ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް ހިތްވަރު ދޭ ޝިފާނާ ވަޖީހުއާ އެކު މި ރޯދަ މަހު "މިހާރު"ން ގެނެސްދޭ "ބަދިގެ" ރެސިޕީތަކުގައި މިއަދު އޮތީ ދިވެހިންގެ ކެއުމުގައި ކުރިން ވަރަށް އާންމުކޮށް ބޭނުންކުރި އެއްޗެއް ތައްޔާރު ކޮށްލުމެވެ. ފިޓްނަސް ދާއިރާގައި ގިނަ ބައެއްގެ މަގްބޫލް ޝިފާނާ މިއަދު ކިޔައިދިނީ ފަޅޯ ބޭނުންކޮށްގެން "ފޮނި ފަޅޯ އަސާރަ" ތައްޔާރުކުރާނެ ގޮތެވެ.
ކޮންމެ އެޕިސޯޑެއްގައި ސިއްހަތަށް ފައިދާ ހުރި ކާއެއްޗެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ފައިދާ ހުރި ޓިޕްސްތައް ވެސް، 21 އަހަރު ފިޓްނަސް ދާއިރާގައި ހޭދަކުރި ޝިފާނާ ކިޔައިދޭނެ އެވެ.
ފަޅޮލުގައި ގިނަ އަދަދަކަށް ވިޓަމިންސް ހިމެނެ އެވެ. ސަރުބީ ވިރުވުމާއި ހަޖަމު ރަނގަޅު ކުރުމުގައި ފަޅޮލުގެ ދައުރު ބޮޑުކަމުން ފަޅޯ ވެފައިވަނީ ގުދުރަތީ ގޮތުން ސަރުބީ ވިރުވާލުމަށް ވަރަށް ރަނގަޅު ކެއުމަކަށެވެ.
ފަޅޮލަކީ ގިނައިން ކެލޮރީސް ހިމެނޭ މޭވާއެއް ނޫނެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ފަޅޯ ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
ބޭނުންވާ ތަކެތި:
ރިއްސެޔޮލާވަރުގެ 1 ފަޅޯ
6 ކާފުރު ތޮޅި
1/2 ޖޯޑު ހަކުރު
1/2 ގަބުޅި (ގާނާފައި)
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފަޅޯކޮޅު އަޅާލުމަށް ފަހު އޭގެ ތެރެއަށް ހަކުރާއި ކާފުރުތޮޅި އަޅާށެވެ. މަޑު ގިނީގައި ފަޅޯކޮޅު ކައްކާލާށެވެ. އެއްކޮށް މަޑު ނުވާވަރަށް ކައްކާލުމަށް ފަހު ނިއްވާލުމުން ފަޅޯ އަސާރަ ތައްޔާރުވީ އެވެ.
މި އަސާރަ ކެއުމަށް އެންމެ ރަނގަޅީ ޅަ ގަބުޅިއާ އެކު އެވެ.
ޝިފާނާގެ ހެލްތު ޓިޕްސް
• ޕެކެޓް ކާނާއާ ދުރުވެ ތާޒާ ކާބޯތަކެތިން ތައްޔާރުކުރެވޭ ކާއެއްޗިއްސަކީ ސިއްހަތަށް އެންމެ ފައިދާހުރި ތަކެތި
• ފަޅޯ ފަދައިން ފަސޭހައިން ލިބެން މޭވާ އިން ގޭގައި ތައްޔާރުކުރާ ކާބޯތަކެތިން ބަލިތަކުން ދުރުވާނެ