ކޫރިބާ (ސެޕްޓެމްބަރު 4) - ބްރެޒިލްގެ ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ އަށް އަންނަ މަހު ބްރެޒިލްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ގައުމުގެ އިލެކްޓޯރަލް ކޯޓުން ނިންމި މައްސަލަ އދ. އަށް ހުށަހަޅަން ނިންމައިފި އެވެ.

ލޫލާ އަށް ވާދަނުކުރެވޭ ހާލަތެއްގައި އިންތިޚާބަށް ނުކުންނާނެ ކެންޑިޑޭޓް ފެނާންޑޯ ހައްދާދު އިއްޔެ ވަނީ ލޫލާ ހުންނެވި ޖަލަށް ވަޑައިގެން، ލޫލާއާ ބައްދަލު ކުރައްވައިފަ އެވެ. އިންތިޚާބުގައި ލޫލާ އަށް ވާދަކުރެވޭނެ ކިރިޔާ ވެސް ގޮތެއް އޮތްތޯ ބަލަން ސުޕްރީމް ކޯޓަށާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ އަށް ވާދަނުކުރެވިއްޖެ ނަމަ އޭނާގެ ބަދަލުގައި އިންތިޚާބަށް ނުކުނާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ހައްދާދު. --ފޮޓޯ:އޭއެފްޕީ
ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ އަށް ވާދަނުކުރެވިއްޖެ ނަމަ އޭނާގެ ބަދަލުގައި އިންތިޚާބަށް ނުކުނާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް ހައްދާދު. --ފޮޓޯ:އޭއެފްޕީ

އިލެކްޓޯރަލް ކޯޓުން ބުނެފައި ވަނީ ލޫލާ އަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހުކުމް ކުރީ އޭނާ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދާތީ ކަމަށެވެ. ކޮރަޕްޝަނުގެ ކުށުގައި ލޫލާ މިހާރު ހުރީ 12 އަހަރަށް ޖަލަށް ލައިފަ އެވެ.

އިލެކްޓޯރަލް ކޯޓުން މިހާރު ވަނީ މި މަހު 12 ގެ ކުރިން އެ ޕާޓީން އެހެން ކެންޑިޑޭޓަކު ހަމަޖެއްސުމަށް އަންގައިފަ އެވެ. ލޫލާގެ ބަދަލުގައި ހަމަޖައްސާފައިވާ ކެންޑިޑޭޓަކީ ހައްދާދެވެ.

ލޫލާގެ ވަކީލުން ބުނީ އިލެކްޓޯރަލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ. ލޫލާ ގެންދަވަނީ އޭނާ އެއްވެސް ރިޝްވަތެއް ނުނަންގަވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައި ވަނީ އިންތިޚާބުގައި ވާދަކޮށްފާނެތީ ކަމަށް ވިދާޅުވަމުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ އެންމެ އުއްމީދީ ކެންޑިޑޭޓުންގެ ތެރޭގައި ލޫލާ ހިމެނެ އެވެ.