މައިކްރޯ އެސްޑީ ކާޑަކީ ކުޑަކުޑަ މެމޮރީ ކާޑެކެވެ. މި ފަހަކަށް އައިސް އުފައްދާ މީގެ ކާޑުތަކުގެ ސްޓޯރޭޖް އަންނަނީ މަތިވަމުންނެވެ. ނިޔަފައްޗެއްހާ ކުޑަ މައިކްރޯ އެސްޑީ ކާޑެއްގައި 512 ޖީބީ ރައްކާކުރެވިދާނެ ކަމަށް މީހަކު ހީކޮށްފާނެހެއްޔެވެ. މިކަން މިހާރު ހަގީގަތަކަށްވެއްޖެއެވެ.

އިންޓެގްރަލް މެމޮރީ އިން އެންމެ ފަހުން ނެރުނު މައިކްރޯ އެސްޑީގައި 512 ގިގަބައިޓް ރައްކާކުރެވެއެވެ. މިއީ ގާތްގަޑަކަށް ޓެރަބައިޓެއްގެ ދެބައިކުޅަ އެއްބައެވެ.

މައިކްރޯ އެސްޑީއެކްސްސީ ވީ10 އުފައްދާފައި ވަނީ ސިކުންތަކު 80 އެމްބީ ޓްރާންސްފަ ކުރެވޭ ފެންވަރުގައެވެ. އެސްޑީ ކާޑުތަކުން އާންމުކޮށް އަލްޓްރާ އެޗުޑީ ފެންވަރުގެ ވީޑިއޯ ނެގެއެވެ. މައިކްރޯ އެސްޑީ އިން ވެސް މިކަން ކުރެވެއެވެ. ޖާގަ ބޮޑުވީމާ އަދި މާގިނަ ވީޑިޔޯ ރައްކާކުރެވޭނެއެވެ. ދަތުރަކު ދާއިރު ފޫހިވެގެން ބަލައިލަން ބޭނުންވެދާނެ ކިތަންމެ ބައިވަރު އަލްޓްރާ އެޗްޑީ ފިލްމު މީގައި ރައްކާކުރެވެއެވެ. ކޮމްޕިއުޓަރަށް ކަހާލުމުގެ ކުރިން ވަގުތީ ގޮތުން ކިތަންމެ ބައިވަރު، އެހާމެ ބޮޑެތި ފައިލް ރައްކާކުރާނެ ޖާގަވެސް ލިބޭނެއެވެ.

މައިކްރޯ އެސްޑީއެކްސްސީ ކާޑު ލެއްވޭ ހުރިހާ ޑިވައިސެއްގައި ވެސް މީގެ ބޭނުންކުރެވެއެވެ. ސްމާޓްފޯނުތަކުން ފެށިގެން އެކްޝަން ކެމެރާތަކާއި ޑްރޯންތަކާ ހަމައަށެވެ.

ސާންޑިސްކުން މިދިޔަ އަހަރު ވަނީ 400 ޖީބީ މައިކްރޯ އެސްޑީ ކާޑެއް ނެރެ، 250 ޑޮލަރަށް ވިއްކަން ފަށައިފައެވެ. އިންޓަގްރަލް މެމޮރީގެ މި މައިކްރޯ އެސްޑީ ވިއްކާނެ އަގެއް އަދި ނޭނގެއެވެ.