ސައޮ ޕޯލޯ (ސެޕްޓެމްބަރު 1) - ޖަލުގައި ހުރި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުން އެ ގައުމުގެ އިލެކްޓޯރަލް ކޯޓުން މަނާކޮށްފި އެވެ.

އޮކްޓޯބަރު މަހު އޮންނަ އިންތިޚާބުގައި ލޫލާ އަށް ވާދަނުކުރެވޭނެ ކަމަށް ވަނީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރޭން ހަ ފަނޑިޔާރުން ނިންމައިފަ އެވެ. ސަބަބަކީ އޭނާ މިހާރު ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދާތީ އެވެ.

އުމުރުން 72 އަހަރުގެ ކުރީގެ ރައީސްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ބްރެޒިލްގެ ވޯކާސް ޕާޓީގެ ކޮންގްރެސްގައި މިދިޔަ މަހު ކުރީކޮޅު ވަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓަކަށް ލޫލާ ހަމަޖައްސައިފަ އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކުރީގައި އުޅުއްވަނީ ލޫލާ. --ފޮޓޯ:ރޮއިޓާސް
ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކުރީގައި އުޅުއްވަނީ ލޫލާ. --ފޮޓޯ:ރޮއިޓާސް

ލޫލާގެ ވަކީލުން ބުނީ އިލެކްޓޯރަލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ. ލޫލާ ގެންދަވަނީ އޭނާ އެއްވެސް ރިޝްވަތެއް ނުނަންގަވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައި ވަނީ އިންތިޚާބުގައި ވާދަކޮށްފާނެތީ ކަމަށް ވިދާޅުވަމުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ކެންޑިޑޭޓުންގެ ތެރޭގައި ލޫލާ ހިމެނެ އެވެ.