ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން ގެންދާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އަނެއްކާވެސް ތަފާތު ސެޝަންއެއް ބާއްވައިފި އެވެ.
"ސަކްސެސް އިޒް އަ ޗޮއިސް" ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ސެޝަން ނަގައިދިނީ މަޝްހޫރު އިންޓަނޭޝަނަލް ސްޕީކާ ރޮބިން ބޭންކްސް އެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ މައި އޮޑިޓޯރިއަމްގައި ކުރިއަށް ގެންދިޔަ އެ ސެޝަންގައި ރޮބިން ބޭންކްސް ވަނީ އިންސާނާގެ ސިކުނޑި އާއި އެ ސިކުނޑިން ވިސްނާ އަދި ގަބޫލުކުރާ ވިސްނުންތަކަކީ ކިހާ ބާރުގަދަ އެއްޗެއްކަން ކިޔައިދެއްވައިފަ އެވެ.
އަދި ސިކުނޑީގެ ބާރު ބޭނުންކޮށްގެން އިންސާނާގެ ހަޔާތުގެ އެކި އެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ކުރިއެރުން ދަހަމައްޓާނެ ގޮތްވެސް ރޮބިން ބޭންކްސް އޮޅުންފިލުވައިދެއްވި އެވެ.
ވަރަށްވެސް މަޖާކޮށް ކުރިއަށް ގެންދިޔަ އެ ސެޝަންގައި 250 އެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރުކާރާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ހިމެނެ އެވެ. އެ ސެޝަންގެ ޓިކެޓެއް ވިއްކާފައިވަނީ 200 ޑޮލަރަށެވެ.
ސައުތު އެފްރިކާގެ ރޮބިން ބޭންކްސް ވަނީ އެތަކެއް ކުންފުނި ތަކަކަށް ކާމިޔާބަށް ވާސިލް ވެވޭނެގޮތުގެ މައުލޫމާތު ހިއްސާކޮށް އެތަކެއް ކުންފުނިތަކަށް ކާމިޔާބު ހާސިލްކޮށް ދިނުމުގައި ތަފާތު މަސައްކަތްތައް ކޮށްދެއްވައިފަ އެވެ. އެގޮތުން 500 އަށްވުރެ ގިނަ ކުންފުނީގެ ސީއީއޯ އަދި ސީނިއާ މެނޭޖްމަންޓްތަކަށް "މައިންޑް ޕަވާ" އަދި ކާމިޔާބަށް ވާސިލް ވެވޭނެ ގޮތްތަކާ ބެހޭ އެތަކެއް ސެޝަންތަކެއް ވަނީ ނަގައި ދީފަ އެވެ.
ސެޝަން އިންތިޒާމް ކުރި މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ. މީގެ ކުރިންވެސް އެ ޖަމިއްޔާއިން ވަނީ މިފަދަ ސެޝަންތައް ކުރިއަށް ގެންގޮސްފަ އެވެ.