ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ދަތިކަމާއި ދުނިޔެ އޮތް ހާލަތަށް ބަލާއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ހަނިވެއްޖެ ކަމަށާއި އެކަމަކު އެ ފުރުސަތު ދޫކޮށްލަން ޖެހުނަސް، ރާއްޖޭގެ އެތުލީޓުންނަށް ވަސީލަތްތައް ތަރައްގީކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ މެދުގައި ބާއްވާ މި ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖޭން މިދިޔަ އަހަރު ހޯދީ އޮލިމްޕިކް ކޮމިޓީ އާއި ސަރުކާރުން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެންނެވެ.

މިއީ ބައިވެރިވާ އެތުލީޓުންގެ އަދަދާއި ހިމެނޭ ކުޅިވަރުތަކާއި ގާއިމްކުރަން ޖެހޭ ވަސީލަތްތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ގޭމްސްގައި ހަތް ގައުމަކުން ދެހާހަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެ އެވެ. އެންމެންގެ ލޮޖިސްޓިކްސް މެނޭޖްކުރުމާއި ބޭއްވުމުގެ ހަރަދުގެ އިތުރުން ވަސީލަތްތައް ގާއިމްކުރަން ބޮޑު ހަރަދަކާއި މަސައްކަތެއް ރާއްޖޭން ކުރަން ޖެހޭނެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު "ފައިލް ޕްރޮގްރާމް" ގައި ނޫސްވެރިޔާ ހުސެއިން ފަރިޔާޒަށް ދެއްވި އިންޓަވިއުއެއްގައި މަހުލޫފު ވިދާޅުވީ ރާއްޖެއާ އެހެން ގައުމުތަކުގެ ތަފާތަކީ އެ ގައުމުތަކުގައި ވަސީލަތްތައް ހުރުމާއި މީގެ ކުރިން އެފަދަ ގޭމްސްތައް ހޯސްޓްކޮށްފައިވުން ކަމަށެވެ. އެހެންވެ ރާއްޖެ އަށް ގޭމްސް ރޭވުމުގެ އިތުރުން ވަސީލަތްތައް ގާއިމްކުރުމުގެ ގޮންޖެހުން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ކުޑަކުޑަކޮށް މިހެން ހިސާބެއް ޖަހާލައި އިރުގައި ވެސް 50 މީހުންގެ ފަންސާހަކަށް ބަސް ބޭނުންވޭ ހަމައެކަނި އޯޕަނިން ސެރަމަނީ އާއި ކްލޯސިން ސެރަމަނީ އަށް އެ އަންނަހާ ހުރިހާ އެތުލީޓުން ގެންގޮސް ގެންދަން،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޭމްސް އަށް ޖުމްލަ 3500 އެއްހާ މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިއީ އެއްވެސް ކަމެއްގައި މިހާތަނަށް އެއް ފަހަރާ ރާއްޖެ އައި އަދަދަކަށް ނޫން ކަމަށެވެ. އެހެންވެ ވިސްނުމުގައި ހުރީ ވެސް ބޭރުން މިކަމުގެ ތަޖުރިބާކާރު ކޮންސަލްޓަންޓަކު ގެނެސް އެ މީހެއްގެ ލަފައާއި މަޝްވަރާގެ މަތިން ކުރިއަށް ދިއުން ކަމަށެވެ.

އެހެންވިޔަސް އަންނަ އަހަރު ފެށި ކިރިޔާ ވެސް ހާލަތު ބަދަލުވާއިރު، ގޭމްސްއާ ދެމެދު އޮންނާނީ ދެ އަހަރުގެ ދުރުމިން ކަމަށާއި އެހާ ކުރު މުއްދަތެއްގައި ތެރޭގައި މިކަން ކުރެވޭނެތީ މިއީ އޭނާ އާއި އެސޯސިއޭޝަންގެ އިސްވެރިންގެ ހިތުގައި ވެސް އޮތް ސުވާލެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނެތޯ އާއި ކުރަންވީތޯ މިއީ ދެކެވެމުން އަންނަ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން މިހާރު ރައީސް އުފައްދަވާފައި އޮންނާނެ މިނިސްޓްރިއަލް ކޮމިޓީއެއް. އެ ކޮމިޓީގެ ބައްދަލުވުން ދެން މާ ލަސްނުހެ އޮންނާނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ. އެ ބައްދަލުވުމުގައި މިއާ ބެހޭގޮތުން މަޝްވަރާކޮށްފައި ދެން މީގައި ކުރިއަށް އަޅުގަނޑު ހީވަނީ ދާން ގޮތެއް ނިންމޭނީ،" މަހުލޫފު ވިދާޅުވި އެވެ.

މިވަގުތު ރާއްޖެ އޮތް ހާލަތަށް ބަލާއިރު މިވަރުގެ ބޮޑު ހަރަދެއްކޮށްގެން ރާއްޖޭގައި ގޭމްސް ބޭއްވުން މުހިއްމުތޯ ނޫސްވެރިޔާ ފަރިޔާޒް ސުވާލުކުރުމުން މަހުލޫފު ވިދާޅުވީ ވަޒީރުގެ ހައިސިއްޔަތުން އެކަން ކުރަން ބޭނުންވާ ކަމަށާއި އެކަމަކު ހާލަތާ ގުޅިގެން ވަޒީފާ ގެއްލުނު މީހުން، ވަޒީފާ ނުލިބޭހާ ހިނދަކު ނެގެޓިވްކޮށް އެކަންކަން ނަގައިފާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުގެ ޒިންމާއަކީ ކުޅިވަރު ކުރިއަރުވައި ތަރައްގީކުރުން ކަމަވަށްވާއިރު އަޅުގަނޑު ޕްރޮމޯޓްކުރަން ބޭނުންވާނީ އެގޮތަށް އެކަން ދެއްތޯ؟ އެހެންވީމާ އަޅުގަނޑުގެ އުއްމީދަކީ ވެސް ހުވަފެނަކީ އަދިވެސް އެކަން ވެގެންދިއުން. އެކަމަކު މިކަން މިހާރު މިއޮތް ހިސާބުން، ފުރުސަތު ހަނިވެލައިފީއޭ. އަޅުގަނޑުމެން ގައިމު ވެސް ކުރަންޖެހޭ މަސައްކަތް ދެގަނަ ވެގެންދާ ވަރަށް މިއޮތީ ކަންކަންވެފައި،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ގޯސް ހާލަތުގައި ގޭމްސް ކެންސަލްކުރަން ޖެހުނަސް، ރާއްޖޭގެ އެތުލީޓުންނަށް ރަނގަޅު ވަސީލަތްތަކެއް ގާއިމްކުރުމުގެ މަސައްކަތްކުރުމަށް ހިތުގައި އެބައޮތް ކަމަށާއި އެކަން ހަމަޖެހިލައިގެން ކުރެވިދާނެ ކަމަށެވެ. ރާއްޖޭގައި ގޭމްސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވެސް ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމެވެ.