން ، ގައުމީ ކޯޗް ، ޓެކްނިކަލް އެޑްވައޒަރ އަދި ޓްރެއިނާރ
ބޯގަންވިލާ
05 May 2020
މިހާލަތު ދޭކައް ނުޖެހޭން ، ބޭކާރު ލާރި ތަކެއް ތިޔަ ހުސްކުރަނީ ކުޅިވަރޭ ކިޠާފަ
އާރީ
04 May 2020
ލޮކުޑައުންގަ ފްރެކުޓިސް ނުކުރެވުން އެއީ ކުޅުންތެރިންގެ މަންސަލަތަ