ސައޮ ޕޯލޯ( ސެޕްޓެމްބަރު 12) - ބްރެޒިލްގެ ޖަލުގައި މިހާރު ހުންނެވި އުއްމީދީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ރިޔާސީ ރޭހުން މިއަދު ވަކިވެވަޑައިގެންފި އެވެ.
ބާރަ އަހަރުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ލޫލާގެ ސިޓީއެއް ވޯކާސް ޕާޓީގެ ލީޑަރު ގްލެއިސީ ހޮފްމަން އިއްވަވަމުން ވިދާޅުވީ ލޫލާގެ ބަދަލުގައި އެ ޕާޓީގެ ފަރާތުން އިންތިޚާބަށް ނުކުންނާނީ ރަނިންމޭޓް ފެނާންޑޯ ހައްދާދު ކަމަށެވެ. އެ ސިޓީ އޭނާ ވިދާޅުވެ ދެއްވީ އުމުރުން 72 އަހަރުގެ ލޫލާ ބަންދުކޮށްފައި ހުރި ޖަލުގެ ބޭރުގައި ހުންނަވަ އެވެ.
ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓެއްގެ ގޮތުގައި ވޯކާސް ޕާޓީން ހަމަޖެއްސީ ލޫލާ އެވެ. ނަމަވެސް މީގެ ދެ ހަފުތާ ކުރިން އިލެކްޓޯރަލް ކޯޓުން ވަނީ ލޫލާ އަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. ލޫލާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަނުގެ ކުށުގަ އެވެ.
އިލެކްޓޯރަލް ކޯޓުގެ ނިންމުން ވޯކާސް ޕާޓީ އާއި ލޫލާގެ ވަކީލުންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް ބްރެޒިލްގެ އެންމެ މަތީ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ބްރެޒިލްގައި ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ މަހު 7 ގަ އެވެ.