ފުޅީގައި ބަނދުކުރި ފެން ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ކުރިމަތިވީ ޕްލާންޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި ހަފުތާއެއްގެ ތެރޭގައި އެކަން ހައްލުކުރެވޭނެ ކަމަށް ހެޕީ މާކެޓުން މިއަދު ބުނެފި އެވެ.
ލައިފް ފެން އުފައްދާ ހެޕީމާކެޓުގެ މެނޭޖިން ޑިރެކްޓަރު އަލީ އިހްސާން ވިދާޅުވީ ކ. ހިންމަފުށީގައި ހުންނަ އެ ތަނުގެ ފެން ޕްލާންޓުގައި މައްސަލަ ޖެހުމުން ކުރިން އުފައްދާ ވަރަށް ފެން މިހާރު ނުއުފެއްދޭ ކަމަށެވެ. އަދި އެހެން ކުންފުނިތަކަށް ވެސް މި ދުވަސް ވަރު އެހާ ވަރަށް ފެން ނުއުފެއްދޭތީ ފެނުގެ ޑިމާންޑް ބޮޑުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި އެ މައްސަލަ ހައްލުކޮށް، ކުރިއާ އެއްގޮތަށް ފެން އުފައްދަން ފަށާނަން،" އިހްސާން ވިދާޅުވި އެވެ.
މާލޭގައި މިދިޔަ ދެ ހަފުތާ ކުރިން މިނަރަލް ވޯޓާ ލިބުން ދަތިވި ގޮތަށް އަދިވެސް އެކަމަށް ހައްލެއް ނުލިބެ އެވެ.
އިހުސާން ވިދާޅުވީ ހޫނު މޫސުމުގައި އާއްމުކޮށް ފެނުގެ ޑިމާންޑް ބޮޑުވާއިރު، ފެން ނުލިބޭ ކަމަށް ހީކޮށް ބައެއް މީހުން ފެން ބަލްކުކޮށް ގަތުމަކީ ވެސް މި ދުވަސްވަރު ފެނުގެ ދަތިކަން ކުރިމަތިވާ ސަބަބެއް ކަމަށެވެ.
ކުރިއާ އެއްގޮތަށް ފެން އުފެއްދި ނަމަވެސް، ފެނުގެ ޑިމާންޑް ބޮޑުވުމުގެ ސަބަބުން، މިވަގުތު އަދި އެހާ ފަސޭހައިން ފެން ގަންނަން ނުލިބިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ ފެން ލިބުން ދަތިވުމާ ގުޅިގެން ލައިފް ބްރޭންޑުން އިތުރަށް ފެން އުފެއްދި އެވެ.