ކެއްކުމަކީ ގިނަ ބަޔަކަށް ތެރަޕީއެކެވެ. މީރު ކެއުމެއް ތައްޔާރުކޮށްލެވުމުން ލިބޭ ހިތްހަމަޖެހުން ބޮޑެވެ. ރޯދަ މަހު މި ހިތްހަމަޖެހުން ދެ ގުނަ ވަނީ އެ ކެއުމަކަށް އިންސާފުކުރަން އާއިލާ އާއި ރައްޓެހިންނާ އެކު ހޭދަކުރާ އުފާވެރި ވަގުތުކޮޅުންނެވެ.
ދިރާގާ އެކު މި އަހަރު ގެނެސްދޭ "މިހާރު ބަދިގެ" އިން ފެންނާނީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މީހުން، ކެއްކުމަށް އޮންނަ ޝައުގުވެރިކަމާއި ދިރިއުޅުމުގެ ރަހަތަކާއި ރޯދައިގެ ހަނދާންތަކެވެ.
ދިރާގާ ގުޅިގެން މި އަހަރު ވެސް "މިހާރު ބަދިގެ" 30 އެޕިސޯޑު ގެނެސްދޭނެ އެވެ. ދަނޑުވެރިކަމުން މުއްސަނދި އަދި މާމެލާމެލިން ފަރިވެފައިވާ ކ. ކާށިދޫގެ ރަހަތައް ވެސް މީގެ ތެރޭގައި ހިމެނޭނެ އެވެ.
މި އަހަރުގެ ޝޯ ހުށަހަޅައިދިނީ ތަޖުރިބާކާރު ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ) އެވެ. އޭނާ ވަނީ ކެއްކުމުގެ ޝޯތަކާ އެކު އާއްމުންގެ މެދުގައި މަގްބޫލުވި ގިނަ ޝޯތަކެއް ހުށަހަޅައިދީފަ އެވެ. ކުޑޫއާ އެކު "މިހާރު ބަދިގެ" އިން ބައްދަލުކުރާނީ އަމިއްލަ މަސައްކަތުން ކާމިޔާބީ ހޯދައި އެހެން މީހުން ކުރިއަރުވައި ހިތްވަރުދޭ ނަމޫނާ މީހުންނެވެ.
އެންމެ ހާއްސަ ކަމަކީ މިފަހަރުގެ ޝޯގައި ބައިވެރިވާ މެހްމާނުންގެ ދިރިއުޅުމުގެ ރަހަތަކެވެ. ރެސިޕީ ތައްޔާރުކުރާއިރު ކެއްކުމުގެ ވާހަކަތަކާ އެކު ރޯދައިގެ ހަނދާންތައް އަދި ކެއްކުމުގެ ބައެއް ޓިޕްސްތައް ކިޔައިދޭނެ އެވެ. މީގެ އިތުރުން އެ މީހެއްގެ ދާއިރާ އިން އާދެވިފައި ހުރި ހިސާބާއި ގޮންޖެހުންތަކުން އަރައިގަތް ގޮތް ވެސް ހިއްސާކޮށްދޭނެ އެވެ.
މި ޝޯ އިން ކެއްކުމުގެ އެންމެ ވަރުގަދަ އެއް ޝޯ ރާއްޖެއަށް ތައާރަފްކޮށްދިނުމުގައި ހިއްސާވި ނުޒެއިރު އަލީ އާއި ޣިޔާސުއްދީން ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމާއި އާއްމުންގެ މަގްބޫލް ޕްރެޒެންޓަރު މަރިޔަމް ވަހީދާ އާއި ދީނީ ހޭލުންތެރިކަމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތްކުރާ އިބްރާހިމް ރަމީޒާއި ޑައިވަރު ޒޫނާ ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމާއި ކޯޗު ނަސީރު އިސްމާއިލް ހިމެނެ އެވެ. މީގެ އިތުރުން ކެއްކުމަށް އޮތް ޝައުގުވެރިކަމުގައި އަމިއްލަ ވިޔަފާރި ހިންގަމުން އަންނަ ޒުވާނުން ވެސް ހިމެނޭނެ އެވެ.
މި ޝޯގައި ޝެފް މުމީތާއި މޯލްޑިވިއަން ޕެޓީޝިއާގެ ވެރިޔާ އައިމިނަތު ހަމީދާއި އަހްމަދު ސަމާން (ކާބޯލް ސޭމް) އާއި ލޯ ކެލޮރީގެ އައިޝަތު އާދަމް އާއި ހަންބަންގެ ހަނާން ވެސް ފެންނާނެ އެވެ. މީގެ އިތުރުން ފިޓްނަސް އިންސްޓްރަކްޓަރުންނާއި ލިއުންތެރިން ހިމެނޭހެން ދާއިރާތަކުން ކުރީގައި އުޅޭ މީހުންގެ ވާހަކަތަކާއި ރަހަތައް މި ޝޯގައި ގެނެސްދޭނެ އެވެ.
މިއަހަރުގެ ރެސިޕީތައް ވެސް ހޮވާފައި ވަނީ އެންމެ އާއްމުކޮށް ލިބެން ހުންނަ ތަކެތިން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ގޮތަށެވެ. ރޯދަ މަހުގެ ބިޒީ ޝެޑިއުލްގައި ކެއްކުމުގެ ވަގުތު ކުރުވާނެ އަދި ސިއްހަތަށް ފައިދާ ހުރި ގޮތަށެވެ.
މިފަހަރުގެ ދިވެހި ރަހަތައް ގެނެސްދީފައި ވާނީ ދަނޑުވެރިކަމުގައި އެންމެ ކުރީގައި އޮތް އެއް ރަށް ކަމަށްވާ ކ. ކާށިދޫންނެވެ. ރާއްޖޭގެ ފަސް ވަނައަށް އެންމެ ބޮޑު ރަށުގައި ވަކި ހާއްސަ ކެއުންތަކެއް ރޯދައަކަށް ނުހަދަ އެވެ. އެކަމަކު ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ތައްޔާރުކޮށް އުޅޭ ރަހަތައް އެގޮތުގައި އެ ރަށުގައި އަދިވެސް ދަމަހައްޓަ އެވެ. މިސާލަކަށް ދިވެހި ހަވާދުގެ ރިހަތަކާއި ގަބުޅި ސަޓަންޏާއި އެކި ވައްތަރުގެ ބޯކިބާ އަދި ބަނބުކެޔޮ މައްސުނި ފަދަ ކެއުންތަކަކީ އަދިވެސް އެ ރަށުގެ ރޯދަ ރެސިޕީތަކެވެ.
އެ ރަށުން މި ޝޯގައި ބައިވެރިވި މީހުން ހޮވާލި ރެސިޕީތަކެއް ވެސް ބެލުންތެރިންނަށް ހުށަހަޅައިދޭނެ އެވެ.
ކާށިދޫގައި އާއްމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތްތައް ހައްދައި އުޅެނީ ރަށުގަ އެވެ. މިރުހާއި ބައްޓާއި ބަރަބޮލާއި ކިއުކަންބާ އާއި ރެޑިޝް އާއި އެކި ބާވަތްތަކުގެ ސަޓަނި ހަދާ ފަތްތަކާއި ފަތް ކެޔޮ ހުސްނުވެ ލިބެން ހުރެ އެވެ. ދަނޑުވެރިކަމުން މުއްސަނދި އެ ރަށް ފަހިވެފައި އޮތީ ދުޅަހެޔޮ ދިރިއުޅުމަކަށެވެ.
މި އަހަރު "މިހާރު ބަދިގެ" ސްޕޮންސަރަކީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ދިރާގެވެ. އޭގެ އިތުރުން ކޯ ސްޕޮންސަރުންގެ ގޮތުގައި ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މި ޝޯގެ އެޕިސޯޑްތައް ޝޫޓްކުރީ ވުޑް ބެރީ ރެސްޓޯރަންޓުގަ އެވެ. ޕްރެޒެންޓަރުގެ ވޯޑްރޯބް ޕާޓްނަރަކީ އާބަން ތްރެޑްސް އެވެ.
މި ޝޯގެ ޝޫޓިންގައި ބޭނުންކުރި ކައުންޓަ ޓޮޕް ހަދިޔާކުރާ ގޮތް ހަމަޖައްސާފައި ވަނީ "މިހާރު ބަދިގެ" ބެލުންތެރިއަކަށެވެ. "މިހާރުބަދިގެ" ހޭޝްޓެގާ އެކު އެންމެ ގިނަ އެޕިސޯޑުތައް ޝެއާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށެވެ.