ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 8) - ޖަލަށްލީ މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފާނެތީ އެކަމުގެ ބިރަށް ކަމަށް ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެ އެވެ.

ޖަލުގައި ހުންނަވައި ލިޔުމުން ބީބީސީ އަށް ދެއްވި ބަޔާނެއްގައި ލޫލާ ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރު ސާޖިއޯ މޮރޯ ކުޅުއްވީ ސިޔާސީ ގޭމެއް ކަމަށެވެ. އަދި އެއީ އިންސާފު ނޫން ކަމަށް ވިދާޅުވި އެވެ. ލޫލާއާ ފޭސް-ޓު-ފޭސް އިންޓަވިއު ކުރުން އޮންނަނީ މަނާކޮށްފަ އެވެ.

ބްރެޒިލްގައި އޮކްޓޯބަރު މަހު ބޭއްވި އިންތިޚާބުގެ މަހެއްހާ ދުވަސް ކުރިން އިސްތިއުނާފް ކޯޓަކުން ވަނީ އިންތިޚާބުގައި ލޫލާ އަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. ލޫލާގެ މަގްބޫލްކަން އެ ދުވަސްވަރު ބޮޑު ނަމަވެސް ވޯކާސް ޕާޓީން ނިންމީ ލޫލާގެ ރަނިން މޭޓަކަށް ހަމަޖެއްސި ފެނާންޑޯ ހައްދާދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރޭށެވެ. ނަމަވެސް އިންތިޚާބުގެ ދެ ވަނަ ބުރަށް ހޮވުނު ނަމަވެސް ހައްދާދަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ލޫލާ ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބު ކުރެވުނީ އޭނާ އަށް ވާދަނުކުރެވުމުން ކަމަށެވެ.

"އަޅުގަނޑުގެ މައްޗަށް ހުކުމް ކުރީ މިއީ ބްރެޒިލްގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ރައީސް އަށް ވީމާ. ފަގީރުންނަށް އެންމެ ގިނަ ކަންތައް ކޮށްދިން ރައީސް އަށް ވީމާ،" ލޫލާ ވިދާޅުވެފައިވެ އެވެ.

ލޫލާ ވަނީ ޖެނުއަރީ 2003 އިން ޖެނުއަރީ 2011 އަށް ވެރިކަން ކުރައްވައިފަ އެވެ.

"ފަނޑިޔާރު މޮރޯ އަށް އެނގިވަޑައިގަންނަވާ ގާނޫނުތަކާ އެއްގޮތަށް އަމަލުކޮށްފި ނަމަ އަޅުގަނޑަށް ރައީސްކަން ލިބޭނެކަން. އެހެންވެ އޭނާ ކުޅުއްވީ ސިޔާސީ ގޭމެއް. އިންސާފެއް ނޫން. އޭގެ ފައިދާ ވެސް އޭނާ އަށް ކޮށްފި،" ލޫލާ ވިދާޅުވި އެވެ.

އާ ރައީސްގެ ކެބިނެޓުގައި ފަނޑިޔާރު މޮރޯ އަށް ވަނީ ޖަސްޓިސް މިނިސްޓަރުގެ މަގާމު ދީފަ އެވެ.