ފުރަތަމަ ފަހަރަށް ބޭއްވި މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން، 800 އެއްހާ ކުދިން ބައިވެރިވި ކުޑަކުދިންގެ ހާއްސަ އިވެންޓަކާ އެކު އިއްޔެ ހަވީރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮތް 3.2 ކިލޯމީޓަރާއި 1.6 ކިލޯމީޓަރު އަދި 800 މީޓަރުގެ ކިޑްސްމައިލް އަކީ މުޅި މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގައި ވެސް އެންމެ ތަރުހީބު ބޮޑު އިވެންޓެވެ. އެގޮތުން ބެލެނެވެރިންނާ އެކު އިއްޔެ ހަވީރު ކުޑަކުދިން ވަނީ ވަރަށް ބޮޑަށް ފޯރި ނަގައިފަ އެވެ. އިއްޔެ ހަވީރު ބޭއްވި އުމުރުންދުވަސްވީ މީހުންގެ ސީނިއާ ޕަވާވޯކްގައި 23 މީހަކު ބައިވެރިވި އެވެ.

ކިޑްސްމައިލްސްގައި ކުޑަކުދިން އިއްޔެ ހަވީރު ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކިޑްސްމައިލްސްގައި ކުޑަކުދިން އިއްޔެ ހަވީރު ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލް މެރެތަންގައި 23 ދުވުންތެރިން ވާދަކުރިއިރު ހާފް މެރެތަންގައި 100 ދުވުންތެރިން ދުވި އެވެ. އަދި 10 ކިލޯމީޓަރު ދުވުމުގައި 300 ދުވުންތެރިން ބައިވެރިވިއިރު އެންމެ ފަހަށް އޮތް ފަސް ކިލޯމީޓަރުގެ ރޭހުގައި 1200 ދުވުންތެރިން ވާދަކުރި އެވެ. ވާދަވެރި ހަތަރު ރޭހުގައި ޖުމްލަ 1600 ދުވުންތެރިން ބައިވެރިވި އެވެ.

ރޭސް ނިންމި ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދިންއިރު ހާއްސަ އިނާމް ލިބުނީ ކޮންމެ ކެޓަގަރީ އަކުން ދެ ޖިންސުން ގަދަ ތިން ދުވުންތެރިންނަށެވެ.

ފުލް މެރެތަންގެ ފިރިހެން ބައިގެ އެއް ވަނަ އިންޑިއާގެ ލަލް ބަހާދުރް ނަޔަކް ހޯދިއިރު އަންހެން ބައިގެ އެއް ވަނަ ހޯދީ އިންޑިއާގެ ފިޓްނަސް އެމްބެސެޑަރެއް ކަމަށްވާ އަންކީރާ ކޮންވާރް އެވެ.

ފުލް މެރެތަންގެ އެއް ވަނަ އިންޑިއާގެ ލާލް ބަހާދުރް (ވ) އަށް ރޭސް ޑިރެކްޓަރު ސުޖާއު އިނާމް ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލް މެރެތަންގެ އެއް ވަނަ އިންޑިއާގެ ލާލް ބަހާދުރް (ވ) އަށް ރޭސް ޑިރެކްޓަރު ސުޖާއު އިނާމް ދެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހުކުރު ދުވަހު އޮތް މި މެރެތަންގެ އެއް ވަނަ ލާލް ބަހާދުރް ހޯދީ 3 ގަޑި 35:05 މިނެޓުން ދުވެގެންނެވެ. ދެ ވަނަ އަކީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފެވެ. ދާދި ފަހުން، ބ. އަތޮޅުގައި ސްވިމް މޯލްޑިވްސް އިވެންޓުގައި ފަތައި އަދި ކޮލަމްބޯ އަޔަންމެންގައި ވެސް ވާދަކުރި އާތިފް މި ރޭސް ނިންމީ 3 ގަޑި 44:08 މިނެޓުންނެވެ. ތިން ވަނަ އަކީ 3 ގަޑި 47:27 މިނެޓުން ދުވި މުހައްމަދު މުހާ އެވެ.

މި ރޭހުގެ އެމްބެސެޑަރު އިންޑިއާގެ މިލިންދު ސޯމަންގެ އަންހެނުން، އަންކީތާ އަންހެން ބައިގެ އެއް ވަނަ ހޯދީ 5 ގަޑި 11:32 މިނެޓުންނެވެ. މިލިންދާ އެކު އޭނާ ދުވީ ފައިވާނުގަ އެވެ. ދެ ދުވުންތެރިން ވެސް ބެއާފުޓް ދުވުން ޕްރޮމޯޓްކުރެ އެވެ. އަންހެން ދެ ވަނަ އަކީ 5 ގަޑި 11:39 މިނެޓުން ދުވި ޒާހިރާ މިޓްރާ ޒުބައިރެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ ވަނަތައް ހޯދި ބައިވެރިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ ވަނަތައް ހޯދި ބައިވެރިން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެރެތަން އޮތީ ހުޅުމާލެ އާއި މާލޭގަ އެވެ. މިއީ މި ދެ ރަށް ހިމެނޭ ރޫޓެއް ކަނޑައެޅުނު ރާއްޖޭގެ ފުރަތަމަ ވާދަވެރި ރޭހެވެ. ހާފް މެރެތަންގެ ފިރިހެން އެއް ވަނަ ހޯދީ 1 ގަޑި 28:56 މިނެޓުން ދުވި މުހައްމަދު ނިޒާމެވެ. އަންހެން އެއް ވަނަ އަކީ 1 ގަޑި 43:57 މިނެޓުން ދުވި ސްރީ ލަންކާގެ ޕެޓްރީޝިއާ ގޯމޭޒެވެ. ދިހަ ކިލޯމީޓަރު ދުވުމުގެ ފިރިހެން އެއް ވަނަ ހޯދީ 42:32 މިނެޓުން ދުވި ސުނާން އަހުމަދެވެ. މި ބައިން އެއް ވަނަ ހޯދީ 57:50 މިނެޓުން ދުވި މަރިޔަމް މައުޝޫދާ އެވެ. ހުކުރު ދުވަހު ހަވީރު ބޭއްވި ފަސް ކިލޯމީޓަރު ދުވުމުގެ ފިރިހެން އެއް ވަނަ ހޯދީ 19:30 މިނެޓުން ދުވި އަހުމަދު ޝާހިދެވެ. އަންހެން އެއް ވަނަ ހޯދީ 22:34 މިނެޓުން ދުވި އައިމިނަތު ޖައިޝާ ޖުނީޒެވެ.