މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަންގެ މި އަހަރުގެ އިވެންޓްތައް މާޗު 6-7 ގައި ހުޅުމާލޭގައި ބާއްވަން ނިންމައި ރަޖިސްޓްރޭޝަން މިއަދު ހުޅުވާލައިފި އެވެ.

މި އިވެންޓުގެ ރޭސްތަކަކީ މާޗު 7 ވަނަ ދުވަހު މެންދަމު 2 ޖަހާއިރު ފަށާ ފުލް މެރެތަން އާއި 5:30 ގައި ފަށާ ހާފް މެރެތަން އާއި 10 ކިލޯމީޓަރު ދުވުން އަދި އެ ދުވަހު ހަވީރު 4:30 ގައި ފަށާ ފަސް ކިލޯމީޓަރު ދުވުމެވެ.

އަދި އޭގެ ކުރިން މާޗު 6 ވަނަ ދުވަހު ހަވީރު އުމުރުންދުވަސްވީ މީހުންނަށް ސީނިއާ ޕަވާ ވޯކާއި ކުޑަކުދިންނަށް 2.3 ކިލޯމީޓަރާއި 1.6 ކިލޯމީޓަރާއި 800 މީޓަރު ދުވުންތައް އޮންނާނެ އެވެ.

މި ފަހަރު ވެސް ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ހާއްސަ މެޑެއްޔެއް ލިބޭނެ އެވެ. މި ފަހަރުގެ ތަފާތަކީ ރޭސް ޓީޝާޓް ދިނުމުގައި ގެނެސްފައިވާ ބަދަލެވެ. އެގޮތުން ރަޖިސްޓްރޭޝަންގެ ތެރޭގައި ޓީޝާޓް ނުހިމެނޭނެ އެވެ. އިވެންޓުން ބާރު އަޅަނީ އަމިއްލަ ޓީޝާޓުގައި ދުވަން ނުވަތަ ކުރީ އަހަރުގެ އިވެންޓް ޓީޝާޓް ބޭނުންކުރުމަށެވެ. އެކަމަކު ޓީޝާޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓާކުރާއިރު އެކަމަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

މި އިވެންޓުގައި ބޭނުންކުރާ ޓީޝާޓުގެ ފަރުމާއަކީ ލޮނުފެން ސްޓޫޑިއޯގެ އަބްދުﷲ ތައުފީގް (ތައު) ގެ ކުރެހުމެކެވެ. މައިގަނޑު ފަރުމާއަކީ ރާއްޖެ އަށް ހާއްސަ ހިރިގަލުގެ ވަޑާމެވެ. މެދުން ފެނިގެންދާނީ ހިމާޔަތްކޮށްފައިވާ ކަނޑުގެ ދިރުންތަކާއި މުރަކަތަކުގެ މަންޒަރެކެވެ. ނޫއުޑު ދައްކުވައިދޭ މަންޒަރުގައި މެރެތަންގައި ލޯގޯ ޖަހާފައިވާއިރު އޭގެ މަތިން ފެންނާނީ އިރުގެ ރަން ދޯދިތައް އެޅިފައިވާ އުދަރެހަކާއި ދޫނިސޫފާސޫފި އުދުހެމުންދާ މަންޒަރެކެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް މެރެތަން އަކީ ރިކްރިއޭޝަނަލް ދުވުންތެރިން ތަމްރީންކުރުމުގައި ފާހަގަކުރެވޭ އައި-ރަނާސް އިން ބާއްވާ މޯލްޑިވްސް ރަން ސީރީސް އަށް އިތުރުވި މުހިއްމު ބޮޅެކެވެ. އައި-ރަނާސް އިން އައްޑޫ ސިޓީ އާއި ލ. އަތޮޅުގައި ވެސް ދުވުމުގެ އިވެންޓްތައް ބާއްވަ އެވެ. އައި-ރަނާސްގެ އަމާޒަކީ ރާއްޖޭގައި ދިގު ރާސްތާ ދުވުންތައް އެހެން ހަރުފަތަކަށް ގެންދިއުމުގެ އިތުރުން ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމުމެވެ. އެހެންވެ ކުރިއަށް އޮތްތަނުގައި ރާއްޖޭން ބޭރުގެ ދުވުންތެރިންނަށް މި އިވެންޓް ވަރަށް ބޮޑަށް މާކެޓްކުރެވިގެންދާނެ އެވެ.