މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ކަންކަން ދިޔައީ އަމާންކަމާ އެކު ދެފުށް ފެންނަ ގޮތަށް ކަމަށް ކޮމޮންވެލްތުގެ އޮބްޒާވާސް ގުރޫޕުން ބުނެފި އެވެ.

އިންތިހާބުގައި ފާހަގަކުރުވެނު ކަންކަމުގެ މައްޗަށް އެ ގުރޫޕުން ތައްޔާރުކުރި ވަގުތީ ރިޕޯޓުގެ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ގުރޫޕުގެ ޗެއާ އަދި ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފައޯރް ވިދާޅުވީ ވޯޓު ލުމާ ހަމައަށް، ކެމްޕޭނު ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމައަށް ލިބިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭނުތައް ކުރިއަށް ގެންގޮސްފައިވާ އިރު، ކޮމޮންވެލްތު ގައުމުތައް ނިސްބަތްވާ އެކި ސަރަހައްދުތަކުން 11 އިސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމުން އިންތިހާބުގެ ކުރިން ޅ، ދ، ލ، ގދ އަދި ސ އަތޮޅުގައި ހަރަކާތްތެރިވެފައިވާ އިރު، އެތަންތަނުގައި ކެމްޕޭނުތައް ކުރީ މައިގަނޑު ގޮތެއްގައި އަމާންކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކެމްޕޭންކުރުމުގައި، ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ފައިދާވާ ގޮތަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުމުގެ ޝަކުވާތައް ހުރި ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ދައުލަތް ހިންގުމުގެ ބާރުތައް ވަކިވެފައިވާ އޮންނަންޖެހޭ އިރު، އެ މަގުން ކަންކަން ނުހިނގާ ކަމުގެ ކަންބޮޑުވުންތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބާރުތައް ވަކިވެފައި އޮންނަ ނިޒާމެއްގައި ޖުޑީޝަރީ އާއި މަޖިލީހާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ފައޯރް ވިދާޅުވި އެވެ.

ވޯޓު ލީ ދުވަހުގެ އިންތިޒާމުތަކަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ ވޯޓު ލުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުރީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ވޯޓު ލުމާއި ގުނުމުގެ މަރުހަލާތައް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

އެކަމަކު މި އިންތިހާބުގައި ވޯޓު ލާން ނުކުތް މީހުންގެ އަދަދު މަދުވުމާއި ބާތިލުވި ވޯޓުގެ ނިސްބަތް އިތުރުވުމަކީ ވޯޓާ އެޑިޔުކޭޝަން އިތުރަށް ހަރުދަނާ ކުރަންޖެހޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.