މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. ރާއްޖޭގެ 15 އަހަރުންދަށުގެ ޓީމުން ވަނީ ފީފާ ވޯލްޑް ކަޕެއްގައި ރާއްޖޭގެ ތާރީހު ބަދަލުކޮށްލައިފަ އެވެ.

ފީފާގެ 211 މެންބަރު ގައުމަށް ދައުވަތު ދީގެން މުޅިން އަލަށް ބޭއްވި 15 އަހަރުންދަށުގެ ވޯލްޑް ކަޕް ފެސްޓިވަލްގައި ރާއްޖޭން ވަނީ ބްރިޓިޝް ވާޖިން އައިލެންޑް ބަލިކޮށް ފީފާ ވޯލްޑް ކަޕެއްގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. 

އެ ގައުމާ ދެކޮޅަށް ދިވެހި ޓީމުން މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. މުބާރާތުގައި ރާއްޖޭން ވަނީ ފުޓްބޯޅައިގެ އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމުތަކާ ދެކޮޅަށް ކުޅެފަ އެވެ. 

ފީފާ 15 އަހަރުންދަށުގެ ވޯލްޑް އަދި ފެސްޓިވަލުގައި، ދިވެހި ޓީމުން ކުޅުނު މެޗެއްގައި ރާއްޖޭގެ ޒެވިއެލް އަހްމަދު (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ފީފާ
ފީފާ 15 އަހަރުންދަށުގެ ވޯލްޑް އަދި ފެސްޓިވަލުގައި، ދިވެހި ޓީމުން ކުޅުނު މެޗެއްގައި ރާއްޖޭގެ ޒެވިއެލް އަހްމަދު (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ފީފާ

މަޝްހޫރު ފްރާންސާއި ވޯލްޑް ކަޕްގައި ވެސް ތަޖުރިބާ ބޮޑު ދެކުނު އެފްރިކާއާ ދެކޮޅަށް ރާއްޖޭން ވަނީ ކުޅެފަ އެވެ. ފްރާންސް އަތުން ދިވެހި ޓީމު ބަލިވީ 6-0 ންނެވެ. ދެކުނު އެފްރިކާ އަތުން 8-0 ންނެވެ. 

ޔޫތު ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު އަހްމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުން މުބާރާތުގައި މެޗަކަށް މެޗަކުން ކުރިއެރުން ހޯދަމުން އައިސް އެންމެ ފަހުން ނިންމާލީ މޮޅަކުންނެވެ. ޖުމުލަ 189 ގައުމުގެ ތެރެއިން ރާއްޖޭން ވަނީ 159 ވަނަ ހޯދައިފަ އެވެ. 


ފީފާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލުގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުންދަށުގެ ޓީމުގެ ސްކޮޑްގެ ކުޅުންތެރިންނާއި އޮފިޝަލުން --- ފޮޓޯ: އެފްއޭއެމް
ފީފާ 15 އަހަރުންދަށުގެ ވޯލްޑް ކަޕް އަދި ފެސްޓިވަލުގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުންދަށުގެ ޓީމުގެ ސްކޮޑްގެ ކުޅުންތެރިންނާއި އޮފިޝަލުން --- ފޮޓޯ: އެފްއޭއެމް

ވޯލްޑް ކަޕެއްގެ ތާރީހުގައި ރާއްޖޭން ވަނީ ޖުމުލަ 4 ޕޮއިންޓް ހޯދައިފަ އެވެ. ވޯލްޑް ކަޕެއްގައި ރާއްޖެއަށް ލަނޑެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދީ މިދިޔަ ހޯމަ ދުވަހު އެންގުއިލާ ކޮޅަށް ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައިދިން އިބްރާހިމް އިޔާސް ބިން ހަސަނެވެ.

އަޒަރުބައިޖާންގެ ބަކޫގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސްޕެއިން އެވެ. އިއްޔެ ކުޅުނު ފައިނަލް މެޗު ސްޕެއިނުން ކާމިޔާބު ކުރީ ޗެކިއާ (ކުރިން ޗެކް ރިޕަބްލިކް) ގެ މައްޗަށް 3-0 ން ކާމިޔާބު ހޯދައިގެންނެވެ.

ސްޕެއިންއަކީ މިހާރު ހަތަރު ކެޓަގަރީއަކުން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. ސީނިއާ ފިރިހެން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، އާޖެންޓީނާ ބަލިކޮށް ސްޕެއިންއިން މިއަހަރު ޖުލަ މަހު ވަނީ ހޯދައިފަ އެވެ. އަދި އަންހެން ވޯލްޑް ކަޕްގެ ޗެމްޕިއަނަކީ ވެސް ސްޕެއިން އެވެ. އުމުރުފުރާތަކުގެ ވޯލްޑްކަޕްގެ ތެރެއިން 15 އަހަރުންދަށުގެ ދުނިޔޭގެ ޗެމްޕިއަންކަމުގެ އިތުރަށް 20 އަހަރުންދަށުގެ އަންހެނުގެ ވޯލްޑް ކަޕް ޗެމްޕިއަނަކީ ވެސް ސްޕެއިން އެވެ.