އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭ ޖާގައާ އެކު ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އަޅަން ފަންޑު ހަމަޖެހި، އަންނަ ސެޕްޓެމްބަރުގައި އެ މިސްކިތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާ ދެމެދު އިމާރާތްކުރާ މިސްކިތް މަޝްރޫއުގެ އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
އެ މިސްކިތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅަން ނިންމާފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މި އަހަރު ސެޕްޓެމްބަރު 13ވަނަ ދުވަހު ކަމަށެވެ. މިސްކިތުގެ ޖާގަ މުޅިން ކަށަވަރުވާނީ ޑިޒައިން ނިމުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އެންމެ ބޮޑު އިސްލާމީ ބިނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މާލޭގައި މީގެ 41 އަހަރު ކުރިން އިމާރާތް ކުރި އިސްލާމީ މަރުކަޒެވެ. އެތަނުގައި އެއްފަހަރާ 4،500 މީހުންނަށް ނަމާދު ކުރެވެ އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި ބޮޑު މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގާއި ޕާކިން ވެސް ހުންނާނެ ކަމަށާއި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށެވެ.
ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް ހިމެނޭ އެ މިސްކިތް އެޅުމުގެ މަޝްރޫއުއަށް ރާއްޖެއިން ބޭރުގެ ހެޔޮ އެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖޭގައި ގާއިމު ކުރެވޭ ވަރަށް މުހިންމު އިސްލާމީ މަޝްރޫއަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
އެ މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ތަފްސީލު ޑިޒައިން އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.
މިސްކިތް ޑިޒައިން ކުރަނީ ރާއްޖެއިން ބޭރުގެ ކަމުގެ ތަޖުރިބާކާރުން ކަމަށާއި އެ މަޝްރޫއުގެ ޑިޒައިނިން ހިމެނޭހެން ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފާރާތުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފަންޑު ކުރި މީހުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.