ފިރިހެން އޯޕަން ޑިވިޝަން ކާމިޔާބުކުރި ޑެންޒޯ (ކ) އަދި ކޯކޭ (ވ).-- ފޮޓޯ: އަމްބާރާ ގުރޫޕް/ ފޭސްބުކް
04 ނޮވެމްބަރ 2021 - 06:58
ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން އޯޕަން ޑިވިޝަން މި އަހަރު ވެސް އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ ކާމިޔާބު ކޮށްފި އެވެ.
ހުޅުމާލޭ ރެޑްބުލް ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ކޯކޭ އާއި ޑެންޒޯގެ ޕެއާ މޮޅުވީ، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާއާ ވާދަކޮށް ދެ ސެޓު އެއް ސެޓުން ކާމިޔާބު ހޯދައިގެންނެވެ. ފުރަތަމަ ސެޓް 21-18 އިން ކުޑަކާއްޓޭ އާއި އައްކަޅޭގެ ޕެއާ ގެންދިޔަ ނަމަވެސް ފަހު ދެ ސެޓް ކޯކޭ އާއި ޑެންޒޯ ކާމިޔާބުކުރީ 21-18 އަދި 15-9 އަކުންނެވެ.
ކޯކޭ އާއި ޑެންޒޯ ވަނީ ދެވަނަ ސެމީގައި ސީދާ ދެ ސެޓުން އަދްނާން އަބްދުލް ހަމީދާއި އަލީ ޝިމާލްގެ ޕެއާ ބަލިކޮށްފަ އެވެ. ފައިނަލުގެ ޖާގަ ޔަގީންކުރީ ތިންވަނަ ސެމީގައި، ފުރަތަމަ ސެމީން ބަލިވި އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)ގެ ޕެއާ ވެސް ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ.
ކޮވިޑުގެ ސަބަބުން އެއް އަހަރުގެ މެދު ކެނޑުމަކަށް ފަހު، މި އަހަރު ބޭއްވި ގައުމީ މުބާރާތުގެ ފިރިހެން އޯޕަން ޑިވިޝަނުގައި އަށް ޓީމު ވާދަކުރި އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ގައުމީ މުބާރާތް ވެސް ކާމިޔާބުކުރީ ކޯކޭ އާއި ޑެންޒޯގެ ޕެއާ އެވެ.
މި އަހަރު އަލަށް ފެށި 23 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ފައިނަލް ވެސް ރޭ ކުޅުނެވެ.
މި މުބާރާތުގައި 23 އަހަރުން ދަށުގައި ވެސް އަށް ޓީމު ބައިވެރިވިއިރު، މި ބައިގެ ފައިނަލުގައި ވާދަކުރީ އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއާ އަދި މުހައްމަދު އަމާން އަސްލަމާއި ހަސަން ސަމީހުގެ ޕެއާ އެވެ. ސީދާ ދެ ސެޓުން އަމާން އާއި ސަމީހުގެ ޕެއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ނާފިއު އާއި ޝާމިލްގެ ޕެއާ އެވެ. ފުރަތަމަ ސެޓް 21-8 އިން ކާމިޔާބު ކުރިއިރު ދެވަނަ ސެޓް ގެންދިޔައީ 21-10 އިންނެވެ.
މި ދެ ޕެއާ ވެސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސް
04 November 2021
އައްޗަޅޭ ތޮއްޓޢ ޕަންކޭ އިސްޓައިލްގެ ޗަހަރެ ފަންވަތު ނަންތަކެއް!
އައިސްގެ ފިރިމީހާގެ އަންހެނުން
04 November 2021
މަންކޭ ބަންކޭ ހަންޖަރޭ ކޯކޭ ރެޑްބުލޭ ބިޔަރޭ ދުމައްޓޭ ސަންދޯކޭ ކޮންފަދަ ބޮޑު މުސީބަތެއް މިއީ.