މިޑްލްސްބްރޯ (އޮކްޓޫބަރު 25) - މެންޗެސްޓާ ޔުނައިޓެޑާއި އިނގިރޭސި ގައުމީ ޓީމަށް ކުރިން ކުޅުނު މިޑްފީލްޑަރު މައިކަލް ކެރިކް، ޗެމްޕިއަންޝިޕްގެ ކްލަބް މިޑްލްސްބްރޯގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.
ޗެމްޕިއަންޝިޕްގައި މިޑްލްސްބްރޯގެ ކޯޗުކަމުގައި ހުރި ކްރިސް ވައިލްޑާ މި މަހުގެ ކުރީކޮޅު މަގާމުން ދުރު ކުރިއިރު، ކެރިކް އެޓީމާ ހަވާލު ވަންދެން ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ލިއޯ ޕާޗޮވިޗް އެވެ.
މިއީ އުމުރުން 41 އަހަރުގެ ކެރިކް 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު، ދާއިމީ ކޯޗެއްގެ ވަޒީފާއާ ހަވާލުވި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ޔުނައިޓެޑްގައި ހޯޒޭ މޮރީނިއޯ އާއި އޮލެ ގުނަ ސޯލްޝެއާގެ ކޯޗިން ޓީމުގައި އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
މިދިޔަ ސީޒަންގައި ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން ވަކިކުރުމުން، ވަގުތީ ކޯޗު ރަލްފް ރަންގްނިކް ޓީމާ ހަވާލު ވަންދެން ކެރިކް ވަނީ ތިން މެޗެއްގައި ޔުނައިޓެޑަށް އިރުޝާދު ދީފަ އެވެ.
"މިޑްލްސްބްރޯ އަކީ އަހަރެން ކުޅުނު ފުރަތަމަ ޕްރޮފެޝަނަލް ކްލަބް، އެއި އުމުރުން އެންމެ ނުވަ އަހަރުގައި، އަލުން އެނބުރި ކުލަބުގެ ހެޑް ކޯޗުގެ މަގާމުގައި މިތަނަށް އާދެވުމުން ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ،" މެންޗެސްޓާ ޔުނައިޓެޑާ އެކު ފަސް ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކުރި މިޑްފީލްޑަރު ބުންޏެވެ.
ކެރިކް އާއެކު މިޑްލްސްބްރޯގެ ކޯޗިން ޓީމުގައި ކުރިން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅުނު ޖޮނަތަން ވުޑްގޭޓް ވެސް ހިމެނެ އެވެ. ވުޑްގޭޓް ވަނީ މީގެ ކުރިން 2019/2020 ސީޒަންގައި މިޑްލްސްބްރޯގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ކެރިކް އަކީ މިޑްލްސްބްރޯ 2017 ވަނަ އަހަރު ޕްރިމިއާ ލީގުން ރެލިގޭޓްވި ފަހުން އެޓީމަށް ގެނައި ހަ ވަނަ ކޯޗެވެ. އަދި ޗެއާމަން ސްޓީވް ގިބްސަންގެ ދައުރުގައި ޓީމާ ހަވާލުވި 13 ވަނަ ކޯޗެވެ. ޗެއާމަން ގިބްސަން ސިފަކުރައްވާ ގޮތުގައި ކެރިކް އަކީ އެ ޓީމުގެ ކޯޗުގެ މަގާމަށް އެންމެ ހެޔޮވަރު ފަރާތެވެ.
"ހުސްވެފައިވާ މަގާމަށް ފަރާތެއް ހޮވަން އަހަރެމެން ވަރަށް ބައިވަރު މީހުންނާ ވާހަކަ ދެއްކުނު، އެންމެންގެ ވާހަކަ ވެސް ވަރަށް ޝައުގުވެރި، އެކަމަކު މައިކަލް (ކެރިކް) އެއީ ފާހަގަ ކޮށްލެވުނު ފަރާތެއް،" ގިބްސަން ވިދާޅުވި އެވެ.
ކެރިކްގެ އިރުޝާދުގެ ދަށުން މިޑްލްސްބްރޯ އެންމެ ފުރަތަމަ ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ޕްރެސްޓޮން ނޯތު އެންޑާ ދެކޮޅަށެވެ. މިޑްލްސްބްރޯ މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ތާވަލްގެ 21 ވަނައިގަ އެވެ.