އެމްއޭއެމް ބިޒްނަސް ސްކޫލުގެ ނަމުގައި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން އާ ކެމްޕަހެއް މާލޭގައި ހުޅުވަން ނިންމައިފި އެވެ.
މެރިޓައިމް އެކަޑަމީގެ ސީއީއޯ އާދިލް ރަޝީދު ވިދާޅުވީ އެމްއޭއެމް ބިޒްނަސް ސްކޫލް ހުޅުވާނީ އަންނަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ކަމަށެވެ. ކޯސްތައް ވެސް ސެޕްޓެމްބަރު މަހު ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
އެމްއޭއެމް ބިޒްނަސް ސްކޫލުން ފަށާ ކޯސްތަކުގެ ތެރޭގައި، ސެޓްފިކެޓް ލެވެލް ތިނެއް، އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިމެނޭނެ ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.
"ވަޒީފާ އަދާކުރަމުން ޕާޓްޓައިމްކޮށް ކިޔަވަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ވެސް ކޯސްތަކެއް ހިންގަން ވަނީ ހަމަޖެހިފައި،" އާދިލް ވިދާޅުވި އެވެ.
އެމްއޭއެމް އިން ފަށާ ކޯސްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމަންޓް، އާލީ ޗައިލްޑް ހޫޑް، ޓްރެވަލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް ހިމެނެ އެވެ.
އޭގެ އިތުރުން ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް އިން ތައްޔާރުކޮށްފައިވާ ޑިޕްލޮމާ ކޯހެއް ކަމަށްވާ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް ކޯސް ވެސް އެމްއޭއެމް އިން ހިންގަ އެވެ. މި ކޯސް އެ ތަނުން ހިންގަނީ މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްއާ ގުޅިގެންނެވެ.
އާދިލް ވިދާޅުވީ އެމްއޭއެމް ބިޒްނަސް ސްކޫލުގެ ކޯސްތަކުގައި ކިޔަވައި ދެއްވާނީ ރާއްޖޭގެ އެންމެ ތަަޖުރިބާކާރު ބޭފުޅުން ކަމަށެވެ. ނަމަވެސް ކޯސްތަކުގެ އަގު އެހެން ތަންތަނާ އަޅާ ބަލާއިރު ހެޔޮވާނެ ކަމަށް ވިދާޅުވި އެވެ.
ކޯސްތަކަށް ވަނުމުގެ ފުރުސަތު އޮކްޓޫބަރު 5އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މެރިޓައިމް އެކަޑަމީން އާ ކެމްޕަހެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެ އެކަޑަމީގެ ދެ ކެމްޕަހެއް ނ. ލަންދު އާއި އެ އަތޮޅު ހެނބަދޫގައި މިހާރު ވެސް ހިންގަ އެވެ.